އެހެން މީހުންގެ އެހީތެރިކަން ލިބޭނީ ލިބޭ ހިތްދަތިކަމުން އަރައިގަންނަން އަމިއްލައަށް މަސައްކަތްކުރާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އެހެން މީހުންގެ އެހީތެރިކަން ލިބޭނީ ލިބޭ ހިތްދަތިކަމުން އަރައިގަންނަން އަމިއްލައަށް މަސައްކަތްކުރާ މީހުންނަށް!

ފުރަތަމަ ފާފަކުރެވޭ މީހުންގެ ވާހަކަ: 

އަހުރެމެންގެ ދަރިން ހިނގަން ދަސްކުރަން އުޅޭއިރު ކިތައް ފަހަރަށް ވެއްޓޭހެއްޔެވެ؟ ހިނގައި ގަނެވެނީ ކިތައް ސަތޭކަފަހަރު ވެއްޓޭ ފަހުންހެއްޔެވެ؟ އަދި ބޮޑުވެ ތަޝައްރަފްފުދުމަށްފަހު އުޅެމުން މިދާއިރުވެސް ކިތައްފަހަރު، ކިތައް ތަނުން ވެއްޓިއްޖެހެއްޔެވެ؟ 

މިހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ އަހުރެމެންނަކީ އަބަދުވެސް ވެއްޓޭނެ ބައަކު ކަމެވެ. ވެއްޓުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނާނެ ކަމެއް ކަމެވެ. ވެއްޓުމުން އޮތީ ތެދުވެ ހިނގައިގަތުންކަމެވެ. ވެއްޓުމުން ދެން ނުތެދުވެވޭނެކަމަށް ބަލައިގެން ވެއްޓުނުތަނުގައި އޮތް މީހަކު ނަމަ ޖެހޭނީ އެތަނުގައި އޮވެގެން ނިމިދާންކަމެވެ. 

އަހުރެމެންނަށް ފާފަކުރެވުންވެސް އޮތީ ހަމަ މިފަދައިންނެވެ. ފާފަކުރެވޭނެއެވެ. ވަކި ޢުމުރެއްގައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް ފާފަކުރެވޭނެއެވެ. އަހުރެމެންނަށް އޮތީ ތައުބާވެލައި އެކަމުން އަރައިގަނެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގަތުމެވެ. 

މިސާލަކަށް ތިބާ ހިނގާފައި ކުރިއަށްދަނީއެވެ. ފަހަތުން އައިސް ޝައިޠޯނާ ތިބާގެ ބުރަކަށީގައި އަތްއަޅައި ކޮއްޕާ ވައްޓައިލަނީއެވެ. ދެން ނުތެދުވެ އެތަނުގައި އޮންނާނީ ހެއްޔެވެ؟ އޮންނަންވީވެސް ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ. އިބިލީހަށް ވަޙީކުރެއްވެވީ ކަލޭ މީސްތަކުން ލައްވައި ކިތަންމެ ގިނަ ފާފަތަކެއް ކުރުވިނަމަވެސް އެމީހަކު ތައުބާވާއިރަށް ފާފަތައް ފުއްސަވައިދެއްވަވާހުށީމެވެ. އިބިލީހަށް ލިބޭ އެންމެ ބޮޑު މާޔޫސްކަމަކީވެސް މީހަކު ތައުބާވާއިރަށް އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ. 

މީސްތަކުންނޭވެ! ފާފައެއް ކުރެވިއްޖެނަމަ އެއިގެ ކުޑަބޮޑު ބަލައި މިންއަޅަން ނުއުޅޭށެވެ. ފާފައެއް ކުރެވުނުކަން އިޙްޞާޞްކުރެވުމާއިއެކު އަވަހަށް ތައުބާވާށެވެ! އެއިރުން އެމީހަކު ވާހުށީ ސުވަރުގޭގެ އުފާވެރިކަން ލިބިގެންނެވެ. އިން ޝާ ﷲ 

ހިތްދަތިކަން ލިބޭ މީހުންގެ ވާހަކަ: 

އަދި މިޘާލު އަމިއްލަ ދިރިއުޅުމާއިވެސް ގުޅުވައިލާނަމެވެ. ދިރިއުޅުމެންދަނިކޮށް ދެރަގޮތެއް މެދުވެރިވުމުން މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވާ މީހަކަށް ކުރިއަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ ކުރިން ބުނިފަދައިން ވެއްޓޭނެއެވެ. ވެއްޓުނީމާ ތެދުވަން އަމިއްލައަށް މަސައްކަތް ނުކުރާ މީހަކު ގަދަކަމުން ތެދުކުރުވަން ކުރާ މަސައްކަތުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާކުރާނީ އަމިއްލައަށް ހިތްވަރުކޮށް ކުރިއަށްދާން މަސައްކަތްކުރާމީހުންނަށެވެ. އެހެން މީހުންވެސް އެހީތެރިވާން ބޭނުންވާނީ އެފަދަ މީހުންނަށެވެ. 

ދިރިއުޅުމުގައި ހިތްދަތި ޙާލަތެއް ކުރިމަތިވީއެވެ. އެކަމަށް މާޔޫސްވެ ހިތްވަރު އެލުވައިނުލާށެވެ! އެކަމުން އަރައިގަންނަން މަސައްކަތްކުރާށެވެ. ކައިވެނި ރޫޅިއްޖެނަމަ ދެވަނަ ކައިވެނިކުރަން މަސައްކަތްކުރާށެވެ!  ﷲ ތަޢާލާގެ އިންތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރާނަމަ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން