ފިރިމީހާގެ ރަނގަޅުކަން ވަޒަންކުރާނަމަ 99 އިންސައްތަ ދޭންޖެހޭނެ ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފިރިމީހާގެ ރަނގަޅުކަން ވަޒަންކުރާނަމަ 99 އިންސައްތަ ދޭންޖެހޭނެ ފިރިއެއްގެ ވާހަކަ-

ފިރިމީހާ އަޅުގަނޑުދެކެ ލޯބިވާކަމާ އޭނާގެ ރަނގަޅުކަން ދެނެގަންނަން ބަލަންޖެހޭނީ ކޮން ކަންކަމަކަށްތޯ ބައެއް ކިޔުންތެރިން ކުރައްވާ ސުވާލަށް ޖަވާބެއްދޭން މަސައްކަތްކުރާނަމެވެ.  

ފިރިމީހާގެ ރަނގަޅުކަން އެކިއަންހެނުން ވަޒަންކުރަނީ އެކި ގޮތަށެވެ. ލޯބިދޭވަރު، ޚަރަދުކުރާވަރު، ތެދުވެރިވާވަރު، އަޅައިލާވަރު، ފޯނުކޮށް މެސެޖްކުރާވަރު މިހެންގޮސް މިފަދަ އެތައް ކަމަކުންނެވެ. އަހުރެން ބުނާނީ މިފަދަ ހުރިހާ ކަމަކަށް 1 އިންސައްތަ މާކްސްދޭށެވެ! 99 އިންސައްތަ ދޭންޖެހޭ ކަންތައް މިކިޔައިދެނީއެވެ.  

ފިރިމީހާ ގެއަށް އައިސް އަނބިމީހާ އާއި ސުވާލުކުރިއެވެ. "ޢަޞްރު ނަމާދުކޮށްފިން ހެއްޔެވެ؟" 

ޖަވާބުގައި ބުނީ ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ބޭރުން އައިއިރު ވަރުބަލިވެފައި ހުރުމުން ފަރުވާކުޑަކޮށްލާފައި ނިދުނީ ކަމަށެވެ.  

އަނެއް ދުވަހަކީ ފިރިމީހާ އެހެން ސިޓީއަކަށްދާން އޮތް ދުވަހެކެވެ. ދަތުރު ނިންމައި ފްލައިޓް ޖައްސާނެ ވަގުތު ބަލައި ފިރިމީހާއަށް އަނބިމީހާ ގުޅަމުން ގެންދިއައެވެ. ފޯން ރިންގވެއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ.  

ފިރިމީހާ އަނބިމީހާއަށް ގުޅިއެވެ. ހޮޓަލަށް ދެވުނުތާ 4 ގަޑިއިރު ފަހުންނެވެ. އަނބިމީހާގެ ފޯނުކޯލުތަކަށް ޖަވާބުނުދީ އެހައި ލަސްކުރީތީ ގިނަ ޝަކުވާތަކެއް ކުރިއެވެ.  

ފިރިމީހާ ބުންޏެވެ. "ވަރުބަލިވެފައި ހުރުމުން ނިދައިލީއެވެ."  

ޖަވާބުގައި "ފޯނު ނަގާފައި 3،4 މިނިޓް ވާހަކަ ދައްކާލާފައި ނުނިދީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ފިރިމީހާ ބުންޏެވެ. "އިއްޔެ ތިބާ ނިދުމުގެ ކުރިން ނަމާދުކޮށްލަން ނަގާނީ ހަމަ 4،5 މިނިޓް ނޫންހެއްޔެވެ؟ އަހަރެންނަށް ފޯނުކުރުމަށްވުރެ ﷲ ތަޢާލާގެ ގޮވާލެއްވެވުމަށް (ބަންގިއަށް) ޢިޖާބްދިނުން މާ މުހިންމު ނޫން ހެއްޔެވެ؟ ބޮޑަށް ލޯބިވާންވީވެސް ފަރުވާ ބަހައްޓަންވީވެސް ﷲ ތަޢާލާއަށް ނޫން ހެއްޔެވެ؟" 

އަނބިމީހާ މާފަށް އެދުމުން ފިރިމީހާ ބުންޏެވެ. "މާފަށް އެދެންވީ އަހަރެންގެ ކިބައަކުން ނޫނެވެ! ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަހަރެންނަށް ލޯބިދެވެނީވެސް އަދި ކަމެއް ކޮށްދެވެނީވެސް ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ދެމީހުންނަށް އެކުގައި ސުވަރުގެ ވަދެވޭނީ އެކަމަށް އެދިގެން ދެމީހުން ކުރާ މަސައްކަތުންނެވެ."  

ލޮބުވެތި އުޚުތުންނޭވެ! ތިއަ ކަނބަލުންދެކެ ޙަޤީޤީ ލޯބިވާ ފިރިއަކު ނަމަ އެންމެ ބޮޑަށް ބޭނުންވާނީ ތިބާ އާއިއެކު ސުވަރުގޭގައިވުމަށެވެ! އެފަދަ ފިރިން އެންމެ ބޮޑަށް ކަންބޮޑުވާނީ އަނބިމީހާގެ ނަމާދާއިމެދުގައެވެ. އަދި ހަމަ އަނބިމީހާވެސް ހަމަ މިގޮތަށް ފިރިމީހާ އާއިމެދު ކަންތައްކުރަންވާނެއެވެ. ވިސްނައިދޭންޖެހޭ ކަންކަމުގައި ވިސްނައިދޭންވާނެއެވެ! ދެމަފިރިންނަށް އެކުގައި ސުވަރުގެ ވަދެވޭނީ އެއިރުންނެވެ.  

މިފަދަ ފިރިއަކު ލިބިއްޖެނަމަ ކިޔަމަންތެރިވުމުގެ ގޮތުން ކުރިމަތީގައި ނުކުރާ އެއްވެސް ކަމެއް ނުބާއްވާށެވެ! ވަކިނުވެ އެކުގައި ދިރިއުޅެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާށެވެ! އިން ޝާ ﷲ އޭނާވާނީ ތިބާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނާނެ ފިރިއަކަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން