ފާފައެއް ނުވަތަ ފާފަތަކެއް ކުރެވޭ މީހަކު ނަމަވެސް ކޮންމެ ދުވަހަކުވެސް އިސްތިޣްފާރުކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު އިސްތިޣްފާރުކުރާ މީހަކަށް ސަލާމަތްވެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ
ހަމަ އެއާއިއެކު ތިމާއަށް ފާފައެއް ނުކުރެވޭ ކަމަށް ޤަބޫލުކުރެވޭ މީހާވެސް އިސްތިޣްފާރުކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުމަކީ ހަމައެކަނި ފާފަކުރެވޭ މީހުން ކުރަން އޮތް ކަމެއް ނޫނެވެ. އެއް ސަބަބަކީ ނުއެނގި ކުރެވޭ ފާފަތަކެއްވެސް ހުންނާނެ ކަމެވެ. އަނެއް ސަބަބަކީ އެއްވެސް ފާފައެއް ނުކުރައްވަވާ ހުންނަވައިގެންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކުވެސް އިސްތިޣްފާރު ކުރެއްވެވި ކަމެވެ.
ފާފަތައް ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކު 70 ފަހަރު أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ވިދާޅުވިއެވެ. އެހެން ރިވާޔަތެއްގައިވަނީ 100 ފަހަރުކަމަށެވެ.
އިސްތިޣްފާރުކުރަންވީ ކޮންމެހެން އަތުގައި ތަސްބީޙައެއް އޮންނަ ވަޤުތަކު ނޫނެވެ. ހުސްވަޤުތެއް ލިބޭއިރަށް ކިޔަންވީއެވެ. ކިޔޭ ޢަދަދު މަލާއިކަތުން ގެންދަވާނީ ލިޔުއްވަމުންނެވެ. ކިޔޭ ޢަދަދު ގިނަވި ވަރަކަށް ކުރާނީ ފައިދާއެވެ.
- އުސްތާޛާ ދުންޔާ ޝުއަޢިބުގެ ދަރުސަކުން