ތިމާ ބޭނުންވާ ކަންކަން ޙާޞިލކުރެވޭނީވެސް އަދި ރިޒުޤް ލިބެން އޮތީވެސް މިޙަދީޘްފުޅު އެކުގަ ކިޔައި ޢަމަލުކުރުމުންނެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް ވެގެން މިއުޅޭ ގޮތަކީ އެންމެ 2 ޖުމުލަ އޮންނަ ހަދީޘެއް ނަމަވެސް އެމީހަކު ބޭނުންވާ ވާހަކަ ފުރަތަ ޖުމުލައިން ފެނުނީމާ ދެވަނަ ޖުމުލަ ކިޔާލަންވެސް ބޭނުން ނުވުމެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
އެކަން ވަރަށް ރަނގަޅަށް އެނގިގެންދާ އެއް ޙަދީޘަކީ ރިޒުޤް ދެއްވެވުމާއި ބެހޭ ގޮތުން އޮންނަ ޙަދީޘްފުޅެވެ. އެ ހަދީޘްފުޅުން ގިނަ ބައަކަށް ފެންނަނީ ފުރަތަމަ ޖުމުލައެވެ. އެ ޖުމުލައިގައި ވަނީ "އެމީހަކު ތެދުވެރިކަމާއިއެކު ﷲ ތަޢާލާއަށް ވަކީލްކުރާނަމަ ދޫނިތަކަށް ރިޒުޤް ދެއްވަވާ ފަދައިން އެމީހަކަށް ރިޒުޤް ދެއްވަވާނެ ކަމަށެވެ.
އެހެންވެ ﷲ ތަޢާލާ އެމީހާއަށް ރިޒުޤް ދެއްވަވާނެކަމަށް ޔަޤީންކޮށްގެން ދެއަތް އުރާލައިގެން ތިބެނީއެވެ. އެމީހުންނަކަށް ދެވަނަ ޖުމުލައެއް ނުފެނެއެވެ. "އެސޮރުމެން ފަތިހާ ތެދުވެގެން ދަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ. (އެދުވަހަސް ބޭނުންވާ ވަރަށް ރިޒުޤް ލިބިގެންނެވެ.)"
މިތިބަ ކަންނެތްވެގެން އުޅޭ މީހުންނޭވެ! ދޫންޏަށްވެސް ރިޒުޤް ދެއްވަވަނީ ފަތިހާ ތެދުވެ ރިޒުޤް ހޯދަން މަސައްކަތްކުރީމައެވެ. ހާލިން ތެދުވެ އުދުހިގެން ގޮސް ރިޒުޤް ހޯދަން އެތައް މަސައްކަތެއް ކުރުމުންނެވެ. އެތައް ސަރަޙައްދެއްގައި އުނދުހި އަދި ހިނގައިވެސް ހަދައިގެންނެވެ. ދުވާލުގެ ބޮޑުބައިގާ ކަންނެތްވެ ނިދަން ތިއްބައެއް ނޫނެވެ.
ތިބާ ފަތިސް ނަމާދުވެސް ނުކޮށް މެންދުރުވަންދެން ނުވަތަ ޢަޞްރުވަންދެން ނިދަން އޮވެފައި ތެދުވެ ތިމަންނާ މިހުރީ ﷲ ތަޢާލާއަށް ވަޚީލްކޮށްގެންނޭ، ދޫނިތަކަށް ދެއްވަވާފަދައިން ތިމަންނާއަށްވެސް ރިޒުޤް ދެއްވަވާނޭ ބުނުމަކުން އަދި އެކަމެއް ނުވާނެއެވެ.
މީސްތަލކުންނޭވެ! މިޙަދީޘްފުޅުގައިވެސް ފަތިހާ ތެދުވެ އުދުހިގެން ދޫނިތައް ވާހަކަ ގެންނަވާފައި އެވަނީ ވަރަށް މުިހިންމު މަޤްޥޞަދެއްގައިކަމަށް ޤަބޫލުކުރަމާ ހެއްޔެވެ؟ އެއީ ރިޒުޤަށް އެދޭ މީހާ ކަންނެތް ނުވަ ފަތިސް ނަމާދަށް ހޭލައި ފަތިސް ނަމާދުކޮށް ޛިކުރުތައް ކިޔާލައިގެން އަވަހަށް މަސައްކަތަށް ފެށުމުގެ މުހިންމު ކަމެވެ.
އަބަދުވެސް ބުނާފަދައިން ރިޒުޤްގެ މާނަ އެހައި ހަނިނުކުރާށެވެ! އެއީ ހަމައެކަނި ކާއެތިކޮޅުކަމަށް ނުދެކޭށެވެ. ތިމާއަށް ބޭނުންވާ ކޮންމެ ކަމަކީވެސް ރިޒުޤެވެ. ވީމާ ކޮންމެ ކަމަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ. ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
حَدَّثَنَا حَرْمَلَةُ بْنُ يَحْيَى، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، أَخْبَرَنِي ابْنُ لَهِيعَةَ، عَنِ ابْنِ هُبَيْرَةَ، عَنْ أَبِي تَمِيمٍ الْجَيْشَانِيِّ، قَالَ سَمِعْتُ عُمَرَ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " لَوْ أَنَّكُمْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا " .
‘Umar said:
“I heard the Messenger of Allah (ﷺ) say: ‘If you were to rely upon Allah with the reliance He is due, you would be given provision like the birds: They go out hungry in the morning and come back with full bellies in the evening.”
Reference: Sunan Ibn Majah 4164
– އިސްލާމީ ތިލަފަތުގެ ދަރުސަކުން