"އަޅުގަނޑުގެ ފިރިމީހާއަކީ ރަނގަޅު މީހެކެވެ. އެކަމަކު ވަރަށް ކުދިކުދި ކަންކަމުގައިވެސް މާފުނުކޮށް މަސްދުވަސްވަންދެންވެސް ހުރެދާނެއެވެ. އެކަމާ ވަރަށް ދެރަވެއެވެ."
މިއީ ކިޔުންތެރިއަކު ފައުޅުކުރައްވާފައިވާ ކަންބޮޑުވުމެކެވެ. އެހީތެރިކަމެއްގެ ގޮތުން ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ފިރިކަލުންނަށް ޙިއްޞާކޮށްލައްވާށެވެ! ހެޔޮ ބަދަލެއް އައުން ވަރަށް ގާތެވެ. އިން ޝާ ﷲ
އެއްވެސް މީހަކަށް މާފުކުރަން ފުރުޞަތުލިބުނަސް، މީހަކަށް ހެޔޮކަމެއްކޮށްދޭން ފުރުޞަތު ލިބުނަސް އަދި ހެޔޮ ޢަމަލެއް ކުރަން ފުރުޞަތުލިބުނަސް ހިނދުކޮޅަކަށްވެސް ފަސްނުޖެހޭށެވެ. ވީހާ އަވަހަކަށް އެކަމެއް ކުރާށެވެ.
ސުވަރުގޭގައި ދަރަޖަތަކެއްވެއެވެ. އެއްދަރަޖައަށްވުރެ އަނެއް ދަރަޖައެއްގެ މަތިވެރިކަން ބޮޑުވެގެންވެއެވެ. މައްޗަށް ދެވޭ ވަރަކަށް ދަރަޖައިގައި ފުރިހަމަކަން އިތުރުވެގެންވެއެވެ. އެންމެ މަތީ ދަރަޖައިގައި އިށީންނަންވެސް ހުންނާނީ ނޫރުން (އަލިން) އުފައްދަވާފައިވާ ތަޚުތުތަކެވެ. އެންމެ ދަށުދަރަޖައިގައިވެސް ހުންނާނީ ގޮމަކަސްތޫރީގެ ތަންމަތިތަކެވެ. އެދެމެދުގައި މުތާއި ރަނާއި ރިއްސާއި މިހެންގޮސް އެތައް ބާވަތެއްގެ ތަކެތި ހުންނާނެ ދަރަޖަތައްވެއެވެ.
މީހަކު ބަނޑުހައިވެގެން ކާނެ އެއްޗަކަށް އެދިގެން އަތުވެއްޖެނަމަ ތިމާއާއި އެހެން މީހުން ކާނެ އެއްޗެއް ހުރިކަމާއިމެދު ނުވިސްނާށެވެ! އަވަހަސް އޭނާގެ ބަނޑުފުރައިދޭށެވެ. އެންމެ މަތީ ދަރަޖައަކީ އެއީއެވެ.
ހަމަ އެފަދައިން މީހަކަށް މާފުކުރަންޖެހޭ ހިނދުގައިވެސް ހިނދުކޮޅެއްވެސް ފަސްނުކޮށް އަވަހަށް މާފުކުރާށެވެ! އެކަމުގެ ކުޑަކުޑަ މިޘާލެއްވެސް ކިޔައިދޭނަމެވެ.
އެއްދުވަހަކު އިމާމަކު މިސްކިތުން ފައިބައިވަޑައިގެންނެވިތަނުން މީހަކު އައިސް ނުބައި އެއްޗެތި ގޮވިއެވެ. އިމާމް "ޖަޒާކަﷲ" ވިދާޅުވެ ގެއަށް ވަޑައިގަތީއެވެ. ނަމަވެސް ހިތްޕުޅުން އޭނާއަށް މާފެއް ނުކުރެއްވެވުނެވެ. ހިތްޕުޅުން އޭނާއަށް މާފުކުރެއްވެވުނީ ގެއަށް ވަޑައިގެންނެވުނު ފަހުންނެވެ. އެހެންވެ ވިދާޅުވިއެވެ. "އަހުރެންނަށް މިނަގައިލެވުނީ ލިބެން އޮތް ހާދަ މަތިވެރި ދަރަޖަތަކެކެވެ. އޭނާއަށް ވަޤުތުން މާފުކުރެވުނު ނަމަ ސުވަރުގެއިން ހާދަމަތީ ދަރަޖައެއް ދެއްވެވީހެވެ."
ދެމަފިރިން އެކަކު އަނެކަކަށް މާފުކުރަންޖެހޭ ޙާލަތުގައިވެސް އެކަމަށް އަވަސްވެގަންނާށެވެ! ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިގަތުމަށް މަސައްކަތްކުރާށެވެ!
ހަމައެފަދައިން ކުރަން ޖެހޭ އަޅުކަން ކުރުމުގައިވެސް އަވަސްވެގަތުމުން އެކަމަށް ދެއްވަވާނެ ޘަވާބު އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ބަންގިގޮވުމުން ޖަމާޢަތަށް އަވަސްވެގަނެ ޖަމާޢަތުގައި ބައިވެރިވުމުން 27 ގުނަ ދެއްވާ ނޫން ހެއްޔެވެ؟ ވީމާ ކޮންމެ އަޅުކަމަކަށްވެސް އަވަސްވެގަންނާށެވެ!
މަޢުލުމާތު: ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން