މިއުންމަތުގެ މީހުންނަށް އޮތް އުފާވެރިކަމުގެ ޚަބަރަކީ ސުވަރުގެވައްދަވާނެ އަޅުތަކުންގެ ތެރެއިން ފުރަތަމަ ވައްދަވާނީ މިއުންމަތުގެ މީހުން ކަމެވެ. ހިތާމަވެރި ޚަބަރަކީ ނަރަކައަށް ފުރަތަމަ އެއްލައިލެވޭނީ މުސްލިމުންގެ ތެރެއިން 3 މީހަކު ކަމެވެ. އެކަމުން އެނގިގެން މިދަނީ މުސްލިމެއްގެ ނަމުގައި ހުރުމަކީ ނަރަކައިން ސަލާމަތްވެވެން އޮތް ސަބަބެއް ނޫންކަމެވެ.
ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ޤަބޫލުކޮށްފިނަމަ އެމީހަކު ވާނީ މުސްލިމަކަށެވެ. ނަމަވެސް އެންމެ ކާމިޔާބު މުސްލިމަކަށްވާން ބޭނުންނަމަ އިތުރު ހަރުފަތްތަކެއް ގިރާކުރަންޖެހެއެވެ. ޢަމަލުތަކެއް ކުރަންޖެހެއެވެ.
ވީމާ މިކިޔައިދެނީ އެންމެ ކާމިޔާބު މުސްލިމަކަށްވުމަށް ޢަމަލުކުރަންޖެހޭނެ ގޮތެވެ!
ފުރަތަމަ ކަމަކަށް ފަރުޟުތަކަށް އިސްކަންދީގެން އިތުރަށް ތިމާކުރާނެ ޢަމަލުތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގައި ވަރުގަދައަށް ޘާބިތުވާށެވެ! ފާފަތަކަށް އަރައިނުގަނެ ހުންނަން މަސައްކަތްކުރަމުން އެމީހަކު ކުރަން ކަނޑައެޅި ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުންނާށެވެ! 2 ތިމާގެ ޢަޤީދާ ބަލިކަށިވާނެ، އިސްލާމް ދީނާއި ދުރަށް ޖެހިދާނެ އެއްވެސް ކަމަކާއި އެފަދަ އެއްވެސް މީހަކާއި ކައިރިވެސް ނުވާށެވެ! 3 ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 4 އިޙްޞާންތެރިކަން އިސްކޮށް މިންވަރަށް އީމާންވުމުގައި ޘާބިތުވާށެވެ!
މިކަންކަމުގެ ތެރެއިން ފުރަތަމަ މިބުނި ކަންތަކުގައި ޘާބިތުވެ ހުރެވިއްޖެނަމަ ދެންހުރި ކަންކަން ލިބިގަތުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ.
ހެޔޮ ޢަމަލުތައް ކުރަން ގިނަ ބައަކު މަސައްކަތް ފަށައެވެ. ނަމަވެސް ޘާބިތުނެވެނީއެވެ. ފޭލްވަނީއެވެ. އެއީ މިބަޔާންކުރި 4 ކަންތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ އެކަންކަމަށް ސަމާލުކަން ދެވޭނަމަ ޝައިޠޯނާއަށް އެމީހަކާއި ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
ޤިޔާމަތް ދުވަހު ފުރަތަމަ ނަރަކައަށް ވަންނަންޖެހޭނެ ބައަކު މުސްލިމުންގެ ތެރޭގައިވާނެއެވެ. އެމީހުންނަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެވަދެވޭނީ ﷲ ތަޢާލާ އެމީހަކަށް ކަނޑައަޅުއްވަވާ މުއްދަތެއް ފާއިތުވުމުންނެވެ. މަސައްކަތްކުރަންވީ އެމީހުންގެ ތެރޭގައި ނުހިމެނި ފުރަތަމަވެސް ސުވަރުގެ ވައްދަވާ މުސްލިމަކު ކަމުގައި ވެވޭތޯއެވެ. އެންމެ ކާމިޔާބު މުސްލިމަކަށްވެވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން