ފާޙިޝް ޢަމަލުތައް ހުއްޓުވޭނީ ނުކުރަން ބުނެގެނެއް ނޫން! ޤުރްއާނުގަ އޮތްމަގުން ޙުކުމްކޮށް ތަންފީޒުވެސްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފާޙިޝް ޢަމަލުތައް ހުއްޓުވޭނީ ނުކުރަން ބުނެގެނެއް ނޫން! ޤުރްއާނުގަ އޮތްމަގުން ޙުކުމްކޮށް ތަންފީޒުވެސްކޮށްގެން!

ޖިންސީ އެދުންތައް ފުއްދަން ބޭނުންވުމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ކަމެކެވެ. އެކަމަށް ދެކޮޅުހެދުމެއް ނެތެވެ. އިންސާނާގެ ޠަބީޢަތުގައި އެކަން ލެއްވެވި ﷲ ތަޢާލާ ވަނީ އެކަމުގައި ޢަމަލުކުރަންވީ ގޮތްވެސް އަންގަވައިފައެވެ. އެއީ ދީން ހުއްދަ ނުކުރާ ގޮތަށް އެފަދަ ޢަމަލުތައްކުރުމެވެ. ކައިވެނިކޮށްގެން އުފާ ހޯދުމެވެ. 

ކައިވެނީގެ ބޭރުން އެކަންކުރާ މީހުންނަށް އޮތީ އަދަބުދިނުމެވެ. އަދި އެވަރަކުން ނިންމަވައެއް ނުލައްވަވައެވެ. ދޭންވީ އަދަބުވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. 

ﷲ ތަޢާލާގެ އަމުރުފުޅަށް ބޯލަނބައި އިސްލާމީ މުޖުތަމަޢުތަކުގެތެރެއިން ބައެއް މުޖުތަމައުތަކުގައި ފާހިޝް އަމަލުތައް ކުރުމުން އަދަބުދެއެވެ. އަނެއްބައި މުޖުތަމައުތަކުގައިވަނީ އަދަބުދޭން ނުކުޅެދިފައެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށްވުރެ އެމީހުން ތިބީ މާމަތީގައިކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ. 

ކޮންމެއަކަސް ފެންނަން އޮތް ޙަޤީޤަތަކީ  އަދަބުދޭ މުޖުތަމަޢުތަކުގައި ފާހިޝް ޢަމަލުކުރުން މަދުކަމެވެ. އަދަބު ނުދޭ މުޖުތަމައުތަކުގައި އެފަދަ ޢަމަލުތައް ކުރުން ދަނީ އިންތިހާއަށް އިތުރުވަމުންކަމެވެ. 

ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ މިފަދައިންނެވެ! 

"އަދި، ތިއަބައިމީހުންގެތެރެއިން ފާހިޝް ޢަމަލުތައް ގެނެސްގަންނަ ދެމީހުންނަށް ތިއަބައިމީހުން އަދަބުދޭށެވެ! ފަހެ، އެދެމީހުން ތައުބާވެ، އަދި، އެއުރެންގެ ޢަމަލު އިޞްލާޙްކޮށްފިނަމަ، އެދެމީހުންގެކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވަވާ ރަޙީމްވަންތަ ރަސްކަލާނގެއވެ!" (އައްނިސާ: 16) 

ފާހިޝް ޢަމަލު ކުރުމުން އެމީހަކު ކުރި ފާފައަށް ބަލައި އަދަބުދޭންޖެހޭ ގޮތާއި އަދަބުދޭންޖެހޭ މިންވަރު އިސްލާމީ ޝަރީޢަތުގައި ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ! ވީމާ ކީރިތި ޤުރްއާނުގައި މިއާޔަތްއޮތްކަން ނޭނގޭ، މިއާޔަތަށް ޢަމަލުނުކުރާ މުޖުތަމައުއެއްގައި ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް ނުކުރަން ހުކުރު ޚުޠުބާގައި ކިޔުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެބާވަތުގެ ޢަމަލުކުރާ މީހުން ޢާންމުގޮތެއްގައި ޚުޠުބާގެ އަޑު ނުވެސް އަހާނެއެވެ. ހުކުރަށް ދިއަނަމަވެސް ދާނީ ޚުޠުބާކިޔައި ނިމޭފަހުންނެވެ. 

ވަކިކަމެއް ވަކިގޮތަކަށް ކުރަން ﷲ ތައާލާ ކީރިތި ޤުރްއާނުގައި އަމުރުފުޅުކުރެއްވެވުމުން އެކަން ތަންފީޒުނުކުރާނަމަ އެއީ ފައުޅުގައި ކީރިތި ޤުރްއާނަށް ގޮންޖެހުމެވެ. އެބުނަނީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ކަމުނުދާ ވާހަކައެވެ. މާމޮޅު ގޮތް ތިމާމެންނަށް އެނގޭކަމަށެވެ. 

ސުވާލަކީ މިހެން މިބުނަނީ ކާކުހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ އަޅެކެވެ. އެމީހާގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށް ޤަބޫލުކުރާކަމަށް ދުލުން ބުނަމުން ޢަމަލުން އެކަން ތަންފީޒުނުކުރުމުން މިކުރެވެނީ ކީއްހެއްޔެވެ؟ 

ފާހިޝް އަމަލުތައްވެސް އަދި އެހެން ފާފަތައް ކުރުން ހުއްޓުވޭނީ އަދި މަދުކުރެވޭނީވެސް ފާފަކުރާ މީހުންނަށް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ޢަމަލުކޮށްގެންނެވެ. ހަމައެކަނި ގޮވައިލެވޭ ގޮވާލުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ! އެއިގެ ބަދަލުގައި އެތަމްރީނުކުރެވެނީ ދައްޖާލަށް މަރުޙަބާކިޔާނެ މީހުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން