ގިނަބައަކަށް ވިސްނޭ ގޮތުގައި ތިމާއަށް ހިތްދަތިކަމެއް ލިބިއްޖެނަމަ ނުވަތަ ދަތިޙާލެއްގައި އުލެން ޖެހިއްޖެނަމަ އަދި ބައްޔެއްވީނަމަވެސް އެއީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާތީ ކުރިމަތިކުރެއްވެވި ކަންކަމެވެ.
ނަމަވެސް އެކަން އޮތީ އެހެންނަކުން ނޫނެވެ. ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރަށް ވަރުގަދަވާނެއެވެ. ބޮޑެތި ދަތިތައް ކުރިމަތިކުރައްވަވާނެތެވެ. މިކަންކަމަކީ ޞަޙީޙް ޙަދީޘްފުޅުތަކުން ޘާބިތުވާން ހުރި ކަންކަމެވެ.
މިފަދަ ޙާލަތުގައި ކެތްތެރިވެލާށޭ! ފަހުން ދެއްވަވާ ޘަވާބު މާބޮޑުވާނެއޭ! ބުނެވިއްޖެނަމަ ރުޅި އަންނަ މީހުންވެސް އުޅެއެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ އެކަމަކުން މިދުނިޔޭގައި އަރައި ނުގަނެވިއްޖެނަމަ އެއީ ޢޭނާއަށް ﷲ ތަޢާލާ ރަހްމަތް ނުލެއްވެވީއެވެ.
ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިތިބީއަކީ އެއްވެސް ޙާލެއްގައި ދުނިޔެ ލިބިގަންނާކަށް ނޫނެވެ. އާޚިރަތް ކާމިޔާބުކުރުމަށެވެ. ވީމާ ދުިނިޔޭގައި ކުރިމަތިވީ ކިތަންމެ ހިތް ދަތި ޙާލަތެއްކަމަށްވުމަކީވެސް އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.
މިންވަރަށް އީމާންވެ، ﷲ އަށް ވަކީލްކޮށް، ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. އާޚިރަތް ދުވަހު އުފާވެރިކަން ދެއްވަވައިފިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވެގެންދާނެކަން ޔަޤީނެވެ.. ސުވަރުގެ ދެއްވެވުމަށްވުރެ ބޮޑު އުފާވެރިކަމެއް ހަމަ އެކަކަށްވެސް ނުލިބޭނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން