ﷲ ތަޢާލާގެ މަގު ލިބިގަންނަން މަސައްކަތްކުރާ އެއްވެސް މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ﷲ ތަޢާލާގެ މަގު ލިބިގަންނަން މަސައްކަތްކުރާ އެއްވެސް މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

ﷲ ތަޢާލާ އެއްކައުވަންތަކުރުންމަތީގައި ޘާބިތުވެ ހުރެ ﷲ ތަޢާލާގެ މަގު ލިބިގަންނަން މަސައްކަތްކުރާ އެއްވެސް މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އެމީހަކަށް ތެދުމަގު ދައްކަވާނެތެވެ. އަދި އެމީހަކަށް ޘާބިތުކަންވެސް ދެއްވަވާނެތެވެ.  

ވިސްނާށެވެ! އިބްރާހީމްގެފާނުގެ ޤައުމު، އިރާޤުގެ މީހުންނަށް ﷲ ތަޢާލާގެ މަގަށް ގޮވާލެއްވުންމަތީގައި ހުންނަވައި ކުރެއްވެވި މަސައްކަތްޕުޅުތަކުން އެއްވެސް ކާމިޔާބީއެއް ލިބިވަޑައިނުގަތުމުން ޤައުމު ދޫކުރައްވަވައި ނުކުމެވަޑައިގަތީ ގިނިކަންޏާއެވެ. ވަޑައިގަންނަވާނެ ވަކި ތަނެއްވެސް ކަނޑައެޅުއްވެވުމަކާއި ނުލައެވެ.  

މިއަދު ނިކަން ދެކިބަލާށެވެ! ދުނިޔޭގެ ހުރިހާ މުސްލިމުން އެގެންދަނީ އިބްރާހީމްގެފާނު މަތިވެރިކުރަމުންނެވެ. އަދި ކީރިތި ޤުރްއާނުގައި އިބްރާހީމްގެފާނަށް ދެއްވަވާފައިއޮތީ އެންމެ މަތިވެރި ދަރަޖައެވެ. ﷲ ތަޢާލާގެ ޚަލީލް (މިތުރު) ކަމުގައެވެ.  

މިއަދު ދުނިޔޭގައި މިތިބަ މުސްލިމުންނަށްވެސް އޮތީ އިބްރާހީމްގެފާނު ފަދައިން ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް މަގުދައްކަވާނެތެވެ. ރަޙްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތެވެ.  

ﷲ ތަޢާލާ އެއްކައުވަންތަކުރެއްވެވުމަށް ގޮވާލައްވަވާނަމަ އޮއްގަލުން ތަޅައި ރަޖަމްކުރާނެ ކަމުގެ ބިރު ބައްޕަ އާޒަރު ދެއްކިއެވެ. އިންޒާރު ދިނެވެ. އެކަމަކު ކުޑަކުއްޖެއްގެ ގޮތުގައި ހުންނަވައިގެންވެސް އިބްރާހީމްގެފާނު އެއިން ކަމަކަށް ޖެހިލުންވެވަޑައެއް ނުގަންނަވައެވެ.  

އީމާންކަންމަތީގައި ޘާބިތުވެ ހުންނަން މަސައްކަތްކުރާނަމަ އެމީހަކަށް މިހާރުވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެއެވެ. ޘާބިތުވެހުންނަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ޘާބިތުކަން ދެއްވަވާނެތެވެ. އެކަމުގައި އޮންނާނީ އެމީހެއްގެ ކިބައިގައި ހިތްވަރުހުރި ވަރެކެވެ.  

މިކަންކަން ހަނދާންކޮށްދޭން މިޖެހެނީ މުސްލިމުންގެ ނަމުގައި ތިބެވެސް ޘާބިތުނުވެވޭ މީހުން ގިނަވާތީއެވެ. އީމާންކަމާއި ދުރުހެލިވެފައި ބަހަނާއަކަށް ފަހުޒަމާނުގެ ވާހަކަދައްކާތީއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ އީމާންކަން ކުޑަވާނަމަ އެއީ އެމީހެއްގެ ކަމެކެވެ. ޒަމާނުގެ މައްސަލައެއް ނޫނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން