ކާފިރޫން ސޫރަތް ކިޔެވުން: ޝިރުކުން ސަލާމަތްކޮށްދޭނެ ސަބަބެއް! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 5މ 43ސ
ކާފިރޫން ސޫރަތް ކިޔެވުން: ޝިރުކުން ސަލާމަތްކޮށްދޭނެ ސަބަބެއް! އިން ޝާ ﷲ

ޝިކުރުކުރުމާއި ބެހޭގޮތުން ގިނަ ބައަކަށް މިއަދު މިވަނީ ޣާފިލުވެވިފައެވެ. ޤަޞްދަކާއި ނުލައިވެސް ޝިރުކުގެ ބަސްތައް އެބަ ބުނެއެވެ. މިޘާލަކަށް ބުނާނަމަ ރުޅިއަންނަ ހިނދު "އަހުރެންގެ ރިޒުޤް ނިކަން ހުއްޓުވަބަލަ" މިފަދަ ބަސްތައް އެބަ ބުނެއެވެ. 

ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ މީހަކަށް ދެއްވަވާ ރިޒުޤް ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ. ވީމާ މިފަދަ ބަހެއް ބުނެވުމުން އެބުނެވެނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށް ލިބިވޮޑިގެންވާ ބާރެއް އެހެން މީހަކަށް ނިޞްބަތްކޮށެވެ. އެހެނެއް ނޫނެވެ. ބުނާށެވެ! "ތިމަންނާއަށް ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް ހުރަސް އެޅޭނެ މީހަކު ނުހުންނާނެއެވެ. ތިބާއަކަށްވެސް ނުއެޅޭނެއެވެ." އެއިރުން ވާނީ ﷲ ތަޢާލާ މަތިވެރިކުރުމުގެ ތެރެއިންނެވެ.  

ޝިރުކް ކުރުމުގެ ދަރަޖަތައް އެބަހުއްޓެވެ. މަސައްކަތްކުރަންވީ ޝިރުކަކަށްވެދާނެ ކިތަންމެ ކުޑަ ބަހެއްވެސް ނުބުނުމަށާއި ޢެފަދަ ޢަމަލެއްވެސް ނުކުރުމަށެވެ.  

ކާފިރޫން ސޫރަތާއި ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް: 

ކާފިރޫން ސޫރަތަކީ ޝިރުކުން ބަރީއަކޮށްދޭ ސޫރަތެކެވެ.

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައި ވެއެވެ.

أنَّهُ أتَى النَّبيَّ صلَّى اللَّهُ علَيهِ وسلَّمَ فقالَ : يا رسولَ اللَّهِ علِّمني شيئًا أقولُهُ إذا أوَيتُ إلى فِراشي ، فقالَ : اقرأ : قُلْ يَا أَيُّهَا الْكَافِرُونَ فإنَّها براءةٌ منَ الشِّركِ

ފަރްވަތު ބުން ނައުފަލް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެން ނައުފަލް ވިދާޅުވިއެވެ." އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު އެނދުގައި އޮށޯންނަހިނދު ކިޔާނެ އެއްޗެއް އުނގަންނަވައި ދެއްވާށެވެ. ދެން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު قُلْ يَا أَيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކިޔަވާ ވިދާޅުވާށެވެ. ފަހެ އެއީ ޝިރުކުން ބަރީއަކޮށްދޭ ސޫރަތެކެވެ.

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

ކާފިރޫން ސޫރަތަކީ ކީރިތި ގުރްއާނުގެ ހަތަރުބަޔާ އެއްވަރުގެ ސޫރަތެކެވެ.

ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައިވެއެވެ.

(قُلْ هو اللَّهُ أحَدٌ تعدلُ ثلثَ القرآنِ، و قُلْ يَا أيُّهَا الْكَافِرُونَ تعدلُ ربعَ القرآنِ)

މާނައީ: قُلْ هو اللَّهُ أحَدٌ (އިޚްލާޞް ސޫރަތް) ކީރިތި ގުރްއާނުގެ ތިން ބަޔާއި އެއްވަރެވެ. قُلْ يَا أيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކީރިތި ގުރްއާނުގެ ހަތަރުބަޔާ އެއްވަރެވެ.

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

ޙަދީޘް:

https://www.abuaminaelias.com/dailyhadithonline/2014/05/21/ikhlaas-1-3-kafirun-1-4/ 

ކާފިރޫން ސޫރަތުގެ ތަޢާރަފް:  

ކާފިރޫން ސޫރަތަކީ މައްކީ ސޫރަތެކެވެ. އެ ސޫރަތް ބާވައިލެއްވިފައިވަނީ ހިޖުރައިގެ ކުރިން މައްކާގައެވެ. މި ސޫރަތުގައި 6 އާޔަތް އެކުލެވިފައިވެއެވެ. މުޞްހަފުގެ ތަރުތީބަށް ބަލާއިރު މި ސޫރަތަކީ 109 ވަނަ ސޫރަތެވެ. އަދި މި ސޫރަތް ވަނީ ކީރިތި ގުރްއާނުގެ 30 ވަނަ ފޮތުގައެވެ. ކާފިރޫން ސޫރަތް ބާވައިލެއްވުނީ މާޢޫން ސޫރަތައް ފަހުގައެވެ. މި ސޫރަތައް ދެވިފައިވާ އެހެން ނަންތަކުގެ ތެރޭގައި العبادة، والإخلاص، و‏المُقَشْقِشَةُ؛(ޢިބާދާ، އިޚްލާޞް އަދި މުޤަޝްޤިޝަތު) ހިމެނެއެވެ. މީގެ އިތުރުން ކާފިރޫން ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުލް އުލޫހިއްޔާއެވެ. އެއީ އަޅުން ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމާއި، އެއިލާހުގެ އަޅުކަމުގައި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ.  

ކާފިރޫން ސޫރަތް ބާވައިލެއްވުނު ސަބަބު: 

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޤުރައިޝުންގެ ވަފްދެއް އައިސް އެބައިމީހުން ރަސޫލާއަށް ދަޢުވަތު ދެއްވިއެވެ. އެއީ މައްކާގެ އެންމެ މުއްސަނދި މީހާއަށް ވަންދެން ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މުދާ ދިނުމަށާއި، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބޭނުންފުޅުވެވަޑަިގަންނަވާ މީހަކާ ކައިވެނި ބައްލަވައިގަތުމެވެ.  

އަދި އެބައިމީހުން ރަސޫލާއަށް ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. އަހަރުމެން ކަލޭގެފާނާއި ބައްދަލުކުރުމަށް މިއައީ ކަލޭގެފާނާއި އަހަރެމެންނާ ދެމެދުގައި އެއްބަސްވުމެއް ވާށެވެ. އަދި އަހަރެމެންގެ ކަލާންގެތަކަށް ފުރައްސާރަކުރުން ހުއްޓާލާ އެކަލާންގެތަކަށް ބަދުބަސް ވިދާޅުނުވާށެވެ. އަދި އެހެން ކަންތައް ނުކުރައްވާނަމަ އަހަރެމެން އަޅުކަން ކުރާ ބުދުތަކަށް ކަލޭގެފާނު އެއް އަހަރު ވަންދެން އަޅުކަން ކުރައްވާށެވެ.  

ދެން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ކިބައިން ތިމަންކަލޭގެފާނަށް ވަޙީއެއް އަންނަންދެން މަޑުކުރައްވާ ކަމަށް އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ދެން ﷲ ތަޢާލާ ކާފިރޫން ސޫރަތް ބާވައިލެއްވިއެވެ.

 

 

މިއަދު އޮންލައިން