ވަރިކުރުމަށްފަހު ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކޮށް ދަރިންގެ ލޮލަށް ނުފެނި އުޅޭ މީހުން ވިސްނަންވީ މާދަމާ ޙާޟިރުވެ ނިކަމެތިކަމާއެކު ހުއްޓިހުންނަން ޖެހޭނެ ވަޤުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ވަރިކުރުމަށްފަހު ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކޮށް ދަރިންގެ ލޮލަށް ނުފެނި އުޅޭ މީހުން ވިސްނަންވީ މާދަމާ ޙާޟިރުވެ ނިކަމެތިކަމާއެކު ހުއްޓިހުންނަން ޖެހޭނެ ވަޤުތައް!

ފުރަތަމަ ކަމަކަށް ދަރިންނަކީ 2 މީހުންގެ ދަރިންނެވެ. ކޮންމެ މީހަކު ދަރިން ބެލިނަމަވެސް ދަރިންނަށް މަންމަ ނުވަތަ ބައްޕަގެ ލޯބިލިބުމަށް ހުރަސްއަޅައިގެންނުވާނެއެވެ. އެއީ ދެމީހުންކުރެ އެކަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ.

ދަރިންނަކީ މައިންބަފައިންނާއި ހަވާލުކުރެވޭ ﷲ ތަޢަލާގެ ހައްޤެއްކަމާއި ދަރިން ލިބިމުން ވާޖިބުވެގެންވަނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ތަރުބިއްޔަތުކުރުންކަމާއި އަދި އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖެނަމަ ސަލާމަތެއް ނުވެވޭނެކަމާއި ﷲ ތަޢަލާގެ ޙަޟްރަތުގައި ޖެހޭނީ ޖަވާބުދާރީވާންކަން ނުއެނގެނީ ކޮންބައްޕައަކަށް ނުވަތަ މަންމައަކަށް ހެއްޔެވެ؟

ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކުރާ ބައްޕައިންނޭވެ! ތިބާ ދަރިންނަށް ޚަރަދުކުރަނީ ތިބާގެ އަމިއްލަ ފައިސާ ކަމަށް ހީނުކުރާށެވެ. ދަރިންނާއިއެކު ދަރިންގެ ރިޒްޤް ވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވައެވެ. ދަރިންނަށް ޚަރަދު ކުރަން ތިބާއާއި ﷲ ތަޢާލާ ޙަވާލު ކުރައްވަވާ ފައިސާ ރަނގަޅު ގޮތުގައި ދަރިންނަށް ހޭދަ ނުކޮށް ތިބާ ބޭނުންވާހައި ކަމަކަށް ހޭދަކުރުމަކީ ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ.

ދަރިންނަށް ކުރަންޖެހޭ ޚަރަދު ނުކޮށް ދަރިންނަށް ފިލައިގެން އުޅެވިދާނެއެވެ. ކޯޓަށް ފިލައިގެންވެސް އުޅެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ކޯޓަކަށް ނުފިލޭނެއެވެ. ދަރިންނަށްޓަކައި އުފުލަން ޖެހުނު ޒިންމާއިން ޒައްރެއްގެ މިންވަރަށް ވެސް ޖަވާބުދާރީ ނުވެ ސަލާމަތެއް ނުވެވޭނެއެވެ.

ތިބާއަށް 5 ދަރިން ލިބުމުން ދަރިންގެ މައިމީހާ ވަރިކޮށްފައި ގޮސް އެހެން އަންހެނަކާއި ކައިވެނިކޮށް ދަރިން ޙޯދުމަކީ ކުރިން ލިބުނު 5 ދަރިންނަށް ޚަރަދު ނުކުރަން ދެއްކޭނެ އުޒުރެއް ކަމުގައި ހީނުކުރާށެވެ! އެއްވެސް ބައްޕައަކަށް އެންމެ ދަރިއެއްގެ ޚަރަދުންވެސް ސަލާމަތެއް ނުވެވޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހެއްގެ ބެލެނިވެރިކަމުގައި ދަރިން ތިބި މައިން ބަފައިން މިކަންކަމަށް ފުންކޮށް ވަރަށް ރަނގަޅަށް ވިސްނާށެވެ! ދަރިން ތަރުބިއްޔަތު މިކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމާއިމެދުގައެވެ. ދަރިންގެ ޒިންމާތައް އުފުލޭ ގޮތާއިމެދުގައެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރެވޭ ކަމާއިމެދުގައެވެ.

ބައެއް ފިރިހެނުން އަނބިމީހާ ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކުރާ ސަބަބުތަކުގެ ތެރޭގައި އެނާގެ ބޭނުންތައް ފުއްދައި ނުދިނުންވެސް ހިމެނެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ވަރިކުރުމަށްފަހު އޭނާގެ ކިބައިން ކަމަކަށް ބޭނުންވާނަމަ އަވަހަށް ކައިވެނި ރުޖޫޢަކުރާށެވެ. ޢިއްދަ ހަމަވެއްޖެނަމަ އަލުން ކައިވެނިކުރާށެވެ. ނޫންނަމަ އޭނާގެ ކިބައިން ކަމަކަށް ނުއެދޭށެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން