ޢާއިޝަތު ރަފާޙް ޢަލީ
އެއްވެސް މެދުވެރިއަކާއި ނުލައި މޫސާގެފާނަށް ﷲ ތަޢާލާ ބަސްފުޅު ވަޙީކުރެއްވެވިއެވެ. މޫސާގެފާނުގެ މުޅި ސިޔަރަތަކީވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
މާތްالله ސުބްޙާނަހޫ ވަތަޢާލާ އިންސާނުންގެ ގާތަށް ނަބިއްޔުންނާއި ރަސޫލުން ފޮނުއްވީ މީސްތަކުން އަލިކަމާއި ހަގީގަތުގެ މަގަށް މަގުދައްކައިދިނުމަށާއި، އަނދިރީން ނެރުއްވުމަށެވެ. އެގޮތުން ނަބިއްޔުންގެ ތެރޭގައި ނަބިއްޔާ މޫސާގެފާނު ހިމެނިވަޑައިގަންނަވައެވެ.
އިސްރާއީލުގެ ދަރިންނާއި އަނިޔާވެރި ފިރުޢައުނަށް ފޮނުއްވަވައި އެމީހުންނަށް މަގުދައްކައިދީ، މީސްތަކުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށް މޫސާގެފާނު އެގައުމުގެ ގޮވާލެއްވިއެވެ. ނަބިއްޔާ މޫސާގެފާނަށް كليم الله' ކިޔައެވެ. އަދި މީސްތަކުންގެ ފަރާތުން ލިބިވަޑައިގެންނެވި ގެއްލުންތަކާއެކުވެސް، އެގައުމުގެ މީހުންނާމެދު ވަރަށް ބޮޑަށް ކެތްތެރިވެވަޑައިގެންނެވިއެވެ.
ﷲ ތައާލާ ޞައްފު ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
( وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ)
މާނައީ: "އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާކަން ތިޔަބައިމީހުން ދެނެތިބި حال ގައެވެ."
މޫސާގެފާނުގެ ބައެއް ސިފަފުޅުތައް:
· ﷲ ތަޢާލާއަށް ވަކީލުކުރުމާއި ޔަގީންކަން ބޭއްވުން: މޫސާގެފާނު ކޮންމެ ވަގުތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރެއްވެވިއެވެ. އޭގެ މިސާލެއްގެ ގޮތުން ފިރްޢާއުންގެ ކިބައިން މޫސާގެފާނުގެ ގައުމުގެ މީހުން ސަލާމަތް ކުރެއްވުމަށް އެއްވެސް ގޮތެއް ފެނިވަޑައިގަތް ނުގަތުމުންވެސް އެޙާލުގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރައްވާ އަދި ﷲ ތަޢާލާ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށް ނިންމެވިއެވެ.
· ޢިލްމު: އަދި އެކަލޭގެފާނުގެ ޢިލްމަކީ އާދައިގެ އިންސާނުންނަށް ލިބިފައިވާ ޢިލްމެއް ފަދަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ ޢިލްމަކީ ﷲ ތަޢާލާ ދެއްވި ޢިލްމެކެވެ. ﷲ ތައާލާ ބަގަރާ ސޫރަތުގެ 53 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ ﴿٥٣﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ. (53)"
· ގިނަގިނައިން އަޅުކަން ކުރެއްވި: ނަބިއްޔާ މޫސާގެފާނު ވަރަށް ގިނައިން އަޅުކަން ކުރެއްވެވިއެވެ. އެގޮތުން ﷲ ތަޢާލާ ޔޫނުސް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ ﴿٨٧﴾
މާނައީ: "ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ أخ (هارون ގެފާނު) އަށް وحى ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ قوم ގެމީހުންނަށް مصر ގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائم ކުރާށެވެ! އަދި ކަލޭގެފާނު مؤمن ތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ! (87)"
· އަމާނާތްތެރިކަން: ﷲ ތަޢާލާ ޤަޞަޞް ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ ﴿٢٦﴾
މާނައީ: "އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ. (26)"
· އިޙްސާންތެރިކަން: ﷲ ތަޢާލާ އެކަލޭގެފާނުގެ ވާހަކަ ކީރިތި ގުރްއާނުގެ ޞާއްފާތު ސޫރަތުގެ 120 އަދި 121 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ ﴿١٢٠﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٢١﴾
މާނައީ: " މޫސާގެފާނާއި، ހާރޫނުގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ. (120) "إحسان ތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (121)"
· ހިތް ތަނަވަސްކޮށްދެއްވުން: ޠާހާ ސޫރަތުގެ 25 އަދި 26 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾ وَيَسِّرْ لِي أَمْرِي ﴿٢٦﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! (25) އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! (26)"