ދަމުނަމާދަށް ނުހޭލެވޭ ރޭރޭގެ ނިންޖަކީ ރަހްމަތަކަށްވެ ރޭ އަޅުކަންވެސް ކުރިކަމަށް ލިޔުއްވަވާނެ މީހަކަށްވެވެވެން އެބައޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަމުނަމާދަށް ނުހޭލެވޭ ރޭރޭގެ ނިންޖަކީ ރަހްމަތަކަށްވެ ރޭ އަޅުކަންވެސް ކުރިކަމަށް ލިޔުއްވަވާނެ މީހަކަށްވެވެވެން އެބައޮތް! އިން ޝާ ﷲ

ގިނަބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. "އަހަރެން ދަމުނަމާދު ކުރަން ބޭނުމެވެ. ނަމަވެސް ނުހޭލެވެނީއެވެ. ހޭލަން މަސައްކަތްވެސް ކުރަމެވެ. ނަމަވެސް ބައެއް ރޭރޭ ހޭލެވެނީ ފަޖުރުލާފަހުންނެވެ. އަނެއްބައި ރޭރޭ ހޭލެވެނީ އިރުއަރާފަހުންނެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟"

މިމައްސަލައަށް އޮތް ޙައްލަކީ އިޚްލާޞްތެރިކަމާއިއެކު ދަމުނަމާދަށް ހޭލަން ބޭނުންވުމެވެ. ހާމަ ބޭނުންވެއޭ ބުނުމަކުން ނުފުދޭނެއެވެ. އިޚްލާޞްތެރި ނިޔަތެއް ބޭނުންވާނެއެވެ.

އިޚްލާޞްތެރި ނިޔަތެއް އޮތް މީހާ ފުރަތަމަ ކަމަކަށް އަވަހަށް ނިދަން އާދަކުރަންވާނެއެވެ! ޢިޝާ ނަމާދަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް އޮވެގެން ނޫނީ ހޭލައިހުރެގެން ނުވާނެއެވެ. އަދި ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔައި ޛިކުރުތައްވެސް ކިޔަންވާނެއެވެ. ގަޑި ނުވަތަ ފޯނު ސޯނާކުރަންވާނެއެވެ.

މިއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަންކަމެވެ. މިކަންކުރުމުން އިން ޝާ ﷲ އެމީހަކަށް ހޭލެވެން ފަށާނެއެވެ. ފަށައިގަންނައިރު 2، 1 ގަޑިއިރު ނަމާދުކުރަން ވިސްނުމުގެ ބަދަލުގައި ބައިގަޑިއެއްހައި ނުވަތަ 15 މިނިޓް ނަމާދުކުރަން މަސައްކަތްކުރާށެވެ! އެއީ ފުރަތަމަ ފަށައިގަންނައިރު އެހައިކުރިން ނުހޭލެވިދާނެކަމަށްޓަކައެވެ.

ފުރަތަމަ ރޭ ގަޑި ދެގަޑިއިރު ނަމާދުކޮށްފައި ފަހުން ނުކުރެވުމަކީ މާދެރަގޮތެކެވެ. އެހެނީ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ ހެޔޮކަންބޮޑު ޢަމަލަކީ އެއީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭ ހެޔޮ ޢަމަލެވެ.

ހަމައެއާއިއެކު ދަމުނަމާދަށް ކުރިން ހޭލާފައި ވަރުބަލިވެގެން ނިދާލާފައި ފަތިސްނަމާދަށް ނުހޭލެވުމަކީ އަދި މާދެރަކަމެކެވެ. ދަމުނަމާދަކީ ސުންނަތެކެވެ. ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ފައިދާހުރި ނަމާދެވެ. ފަތިސްނަމާދަކީ ފަރުޟެކެވެ.

އެންމެ އުފާވެރިކަމަކީ ކުރިން މިބަޔާންކުރިފަދައިން ދަމުނަމާދުކުރުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްގެން ނިދުމުންވެސް ނުހޭލެވިއްޖެނަމަ ދަމުނަމާދުކުރިކަމުގެ ޘަވާބު އިން ޝާ ﷲ އެމީހަކަށް ދެއްވަވާނެކަމެވެ. އަދި އެރޭގެ ނިންޖަކީ އެމީހާގެ މައްޗަށް ޞަދަޤާތެއްކަމުގައި ލައްވަވައި ދެއްވަވާކަމެވެ. ވީމާ ދަމުނަމާދުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށް ނިދިން ނުހޭލެވުނު ނަމަވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ! އޮތީ އުފާވެރިކަމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން