ވަކީލްކުރާކަމަށް ބުނަމުން އަވަސްއަރައިގަތުމަކީ ރަޙްމަތުން ބޭރުވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ވަކީލްކުރާކަމަށް ބުނަމުން އަވަސްއަރައިގަތުމަކީ ރަޙްމަތުން ބޭރުވެދާނެ ކަމެއް!

ﷲ ތަޢާލާއަށް ވަކީލްކުރުމުގެ ވާހަކަ ދައްކާއިރަށް ކޮންމެ މީހަކުވެސް ބުނާނީ ތިމާއަކީ ވަކީލުކުރާ މީހަކު ކަމަށެވެ. މިހުންނަނީ ވަކީލްކޮށްގެން ކަމަށެވެ. ނަމަވެސް ޢަމަލުން ދެއްކެނީ އެއިގެ އިދިކޮޅެވެ. ބޭނުންވާ ކަމެއް ވަޤުތުން ޙާޞިލުނުކުރެވޭނަމަ ނޭވާ ހާސްވެގެން އުޅޭ މީހަކު ފަދައިން ތެޅިފޮޅެން ފަށައެވެ. 

މިއީ މުސްލިމުންގެ ކިބައިން ފެނިގެންވާނެ ގޮތެއް ނޫނެވެ. އެކަމަކީ އެކަމަކަށް ތިމާގެ އަމިއްލަ ބާރު ހިންގައިގެން ކުރެވެން އޮތް ކަމެއް ނަމަވެސް ތެޅިފޮޅިނުގަންނާށެވެ! ކެތްތެރިވާށެވެ! އަވަސްއަރުވާލައިގެން ކުރެވޭ ކަންކަމުގެ ނަތީޖާ ގިނަފަހަރު އޮންނާނީ ރަނގަޅުނުވެފައެވެ. ކުރި މަސައްކަތް އަލުންކުރަން ޖެހިފައެވެ. އިތުރަށް ޚަރަދުކުރަންވެސް ޖެހިފައެވެ. 

ބަލިވީމާ ޑޮކްޓަރުންދޭ ބޭސް 3 އިރު އިރަކު ގުޅައެއް ކާންބުނީމާ އަވަހަށް ފަސޭހަވާންވެގެން އިރަކު 2 ގުޅަ ކާމީހުން އެބައުޅެއެވެ. އެކަމުން ޞިއްހަތަށް ގެއްލުން އެނގެނީ އެތެރެހަށީގެ ގުނަވަންތައް ހަލާކުވާފަހުންނެވެ. ދެން އޮންނާނީ ރިކަވަރ ނުކުރެވިފައެވެ. 

މީސްތަކުންނޭވެ! ވަކީލްކުރެވޭނީ ކެތްތެރިކަން އިސްކޮށްގެންނެވެ. ކެތްތެރިވެވިގެންނެވެ. ކެތްތެރިވާން ބޭނުންނަމަ އަބަދުވެސް މިބުނެދޭ ޙަޤީޤަތް ޤަބޫލުކުރާށެވެ. 

ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނީ އެކަމަށް އޮތް އެންމެ ރަނގަޅު ވަޤުތުގައެވެ. ވީމާ ތިބާ ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރުމުން އެކަމެއް ހިންމަވައި ދެއްވެވުން ލަސްކުރައްވަވައިފިނަމަ އެކަމަށް ސަބަބެއް އޮންނާނެއެވެ. އަދި ދުނިޔޭގައި އެކަން ޙާޞިލްކޮށް ނުދެއްވެވިނަމަ އެކަމަށްވެސް ސަބަބެއް އޮންނާނެއެވެ. 

ސަމާލުވާށެވެ! ވަކީލްކުރާކަމަށް ބުނަމުން އަވަސްއަރައިގަތުމަކީ ރަޙްމަތުން ބޭރުވެދާނެ ކަމެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ކެތްތެރިނުވެވޭ މީހަކަށް ވަކީލުކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ. ވީމާ ކެތްތެރިކަމާއި ވަކީލްކުރުމަކީ ގުޅި ލާމެހިފައިވާ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން