އެންމެ ލޯބިން ގެންގުޅެ ބޮޑުކުރާ ފިރިހެންދަރިފުޅު މައިންބަފައިން މުސްކުޅިވާ ދުވަހު ނިކަމެތިކޮށްލީމާ ހުރިހާ ޒިންމާތަކެއް އުފުލާ އަންހެން ދަރިން މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އެންމެ ލޯބިން ގެންގުޅެ ބޮޑުކުރާ ފިރިހެންދަރިފުޅު މައިންބަފައިން މުސްކުޅިވާ ދުވަހު ނިކަމެތިކޮށްލީމާ ހުރިހާ ޒިންމާތަކެއް އުފުލާ އަންހެން ދަރިން މަދެއް ނޫން!

އަހުރެންގެ ވާހަކަ ފަށާނީ ޙާދިސާއަކުންނެވެ.  

އެދެމަފިރިންގެ ތިބެނީ އަންހެންދަރިއަކާއި ފިރިހެން ދަރިއެކެވެ. ދޮށީ ފިރިހެން ދަރިފުޅެވެ. ގެންގުޅެ ބޮޑުކުރީ ދެދަރިން ވަރަށް ތަފާތުކޮށްގެންނެވެ. މިބުނަނީ ކޮށްދޭންޖެހޭ ކަންކަން ކޮށްދިން ނަމަވެސް ލޯބިދިނުމުގައި ތަފާތުކުރާ ވާހަކައެވެ.  

އެހެންވެ އަންހެން ދަރިފުޅަށް ކައިވެނިކުރެވުމާއިއެކު ފިރިމީހާގެ ގެއަށް ބަދަލުވިއެވެ. އެހިސާބުން އޮތީ ގާތްގަނޑަކަށް ޢާއިލީ ގުޅުން ކެނޑިފައެވެ. ނަމަވެސް އަންހެންދަރިފުޅު ދޭތެރެ ދޭތެރެއިން ގުޅައި ޙާލުބަލައެވެ. ފިރިހެން ދަރިފުޅު ހުރީ މައިންބަފައިންގެ ތަނަވަސްކަމުގެ މައްޗަށް އަތްގަދަކޮށްގެން ކަމަށްވާތީ ހަދިޔާއެއް ދިނުން ފިޔަވައި ޚަރަދެއް ނުކުރެއެވެ.  

އަންހެން ދަރިފުޅަށް 2 ދަރިން ލިބުނުތަނާ އެނގުނީ މަންމަޢާއި ބައްޕަ ގެއިން ބޭރުކޮށްލައިފިކަމެވެ. އެހެންވެ ދިރިއުޅެނީ މަންމަ ފަރާތުން ބޮޑުދައިތައެއްގެ ގާތުގައި ކަމެވެ. އެކަން އެނގުމާއިއެކު ދެމަފިރިން އެކުގައި ގޮސް މަންމަ ޢާއި ބައްޕަ އެމީހުން ދިރިއުޅޭތަނަށް ގެނައެވެ. މިޙާލަތަށް ކަންކަން ދިއައިރުވެސް އަންގައިނުލީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އަންހެންދަރިފުޅާއިމެދު ކަންކަންކުރެވުނު ގޮތުން ލަދުން ކަމަށެވެ.  

ޖަވާބުގައި އަންހެންދަރިފުޅު ބުންޏެވެ. "ކުރީގެ އެއްވެސް ކަމެއް މިހާރު ހަނދާނެއްވެސް ނެތެވެ. ހަނދާން ހުންނަނީ ކިޔަވައިދޭން ކުރިމަސައްކަތާއި ކުރި ބޮޑު ހޭދައެވެ. އަންނައުނު ހޯދައިދިންކަމެވެ. ބޭނުންވި ކަންކަން ކޮށްދިން ކަމެވެ. ޔަޤީންކުރަނީ މިހައި ރަނގަޅު ވަޒީފާއެއް ލިބިފައިވަނީ މަންމައާއި ބައްޕަގެ ސަބަބުން ކިޔެވުނީތީ ކަމެވެ. މިގޭގައި ހުރީ ތަންކޮޅެއް ކުޑަ ކޮޓަރިއެކެވެ. ގޭގައި މަންމަމެން ނިދިވަރުގެ ބޮޑު ކޮޓަރިއެއް ނޫނެވެ. އެކަމަކު ދެމީހުންނަށް އުޅެލެވޭނެއެވެ. އެއްވެސް ކަމަކަށް ދައްޗެއް ނުވާނެއެވެ.  

ދޮންބެ ތިއަގޮތަށް ކަންތައް ތިއަކުރީ އޭނާގެ އަނބިމީހާގެ ނުފޫޒުގައިކަމަށްވެސް ވެދާނެއެވެ. އަހުރެންގެ ފިރިޟިހާއަކީ ވަރަށް ތަފާތު މީހެކެވެ. ކައިވެނީކުރީވެސް މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަހުރެންގެ މައިންބަފައިންނަކީ އޭނާގެވެސް މައިންބަފައިން ކަމަށް ޤަބޫލުކޮށްގެން ގެންގުޅޭނެކަމަށް ބުނެފައެވެ. ވީމާ މިގެއަކުން މަންމަމެން ހިތްހަމަނުޖެހޭ ފަދަ އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ."  

އަނބިމީހާ ވާހަކަދައްކައިނިމުމުން އެވާހަކަތަކަކީ އެކަން އޮތްކަމަށް ފިރިމީހާވެސް ބުނެ މަންމަ ޢާއި ބައްޕަގެ ހިތް ހަމަޖައްސައިދިނެވެ. ދެމަފިރިންވެސް މަންމައާއި ބައްޕައަށް ކަންކަން ކުރީ ވަރަށް ލޯބިންނެވެ. ޙައްޤު އިޙްތިރާމް އަދާކުރަމުންނެވެ.  

ދެން މިބުނަނީ ނަބީޙަތުގެ ބަސްކޮޅެވެ. މިފަދަ ޙާދިސާތައް ހިނގަނީ މަދަކުންނޫނެވެ. މައިންބަފައިންނަށް ވަކިދަރިއަކު ދެކެ ބޮޑަށް ލޯބިވެ އެހެން ދަރިންގެ ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ނުކުރާށެވެ! މިފަދަ ޙާލެއްގައި ޖެހޭ ދުވަހު އަޅާލައި އެހީތެރިވާނީ ކޮންދަރިއަކުކަމެއް ނުއެނގޭނެއެވެ. އެންމެ ބޮޑަށް ލޯބިވީ ދަރިފުޅުގެ ކިބައިން ގިނަ ފަހަރު ލިބިފައި އޮންނަނީ އޮންނަނީ ނިކަމެތި ކަމެވެ. ކުރިމަތިވަނީ މިކިޔައިދިން ޙާދިސާގައިވެސް ކުރިމަތިވި ފަދަ ޙާލަތެވެ.  

ހިތާމައަކީ މިފަދަ ކަންކަން އަބަދުހެން ވިސްނައިދެވޭއިރުވެސް ނުވިސްނޭ މީހުން ގިނަކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ފަރުސަކުން

މިއަދު އޮންލައިން