އެންމެންވެސް ކުރިއަރައިދާން މަސައްކަތްކުރާނެއެވެ. ނަމަވެސް ތިމާއަށް އެދުވަހު އުޅެވުނު ގޮތާއި ކުރެވުނު ކަންކަން ހިސާބުކޮށް ބަލަނީ މަދުމީހެކެވެ. ކުރިއަރައިދާން މަސައްކަތްކުރިނަމަވެސް ގިނަ ބައަކަށް ކުރިއަރައިގެން ނުދެވޭ ސަބަބަކީވެސް އެއީއެވެ.
ކޮންމެ މީހަކަށްވެސް އިޞްލާޙްވެވޭނީ އެމީހަކަށް ކުރެވޭ ކުށްތައް އެމީހަކަށް ވިސްނިގެންނެވެ. ކުށްތައް ނުވިސްނޭނަމަ އިޞްލާޙެއް ނުވެވޭނެއެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެދުވަހު ކުރެވުނު ކަންކަމަށް ވިސްނައި ގޯސްކޮށް ކުރެވުނު ކަންކަން ފާހަގަކޮށް އިޞްލާޙްކުރަން މަސައްކަތްކުރަން އޮންނަނީ އެހެންވެގެންނެވެ. އެއީ ނަފްސް ޙިށާބުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ހަމައެއާއިއެކު ކުރަންޖެހޭ އަޅުކަމުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވި އޮތްނަމަ އެކަމެއް ކޮށްގެން ނިދަން އޮންނަނީވެސް ހަމައެހެންވެގެންނެވެ. މިއަދު ގިނަ ބައަކު ފޭލްވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުންނަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދު ވިސްނައި ނުލެވޭކަމެވެ.
ﷲ ތަޢާލާ މީސްތަކުންނަށް ތަނަވަސްކަމާއި ކުރިއެރުން ދެއްވެވުމުން ގިނަ ބައަކަށް ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލެވި ﷲ ތަޢާލާގެ މަގާއި ދުރަށް ދެވެނީ، އަޅުކަންކުރުމުގައި ފޭލްވާ ސަބަބާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ.
އަހުރެންގެ ވިސްނުމުގައި އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ތިމާއަށް ތަނަވަސްކަމާއި ކުރިއެރުން ލިބުނީ ތިމާގެ ވިސްނުން ތޫނުވެފައި އަމިއްލަ މަސައްކަތުންކަމަށް ޤަބޫލުކުރެވޭތީއެވެ. މިއީ މީހަކަށް ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. ﷲ ތަޢާލާ އެންމެހައި މީސްތަކުންނާއި ނުބައްދަލުވަރުގެ ބޮޑު ތަނަވަސްކަމެއް ދެއްވެވި ޤާރޫނާއި ދުނިޔެއާއި ނުބައްދަލު ރަސްކަމެއް ދެއްވެވި ފިރުއަޢުނުވެސް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއައީ ހަމަ މިވިސްނުމުގެ ސަބަބުންނެވެ.
މީސްތަކުންނޭވެ! ތަނަވަސްކަމާއި ބާރުތައް އަދި އެނޫންވެސް ނިޢުމަތްތައް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެނިޢުމަތްތައް ދެއްވަވަނީ އެމީހަކު އިމްތިޙާން ކުރެއްވެވުމަށެވެ. ވީމާ ޝުކުރުވެރިވުންމަތީގައި ޘާބިތުވެ ތިބޭށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން