އަނބިން ނިވާކުރުވައި ރައްކައުތެރިގޮތުގަ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އަނބިން ނިވާކުރުވައި ރައްކައުތެރިގޮތުގަ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް!

މިހާރަކަށް އައިސް ދީނުގައިވާ ވާޖިބްތަކަށް ވިސްނަނީ މަދުބައެކެވެ. އެހެންވެ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއިމެދުގައިވެސް ބައެއް މީހުން ވިސްނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެެހންވެ އަނބިމީހާ ނުވާކޮށް ރައްކައުތެރިކޮށްނުދޭ ފިރިން ވަރަށް ގިނައެވެ.  

ނިވާކުރުވުމުގައި ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ހިލޭ ފިރިހެނުންނަށް އެކަނބަލުންގެ އަޢުރަ ރައްކައތެރިކުރުވުމެވެ. އެކަން ކުރެވޭނީ ދީނުގައިވާ މަގުން ފޭރާން ލައްވުވައިގެންނެވެ. ދެވަނަ ކަމަކީ ގެއަށް ޒިޔާރަތްކުރާ މެހްމާނުންނަށް އެކަނބަލުން ރައްކައުތެރިކޮށްދިނުމެވެ.  

ގެއަށް ޒިޔާރަތްކުރާ މެހްމާނެއްގެ ކުރިމައްޗަށް އަނބިމީހާ ނެރޭނަމަ ނެރެންވާނީ ގޭގައިލާ ނިވާކަންކުޑަ ހެދުމުގައެއް ނޫނެވެ. ރިވެތި ފޭރާމުގައި އަޢުރަ ނިވާކުރުވައިގެންނެވެ. އަމިއްލަ ގޭގައިވިޔަސް ހިލޭ ފިރިހެނަކަށް އަނބިމިހާ ދައްކަންވާނީ ގެއިން ބޭރުގައިވެސް ހުންނަން ޖެހޭނެ ގޮތުގައެވެ.  

މިހުރީ އަނބިމީހާއަށްޓަކައި ފިރިމީހާ އަދާކުރަންޖެހޭ ޙައްޤުތަކެވެ. މިޙައްޤުތައް އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ދުވަސް ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ސްޓޭޖްޝޯ ތަކުގައި އަންހެނުންނާއި ފިރިހެނުން ނަށާ ހެދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެގޮތަށް ހިލޭފިރިހެނުންނާއިއެކު ނެށުމަށް ތިމާގެ ޙަލާލު އަނބިމީހާ ދީގެން ހުންނަ ފިރިހެނުންނަކީ ދައްޔޫޘުންނެވެ. މިފަދަ ނެށުން ތަކުގެ އާޚިރު ނަތީޖާއަކަށްވެފައި އޮންނާނީ ނުބައި ކަންތައް ގަނޑެއްގެ ތެރެއަށް މީހާ ވެއްޓިގެން ދިޔުމެވެ.  

ސްޓޭޖްޝޯގައި ނަށަނީ ދެމަފިރިން ކަމުގައި ވީ ނަމަވެސް އެކަމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ދެމަފިރިންގެ ލޯބި ކުރުމުގެ ކަންތަކަކަކީ އެހެންމީހުންނަށް ފެންނަ ގޮތަށް ބޮޑު ސްކީރުނުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އެކަހެރިވުމުގެ ތެރޭގައި އެހެންމީހުންނަށް ނޭގޭ ގޮތަށް ކުރަން އޮންނަ ސިއްރު ކަމެކެވެ. ހިލޭފިރިހެނުން ކުރިމަތީގައި ތިމާގެ އަންހެނުން "ސޭލް" އަޅުވައިގެން އޭނާގެ ރީތިިކަމާއި ފަރިކަން ދައްކަމުން ނެށީމާ، އެހެންފިރިހެނުންގެ ހިތް އެއަންހެންމީހާ އަށް ކިޔާ، އޭގެ ސަބަބުން ނުބައި ކަންތައްގަނޑެއް ހިނގާނެކަމީ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އިންކާރު ކުރާނެ ކަމެއް ނޫނެވެ.  

އެހެންކަމުން، ތިމާގެ ޣީރަތްތެރިކަމެއް ހުރިނަމަ، ތިމާގެ ޙަލާލު އަނބިމީހާ ނިވާކުރުވާ، ހިލޭފިރިހެނުންނަށް އޭނާގެ ރީތިކަމާއި ފަރިކަން ފެނުނަ ނުދޭނެކަން ކަށަވަރެވެ. އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމައެވެ. އެހެންކަމުން އެފަދަ މީހުންވާނީ ދައްޔޫޘުންނަށް ކަން ކަށަވަރެވެ. މިފަދަ ނުބައި ވަބާތަކުން އަޅަމެން ސަލާމަތް ކުރައްވާށި، އާމީން. والله أعلم 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން