މަރުވުމަކީ އެންމެ މުހިންމު ބައިގެ ފެށުން! މަރުވީމާ ނިމުނީކަމަށް ޤަބޫލުކުރުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން ބައިވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މަރުވުމަކީ އެންމެ މުހިންމު ބައިގެ ފެށުން! މަރުވީމާ ނިމުނީކަމަށް ޤަބޫލުކުރުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން ބައިވަރު!

ދުނިޔޭގައި ހުރެވޭނަމަ ހެޔޮ ޢަމަލުކުރެވޭނެއެވެ. ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދެންނެވޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކުރަން މަސައްކަތްކުރެވޭނެއެވެ. ނަމަވެސް މަރުވާ ހިސާބުން އެއޮތީ ތިމާގެ އަމިއްލަ ބާރުކެނޑިފައެވެ. އަމިއްލައަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.  

މަރުވުމުގެ ޙަޤީޤަތަށް ބަލައިފިނަމަ މަރުވުމަކީ ހަށިގަނޑުން ފުރާނަ ނެރުއްވެވުމެވެ. ވީމާ ފަނާވެގެންދާނީ ހަށިގަނޑެވެ. ފުރާނައަށް މަރުވުމެއް ނުވަތަ ނިމުމެއް ނުވެއެވެ. އެންމެ ކުޑަމިނުން ކައްވަޅުގައި ނިދައިލެވޭނީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގައި އުޅެ ހެޔޮލަފާ ނިމުމެއް ލިބުނު މީހަކަށެވެ. ނޫންނަމަ ކައްވަޅުގައި ހޭދަކުރަންޖެހޭނެ ދިގު ޙަޔާތުގައި ހިނދުކޮޅަކަށްވެސް ލޯމަރައި ނުލެވޭނެއެވެ. އޮންނަން ޖެހޭނީ ޢަޛާބް ލިބިލިބިއެވެ.  

ދެން ނިކަން ބުނެބަލާށެވެ! މަރުވުމަކީ ނިމުމެއް ހެއްޔެވެ؟ ނިމެނީ ކޮން ގޮތަކުން ހެއްޔެވެ؟  

ބައެއް މީހުން ވަރަށް ފަސޭހައިން ބުނެލައެވެ. އަހުރެން މަރުވާނީއެވެ. ނޫނީ ދާދި އަވަހަށް މަރުވެދާނެއެވެ. އެއިރުން އެ ނިމުނީއެވެ.  

ނިކަން މިކުރާ ސުވާލަށް ޖަވާބުދީބަލާށެވެ! މަރުވީމާ އެއީ ނިމުނީ ކަމަށް ބަލައިގެން ފުދޭނެނަމަ އެއިގެ މާނައަކީ ފަހަތުން އާޚިރަތް ދުވަސް އަންނާނެ ކަމަށް ޤަބޫލުނުކުރެވޭކަން ނޫންހެއްޔެވެ؟ އަދި ޙިސާބު ބައްލަވައި ނަރަކައަށް ނުވަތަ ސުވަރުގެއަށް ވައްދަވާނެ ކަމަށްވެސް ޤަބޫލުނުކުރެވުން ނޫން ހެއްޔެވެ؟  

އަދި ނިކަން މިސުވާލުތަކަށްވެސް ޖަވާބުދީބަލާށެވެ!   

މަރުވީމާ އެހިސާބުން ނިމޭނެ ނަމަ ކައްވަޅުން ތެދުވާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ އާޚިރަތް ދުވަހާއި ބައްދަލެއް ނުވާނެ ނޫންހެއްޔެވެ؟ ޤިޔާމަތް ދުވަހުގެ އެއްވެސް ކަމެއް އެމީހަކާއި ބައްދަލުނުވެ އަބަދު އޮންނާނީ ކައްވަޅުގައި ނޫންހެއްޔެވެ؟  

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންނޭވެ! ދިރިއުޅުމުގައި ހިތްހަމަނުޖެހޭ ކަންކަން މެދުވެރިވާ ވަޤުތަކީ ޝައިޠޯނާ އެންމެ ބޮޑަށް އެމީހާގެ މައްޗަށް ވެރިވެ ގަންގަން މަސައްކަތްކުރާނެ ވަޤުތެވެ. އަތުންފައިން ހެދޭނެ އެންމެ ބޮޑު ގޯސް ހައްދުވަން މަސައްކަތް ކުރާނެ ވަޤުތެވެ. މަރުވީމާ ނިމުނީކަމަށް ވަސްވާސްދެނީ ޝައިޠޯނާ އެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ޢަމަލުކުރެވިއްޖެނަމަ އެކަން ވެގެންދިއުން އެންމެ ގާތީ އަމިއްލައަށް ނަރަކައަށް ވެއްޓިގަތުން ފަދަ ކަމަކަށްކަން އަބަދުވެސް މިދަނީ ފެނި ސާބިތުވަމުންނެވެ.  

ވީމާ ބުއްދީގެ ބޭނުންހިފާށެވެ! މަރުވުމަކީ ދިރިއުޅުމުގެ ނިމުމެވެ. ނަމަވެސް ފުރާނައިގެ ޙަޔާތަކީ ނިމެންއޮތް ކަމެއް ނޫނެވެ.  މަރުވުމަކީ އެމީހަކަށް އޮތް ދުވަހަކުވެސް ނިމުމެއް ނުވާ ޙަޔާތުގެ ފެށުމެވެ. ވީމާ މަރުވުމުން އެއީ ނިމުނީ ކަމަށް ޤަބޫލުކުރާނީވެސް އެންމެ ބޮޑެތި މޮޔައިންނަށް ވުމުން ނޫންހެއްޔެވެ؟ ދުޢާ އަކީ އަހުރެމެން އެންމެންނަށްވެސް ހެޔޮ ވިސްނުން މިންވަރު ކުރެއްވެވުމެވެ. ޢާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން