މަރުވެ ކައްވަޅުގައި ވަޅުލެވުމާއިއެކު ސުވަރުގެވަންތަވެރިންނަށް (އޭނާއަށް ނަރަކައަށް ވަންނަން ޖެހުނުނަމަ) ނަރަކައިން އޭނާއަށް ދެއްވަވަން އޮތް ޖާގަވެސް ދައްކަވަތެވެ. ދެއްކެވުމުން އޭނާއަށް ނަރަކައިން ސަލާމަތް ވެވި ސުވަރުގެ ދެއްވެވިކަންމައްޗަށް އުފާކޮށް ﷲ ތަޢާލާއަށް ޝުކުރުވެރިވެއެވެ.
ހަމައެފަދައިން ނަރަކައަށް ވަންނަންޖެހޭނެ މީހުންނަށް ސުވަރުގެއިން އޭނާއަށް ދެއްވަވަން އޮތް ޖާގަވެސް ދައްކަވަތެވެ. ދެއްކެވުމުން ސުވަރުގެ ނުލިބުނީތީ އޭނާ އިންތިހާއަށް ހިތާމަކުރާނެތެވެ. އެހިނދު އޭނާއަށް ބުނެވޭނެއެވެ. "މިކަން މިހެން ކުރިމަތިވާނެ ކަމުގެ އިންޒާރު ތިބާއަށް ނުދެއްވަވާ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ދެރަވިނަމަވެސް މިއަދަކުކުރެވޭނެ ހަމައެއްވެސް ކަމެއް ނެތެވެ. މިއީ ކަލޭ އަމިއްލައަށް ކަންކަން ނިންމި ގޮތެވެ."
އެއިރު އޭނާއަށް ދާނީ ނަރަކައިގެ ހޫނުކަން ލިބެމުންނެވެ. ދާއިމަށް ހޫނުކަން ލިބިލިބި ހުންނާނެތެވެ. ކުޑަކުރުވަން ނުވަތަ ސަލާމަތްވާން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެތެވެ.
މީސްތަކުންނޭވެ! އެނގިގެން މިދަނީ ކޮންމެ މީހަކަށްވެސް ނަރަކައިގައިިވެސް އަދި ސުވަރުގޭގައިވެސް ޖާގައެއްވާކަމެވެ. އެޖާގަ ލިބިގަތުމަކީ އެމީހެއްގެ ކަމެއް ކަމެވެ. ވީމާ މިއަދު އަހުރެމެން ދުނިޔެ ހޯދަން ތެޅިފޮޅޭއިރު މިކަންކަމަށް ވަރަށް ރަނގަޅަށް ވިސްނަންވާނެއެވެ. އެންމެ މުހިންމު ކަމަކީ ސުވަރުގެ ލިބިގަތުންކަން ޤަބޫލުކޮށް އެކަމަށް މަސައްކަތްވެސް ކުރަންވާނެއެވެ.
ހަމައެއާއިއެކު އަހުރެންގެ ވަރަށް ބޮޑު އިލްތިމާސެއްވެއެވެ. އެއީ އެންމެ މީހަކު ނަމަވެސް ނަރަކައިން ސަލާމަތްކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޢަމަލުތައް ގޯސްވާ އެކުވެރިންނަށް ނަޞޭޙަތްދީގެން ނަމަވެސްމެއެވެ. އެހެނީ އެއެކަމުގެ ސަބަބުން ވެސް ސުވަރުގެ ދެއްވަވައިފާނެ ކަމަކަށްވާތީއެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން