އިންސާނުން އުފައްދަވާފައިވަނީ ފާފަކުރެވޭނެ ގޮތަށެވެ. ވީމާ ފާފައެއް ކުރެވުމަކީ ސުވަރުގެ ނުވަދެވޭނެ ސަބަބެއް ނޫނެވެ. ސުވަރުގެ ނުވަދެވޭނަމަ ނުވަދެވޭނީ އެމީހެއްގެ އިހްމާލުންނެވެ. ވީމާ އަޑުއަހާށެވެ!
ފާފައެއް ނުކޮށް ހުންނަން މީހަކު މަސައްކަތްކުރާނަމަ ޝައިޠޯނާ ވަރަށް ބޮޑަށް ކަންބޮޑުވާނެއެވެ. އޭނާ އެންމެ ޝައުޤުވެރިވާ ކަންކަން ޝައިޠޯނާއަށް އެނގެއެވެ. އެހެންވެ އެއިން ކަމެއް ކުރުވޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ. ހުއްޓާލުމެއް ނެތި މަސައްކަތްކުރާނެއެވެ.
އެކަން ކާމިޔާބުކުރެވި އޭނާ ލައްވައި ފާފަކުރެވޭއިރަށް ޝައިޠޯނާ އައިސް ބުނާނެއެވެ! އޭ އިންސާނާއެވެ! ކަލޭތިއަކުރިކަމަކުން އަހަރެންވެސް ލަދުގެންފިއެވެ. ތިއަކުރީ ހާދަހާވާ ނުބައިކަން ބޮޑު ފާފައެކެވެ. ﷲ ކަލޭގެ ފާފައެއް ނުފުއްސަވާނެއެވެ.
ގިނަ ބައަކު މަގުފުރެދިގެންދާ ސަބަބަކީ އެފާފަ އޭނާއަށް ކުރެވުމެއް ނޫނެވެ. އެހެނީ ކޮންމެ ފާފައަކީވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާނެ ފާފައެކެވެ. ކުޑައެއް ބޮޑެއް ނެތެވެ. ކޮންމެ ފާފައަކީވެސް ފުއްސަވައިދެއްވަވާނެ ފާފައެކެވެ.
ގިނަ ބައަކު މަގުފުރެދިގެންދާ ސަބަބަކީ ފާފަކުރެވުމުން ޝައިޠޯނާ އެދޭ ނުބައި ވަސްވާސް ޤަބޫލުކުރެވޭ ކަމެވެ. ދެން ތިމާގެ ފާފަ ފުއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރެއެވެ. މިކަންކަން އަބަދުހެން ކިޔައިދޭއިރުވެސް ގިނަ ބައަކު ކޮންމެ ދުވަހަކުހެން ސުވާލުކުރެއެވެ. "މިވެނި އެވެނި ފާފައެއް ކުރެވިއްޖެ އެވެ. އަހަރެންގެ ފާފަ ފުއްސަވައި ދެއްވަވާނެ ހެއްޔެވެ؟"
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މިވާހަކަ މިތަނުގައި މިދައްކަނީ އަހުރެންގެ ދުލުން ނަމަވެސް މިއީ އަހުރެންގެ ބަހެއް ނޫނެވެ. މިއީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ވަޙީބަސްފުޅެވެ. ޝައްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ވީމާ ނިންމާލަމުންވެސް ބުލަމެވެ. އާޚިރަތް ގެއްލިގެންދަނީ ކުރެވުނު ފާފައިގެ ސަބަބަކުން ނޫނެވެ. ފާފަ ފުއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރެވުނީރތީއެވެ!
- މުފްތީ މެންކުގެ ދަރުސަކުން