މިހާރަކަށް އައިސް ގިނަ ބައެއްގެ ކަމަކަށްވެފައި މިއޮންނަނީ އެހެން މީހުންނަށް ފާޑުކިޔުމެވެ. އެގެތުން އިސްލާމީ ހެދުމުގައި ތިބުމުންވެސް އެބަ ފާޑުކިޔައެވެ. މުސްލިމުން ތިބެންވާ ސިފައިގައި ތިބުމުންވެސް އެފާޑުކިޔައެވެ. އެކަންކަމަށް ކެތްތެރިނުވެވިގެން އެކަންކަން ދޫކޮށްލަންޖެހޭ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. ވީމާ މިއީ ދައްކަންޖެހިފައިވާ ވާހަކައެކެވެ.
ހަރުދަނާ މީހަކަށްވުމަށްވެސް އަދި ރަނގަޅު މުސްލިމަކަށްވުމަށްވެސް ވިސްނަން ޖެހޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ އެމީހާގެ ނަފްސުގެ ކޮންޓްރޯލް އެމީހެއްގެ އަތުގައި ބޭއްވުމެވެ.
ރަނގަޅަށް ވިސްނާށެވެ. ދުނިޔޭގައި މިއުޅެނީ މީހާއެވެ. އެމީހާގެ މައްޗަށް ހުރިހާ ބާރެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ ދުނިޔޭގައި އުޅެންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު އަހުރެމެންނަށް ދެއްވަވާފައެއް ނުވެއެވެ.
ވީމާ އަހަރެމެންގެ ހުރިހާ ކަންކަންވެސް ބަހައްޓަން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އަހުރެމެން ތިބެން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ސިފައިގައެވެ. ފޭރާން ލައި އުޅެންވާނީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ފިރިހެނަކު ނަމަ ތުނބުޅި ބަހައްޓަންވީ ގޮތްވެސް އެނގެން އެބައޮތެވެ.
ދެން މިނުކުންނަ މައްސަލައަކީ މީހާ ހުންނަ ގޮތަށް އެހެން މީހުން ފާޑުކިޔުމެވެ. އެކަމަށް ބަލައިފިނަމަ އެއީ އެއްވެސް މީހަކަށް ފާޑުކިޔުމުގެ ޙައްޤު ލިބިގެންވާވެސް ކަމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރެއިން އެމީހާ ހުންނަންވީ ގޮތާއި ސިފައާއި ލާންވީ ފޭރާމާއި ފޭރާންލާންވީ ގޮތާއި އަދި ކައިބޮއިހަދަންވީ ތަކެއްޗާއި އުފާކުރަން ކުރަންވީ ކަންކަން ކަނޑައެޅުމުގެ ޙައްޤު އޮންނަން ޖެހޭނީ އެމީހަކަށެވެ.
ކޮންމެއަކަސް މިބުނި މަގުން ހުރެވޭނީ އެހެން މީހުން ފާޑުކީނަމަވެސް އަޅާނުލައި ހުރެވިގެންނެވެ. ތިމާއަށް މިހުރެވެނީ ތިމާ ހުންނަން އަމިއްލައަށް ބޭނުންވާ ގޮތަށް ކަނޑައަޅައި އެގޮތަށް ހުރެވިގެން ނޫނީ އެމީހާއަކީ ހަރުދަނާ މީހަކަށް ނުވެވޭނެއެވެ. އަދި އެންމެން ބޭނުންވާހައި ގޮތަކަށް އަމިއްލަވަންތަކަން ދީލާލާ މީހަކު ވާނީ އެއްވެސް ހަރުދަނާ ކަމެއް ނެތް މީހަކަށެވެ.
- އަލަފް / މިއަދުނޫހަށް