ދެވަނަ ސަޖިދައިން ތެދުވާއިރު އެއްގޮތަކަށް އަތް ނުޖައްސާ ބައަކުވެސް އުޅެއެވެ. އަނެއް ބައަކު ޖައްސަނީ އަރްތިލައެވެ. އަނެއބައަކު ޖައްސަނީ އިނގިލިތައް މުށްކަވާލައިގެންނެވެ. އެހެންވެ މިތަނުން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އޮޅުންފިލުވަން ބައެއް ކިޔުންތެރިން ސުވާލުތައްވާތީ މިގެނެސްދެނީ އެކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ސަޖިދަ އިން ތެދުވާ އިރު ބައެއް މީހުން އަތްތިލަ ޖައްސާފައި ، އަނެއްބައަކު މުއްކަވާ ފައި އަތްޖައް ސާފައި ،ބައެއް މީހުން އަތްތިލަ ނުޖައްސައި ދެން އޮންނަ ރަކުއަތަށް ތެދުވާތަން ފެނެއެވެ. ސުންނަތުން ސާބިތުވާ ރަނގަޅު ގޮތަކީ ކޮބާތޯ އެވެ.؟
ސުވާލު ކުރެއްވި ބޭފުޅާ ވިދާޅުވެފައިވާ ގޮތަށް ސަޖިދައިން ތެދުވުމަށް، ބައެއް ޢިލްމުވެރިން ދަލީލު ދައްކަވާ މަޝްހޫރު ދެ ރިވާޔަތެއްވެ އެވެ. ތިރީގައި މިވަނީ، އެ ދެ ރިވާޔަތާއި އެއާމެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
ފުރަތަމަ ރިވާޔަތް
އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.
)أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ كَانَ إِذَا قَامَ فِي صَلاَتِهِ وَضَعَ يَدَيْهِ عَلَى اْلأَرْضِ كَمَا يَضَعُ اْلعَاجِنُ(
މާނައީ، "ހަމަކަށަވަރުން ނަބިއްޔާ )ޞައްލަ ﷲ ޢަލައިހި ވަސައްލަމަ( ނަމާދުގައި ތެދުވެވަޑައިގަންނަވާއިރު، ޢުމުރުން ދުވަސްވެފައިވާ މީހާ އަތް ޖައްސާ ފަދައިން އިތުރު އެކަލޭގެފާނުގެ ދެ އަތްޕުޅު ބިންމަތީގައި ޖައްސަވަ އެވެ."
ޢިލްމުވެރިންގެ ރައުޔު
މި ރިވާޔަތުގައިވާ އެއްޗަކާއި، މި ރިވާޔަތުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާލަމާތޯ އެވެ.
އިބްނުއްޞަލާޙު
މިއީ، ޞައްޙަ ޙަދީޘްފުޅެއް ނޫނެވެ. އަދި މި ޙަދީޘްފުޅުން ޙުއްޖަތް ދެއްކުން ހުއްދައެއް ވެސް ނުވާނެ އެވެ.
އަންނަވަވީ
މިއީ ޟަޢީފު ޙަދީޘްފުޅެކެވެ. ނުވަތަ އެއްވެސް އަޞްލެއް ނެތް ބާޠިލު ޙަދީޘެކެވެ.
އަލްޣަޒާލީ
ދަރުސެއްގައި އިމާމު ޣަޒާލީ ވިދާޅުވި ކަމަށް ނަގުލުވެފައިވެ އެވެ.
)العَاجِنُ) ތޯ އެވެ؟ ނުވަތަ )العَاجِزُ) ތޯ އެވެ؟ މިއީ، ޞައްޙަ ޙަދީޘްފުޅެއް ކަމަށް ބެލި ނަމަވެސް، މި ޙަދީޘްފުޅުގައި ވާކަން ކަށަވަރީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަންނަވާ ގޮތެވ. މި ޙަދީޘްފުޅުގައިވަނީ، ދެ އަތްތިލައިގެ ބަނޑުފުށް ޖައްސައިގެން، ޢާޖިޒަކު ތެދުވާ ފަދައިން، އިތުރުއެކަލޭގެފާނު ތެދުވެވަޑައިގަންނަވާ ކަމަށެވެ. ޢާޖިޒަކީ، ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ނުކުޅެދުންތެރިވެފައިވާ މީހާ އެވެ. އެ ބަސްފުޅުގެ މުރާދައަކީ، ފުށް މޮޑޭ މީހާ އެއް ނޫނެވެ. .... ޢަޖަމީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ނަމާދުގައި ސަޖިދައިން ތެދުވާއިރު، ދެ އަތްތިލަ މުށްކަވައިގެން އިނގިލިތަކުގެ ބޭރުފުށް ޖައްސައިގެން ތެދުވެއެވެ. އެމީހުން އެ ގެނެސްގަންނަނީ، ނަމާދުކުރާ ގޮތުގެ ތެރޭގައި ސާބިތުވާން ނެތް ކަމެކެވެ. ޙަދީޘްފުޅުގައިވަނީ، (العَاجِنُ) "އަލްޢާޖިނު" ކަން ސާބިތުވިޔަސް، ޢަރަބި ބަހުގައި (العَاجِنُ) "އަލްޢާޖިން" އަކީ ޢުމުރުން ދުވަސްވެފައިވާ މީހާ އެވެ.
ނޯޓް
ޢަޖަމީންނަކީ، ޢަރަބީން ނޫން މީހުންނެވެ.
(العَاجِنُ) އަކީ ފުށްމޮޑޭ މީހާ ކަމަށް މާނަކުރެވެ އެވެ. (العَاجِزُ) އަކީ، ނުކުޅެދުންތެރިވެފައިވާ މީހާ އެވެ.
ދެވަނަ ރިވާޔަތް
މި ރިވާޔަތް މަޝްހޫރުވެފައިވަނީ، "ޙަދީޘުލް ޢަޖްނު" ގެ ނަމުންނެވެ. މި ރިވާޔަތް ރިވާކުރެއްވި، އަލްއަޒުރަޤު ބްނު ޤައިސު ވިދާޅުވެފައި ވެ އެވެ.
(رَأَيْتُ عَبْدُ اللهِ بْن عُمَرَ وَهُوَ يَعْجِنُ فِي الصَّلاَةِ، يَعْتَمِدُ عَلَى يَدَيْهِ إِذَا قَامَ، فَقُلْتُ: مَا هَذَا يَا أَباَ عَبْدِ الرَّحْمَنِ؟ قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْجِنُ فِي الصَّلاَةِ)
ލަފުޒީ މާނައީ، "ނަމާދުގައި ޢަބްދުﷲ ބްނު ޢުމަރު ފުށް މޮޑުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ތެދުވެވަޑައިގަންނަވާއިރު، އެކަލޭގެފާނު ދެ އަތްޕުޅަށް ބާރުލައްވަވަ އެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫ ޢަބްދުއްރަޙުމާނެވެ! ތިޔައީ ކޮންކަމެއްތޯ އެވެ؟ އެކަލޭގެފާނު ވިދާޅުވި އެވެ. ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ފުށް މޮޑުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."
ނަންގަނެވިދިޔައީ، ރިވާޔަތާއި އޭގެ ލަފުޒީ މާނަ އެވެ. ލަފުޒީ މާނައާ އެއްގޮތަށް ޢަމަލުކުރާ ކަމަށްވަނީނަމަ، ނަމާދަށް ދާންވާނީ ފުށްގަނޑެއް ހިފައިގެންނެވެ. ސަޖިދައިން ތެދުވާއިރު، ފުށްގަނޑު މޮޑެލާފައި، ދެއަތަށް ބާރުލާފައި ތެދުވާނީ އެވެ. މި ރިވާޔަތުގެ ލަފުޒީ މާނައިގައިވާ ގޮތަށް ޢަމަލުކުރެވުނު ކަމަށް ވާނީ، އޭރުންނެވެ. ރަނގަޅަށް ޢަރަބި ބަސް ނުދަންނަ މީހަކު، މިގޮތަށް މިކަން ކޮށްފާނެ އެވެ. ނަމަވެސް، މިރިވާޔަތުގައިވަނީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރައްވާއިރު، ފުށްމޮޑުއްވާ ކަމަށްތޯ އެވެ؟
އަލިއަޅުވާލުމެއް
ދެވަނަ ރިވާޔަތުގައިވާ އެއްޗެއް ސާފުކޮށް އޮޅުންފިލުވާލުމަށްޓަކައި، ޢިލްމުވެރިންގެ ރައުޔުތަކަށް ބަލާލަމާތޯ އެވެ.
އަލްބާނީ
އަޒުރަޤުގެ ރިވާޔަތަކީ، ޞައްޙަ ރިވާޔަތެއް ކަމަށް ވިދާޅުވީ ފަޟީލަތުއް ޝައިޚު ނާޞިރުއްދީނުލްއަލްބާނީ އެވެ. (އިސްލާމީ އުންމަތުގެ) އިސްވެދިޔަ އިމާމުން، ނަމާދު ކުރާގޮތް ބަޔާންކުރައްވާއިރު، މި ރިވާޔަތް ނުގެންނަވާ ކަމަށް އޭނާ ވިދާޅުވެ އެވެ. ނަމަވެސް މި ރިވާޔަތް ދިފާޢުކުރެއްވުމަށްޓަކައި، އޭނާ ޙުއްޖަތް ދައްކަވާފައިވެ އެވެ.
ބަކުރު ބްނު ޢަބްދު ﷲ
އަޒުރަޤުގެ ރިވާޔަތަކީ، ޟަޢީފު ރިވާޔަތެއްކަން ބަޔާންކުރައްވައި ފަޟީލަތުއް ޝައިޚު ބަކުރު ބްނު ޢަބްދު ﷲ ވަނީ ފޮތެއް ލިޔުއްވާފަ އެވެ. އެ ފޮތުގައި އޭނާ ވިދާޅުވެފައިވަނީ، މި ރިވާޔަތަކީ، ޟަޢީފު، ބީރައްޓެހި، މުންކަރު ރިވާޔަތެއްކަމަށެވެ. ދެވަނަ ސަޖިދައިން ތެދުވާއިރު، ބިންމަތީގައި އަތް ޖައްސައި އަތުގެ ބާރުގައި ތެދުވަންވާނީ، (ބަލިކަށިވުމުގެ ސަބަބުން ނުވަތަ ހަށިގަނޑުގައި ވަރު ނެތުމުގެ ސަބަބުން) އެގޮތަށް ތެދުވާން ޖެހިއްޖެ ޙާލަތެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނޯޓް
އަލްއަލްބާނީ އާއި ބަކުރު ބްނު ޢަބްދު ﷲ އާ ދެ ބޭކަލުން، މި މައްސަލައިގައި ރައުޔު ތަފާތުވި ނަމަވެސް، އެ ދެ ބޭކަލުންގެ ދެމެދުގައި އެއްވެސް ކަހަލަ ޢަދާވާތްތެރިކަމެއް ނެތެވެ. ކީއްތޯއެވެ. އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކު ވެސް އަނެއް ބޭކަލަކަށް ހެޔޮ އެދިވަޑައިގެން، ހެޔޮ ބަސްފުޅު ވިދާޅުވެފައިވެ އެވެ.
އަލްޖިބްރީން
ފަޟީލަތުއްޝައިޚު ޢަބްދު ﷲ ބްނު އަލްޖިބްރީން ވިދާޅުވެފައިވެ އެވެ. "ސަޖިދައަށް ދާ ހިނދުގައްޔާއި، ސަޖިދައިން ތެދުވާ ހިނދުގައި، ދެއަތްތިލަ ޖައްސައި ދެއަތުގެ ބާރުގައި ތެދުވުން ހުއްދަވެގެންވަނީ، ޢުމުރުން ދުވަސްވެފައިވާ މީހުންނަށާއި ބަލިމީހުންނަށެވެ. ސަޖިދައިން ތެދުވެވޭހައި ބާރުހުރި މީހަކު އެކަން އެގޮތަށް ކޮށްގެން ނުވާނެ އެވެ. އެކަމަކީ، ކަންނެތްކަމާއި ފަރުވާކުޑަކަމާއި ބުރަހެލި ކަމުގެ ޢަލާމާތެކެވެ."
އިސްލާމްވެބް ގެ ފަތުވާއެއް
ސުވާލު
ދެވަނަ ސަޖިދައަށްފަހު، ރަކުޢަތަށް ތެދުވާއިރު، ދެއަތްތިލަ ބިންމަތީގައި ޖައްސާނީ ހުޅުވައިގެންތޯ އެވެ؟ ނުވަތަ މުށްކަވާފައިތޯ އެވެ؟
ޖަވާބު
ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މޮޅުއިތުރުވެގެންވަނީ، ނަމާދުކުރާ މީހާ ސަޖިދައިން ތެދުވާއިރު، އޭނާގެ ދެ އަތްތިލަ، ދެ ކަކޫ މަތީގައި ބާއްވައިގެން ތެދުވުމެވެ. ބިންމަތީގައި ދެ އަތްތިލަ ޖައްސައިގެން (ދެއަތުގެ ބާރުގައި) ތެދުވުމެއް ނޫނެވެ. ނަމަވެސް ދެ ކަކޫ މަތީގައި ދެ އަތްތިލަ ބާއްވައިގެން ތެދުވުމަކީ، ދަތި އުނދަގޫ ކަމަކަށް ވެއްޖެނަމަ، ބިންމަތީގައި ދެ އަތްތިލަ ޖައްސައިގެން ތެދުވުމަކީ، މި ދެ މަޒުހަބުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ.
މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މޮޅުއިތުރުވެގެންވަނީ، ނަމާދުކުރާ މީހާ ނަމާދުގައި ތެދުވާއިރު، އޭނާގެ ދެ އަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް، ބިންމަތީގައި ޖައްސައިގެން ތެދުވުމެވެ. ދެއަތްތިލަ މުށްކަވާފައި ބިންމަތީގައި ޖައްސައިގެން ތެދުވުމެއް ނޫނެވެ. އެހެނީ، ދެ އަތްތިލަ މުށްކަވާފައި ބިންމަތީގައި ޖައްސައިގެން ތެދުވުމަށް އޮންނަ ޙަދީޘްފުޅަކީ ޟަޢީފު ޙަދީޘްފުޅެކެވެ. އެއީ ޟަޢީފު ޙަދީޘްފުޅެއް ކަމަށް، އަންނަވަވީގެ "އަލްމަޖުމޫޢު" އާއި އައްޒައިލަޢީގެ "ނަޞްބުއްރާޔާ" ގައި ވެސް ވެ އެވެ.
ދެ އަތްތިލަ މުށްކަވައިގެން ތެދުވުމަށް ދަލީލު ދެއްކޭ ޙަދީޘްފުޅަކީ، ޞައްޙަ ޙަދީޘްފުޅެއް ކަމަށް ވިޔަސް، ދެ އަތްތިލަ މުށްކަވާފައި ޖައްސައިގެން ތެދުވުމަށް އެ ޙަދީޘްފުޅަކުން ދަލީލެއް ނުލިބެ އެވެ. މިކަން، "ތުޙްފަތުލްމުޙްތާޖް" ގައި އިބްނު ޙަޖަރުލް ހައިތަމީ ބަޔާންކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވެ އެވެ. "ސަޖިދައިން ތެދުވާ ހިނދުގައްޔާއި، ދެ ސަޖިދަ ދެމެދުގައި އިނުމަށް ތެދުވާ ހިނދުގައްޔާއި، އައްތަޙިއްޔާތަށް ތެދުވާ ހިނދު، ބިންމަތީގައި ޖައްސަންވާނީ، ދެ އަތްތިލައާއި އިނގިލިތަކުގެ ބަނޑު ފުށެވެ. އެހެނީ، ތެދުވުމަށް ބޮޑަށް އެހީތެރިވެދެނީ އެ ގޮތެވެ. ތަވާޟުޢުވެރިކަން ވަނީ ވެސް އެގޮތުގަ އެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ސާބިތުވެފައިވަނީ ވެސް އެގޮތެވެ. ފުށްމޮޑޭ މީހާގެ އަތް ފަދައިން އަތް ޖައްސައިގެން ތެދުވާކަމަށް ބުނާ ބުނުމުގެ މުރާދައަކީ، ބިންމަތީގައި އަތްތިލައިގެ ބަނޑުފުށް ޖައްސާފައި ތެދުވުމެވެ. މުށްކަވާފައި އަތް ޖައްސައިގެން ތެދުވުމެއް ނޫނެވެ."
ދެ އަތްތިލަ މުށްކަވާފައި ޖައްސައިގެން ތެދުވުމަށް ދަލީލު ދެއްކޭ ޙަދީޘްފުޅު، ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވަ އެވެ. އެ ޙަދީޘުގައިވާ ފުށްމޮޑުމަކީ، އަތްތިލަ މުށްކެވުން ކަމަށް އެ ބޭކަލުން މާނަކުރައްވަ އެވެ. އަލްބާނީ ލިޔުއްވި "ޞިފަތުއް ޞަލާތި" ފޮތުގައި މާނަކުރައްވާފައިވަނީ އެގޮތަށެވެ.
އިސްލާމްއޮންލައިންގެ ފަތުވާއެއް
ސުވާލު
ފުރަތަމަ އައްތަޙިއްޔާތުން ތެދުވާ ހިނދުގައްޔާއި، ސަޖިދައިން ތެދުވާ ހިނދުގައި، ދެ އަތްތިލަ މުށްކަވައިގެން ތެދުވުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން އެކަމާ ބެހޭ ޙަދީޘްފުޅެއް ވާރިދުވެފައިވޭތޯ އެވެ؟
ޖަވާބު
ދެ އަތްތިލަ މުށްކަވައިގެން ތެދުވުމަށް ދަލީލުލިބޭ ކަމަށް ބުނެވޭ ރިވާޔަތެއް ވާރިދުވެފައިވެ އެވެ. އަލްބާނީ ލިޔުއްވި ނަމާދުކުރާ ގޮތާ ބެހޭ ފޮތުގައި، އެ ރިވާޔަތް ހިމަނުއްވާފައި ވާނެ އެވެ.
ޝައިޠާނާގެ މަޅިތަކަށް މެހިގެން ނުދިއުމަށް، ތިބާއަށް ނަޞީޙަތްތެރިވަމެވެ. ނުކޮށް ދޫކޮށްލިޔަސް ނަމާދު ބާޠިލުނުވާނެ ކަންތައްތަކާމެދު އަޅުގަނޑުމެން މަޝްޣޫލުކުރުވަން ޝައިޠާނާ މަސައްކަތް ކޮށްފާނެ އެވެ. އެފަދަ ކަންކަމުގައި އަޅުގަނޑުމެން މަޝްޣޫލުވެއްޖެނަމަ، ނަމާދުގެ ރޫޙާ ޚިލާފުވެ، ނަމާދުގެ އަސާސީ ބައި، އަޅުގަނޑުމެންގެ އަތުން ދޫވެގެން ހިނގައިދާނެ އެވެ. ނަމާދުގެ ރޫޙަކީ ޚުޝޫޢަތްތެރިކަމެވެ. ޚުޝޫޢަތްތެރިކަމެއް ނެތް ކަންތައްތަކާމެދު ސުވާލުކޮށް ބަހުސްކުރުމުގައި ވަގުތުތައް ބޭކާރުކޮށްނުލުން ބުއްދިވެރި އެވެ. (އެބަހީ، ދެ އަތްތިލަ މުށްކަވާފައި ޖެއްސުމާމެދު ބަހުސްކުރުމުގައި ވަގުތު ނަގާނުލާށެވެ! އަދި ޖަމާޢަތާ ޚިލާފުވެ، ނަމާދުގެ ޚުޝޫޢަތްތެރިކަން ނަގާނުލާށެވެ!) ކާމިޔާބު ލިބިގެންވާ މުއުމިނުންނަކީ، ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުން ކަމަށް މާތް ﷲ އަންގަވާފައި ވެ އެވެ.
ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް
މި މަޒުމޫނުގައި ބަޔާންކޮށްފައިވާ ދެ ރިވާޔަތް ދިރާސާކުރިއިރު، ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް ވެއެވެ. އޭގެތެރެއިން މުހިންމު ނުކުތާތަކަކީ:
1.ދެވަނަ ރިވާޔަތް ރިވާކުރެއްވި، އަލްއަޒުރަޤު ބްނު ޤައިސަކީ، ޢަބްދު ﷲ ބްނު ޢުމަރުގެ ދަރިވަރެކެވެ. އަޒުރަޤަށް، އެކަލޭގެފާނު ފެނިވަޑައިގެންފައިވަނީ، އެކަލޭގެފާނުގެ ޢުމުރުފުޅުން ދުވަސްވެ، މުސްކުޅިފުޅުވެފައި ވަނިކޮށްނެވެ. އެހެންވީމާ، މުސްކުޅިޔަކު ސަޖިދައިން ތެދުވާއިރު، ބިންމަތީގައި އަތް ޖައްސާގޮތަށް، އިބްނު ޢުމަރު، އަތްޕުޅު ޖެއްސެވުމަކީ ސަލާމަތް ބުއްދި ޤަބޫލުކުރާ ކަމެކެވެ.
2.އިބްނު ޢުމަރުގެ ދެ އަތްތިލަފުޅުގެ އިނގިލިތައް ލައްޕަވާފައި، އެކަލޭގެފާނުގެ އިނގިލިފުޅުތަކުގެ ބޭރުފުށް ބިންމަތީގައި ޖެއްސެވިކަން، އަޒުރަޤުގެ ރިވާޔަތުގެ ނައްޞުން އެނގޭކަށެއް ނެތެވެ.
3.ފުށްގަނޑު މޮޑޭ ގޮތަށް ބިންމަތީގައި އަތް ޖެއްސުން ސިފަކުރުމަށް، އަޒުރަޤުގެ ރިވާޔަތުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ، (يَعْجِنُ) އެވެ. މިކަލިމައިގެ ލަފުޒީ މާނައަކީ، "މޮޑެނީ" ނުވަތަ "ފުށް މޮޑެނީ" އެވެ. ޢަރަބި ބަހުގައި މިކަލިމައިން ދެގޮތަކަށް އަތް ޖެއްސުން ދޭހަވެ އެވެ. އެއްގޮތަކީ، އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް، ބިންމަތީގައި ޖެއްސުމެވެ. އަނެއް ގޮތަކީ، އަތްތިލަ ހުޅުވާލާފައި، އަތްތިލައިގެ ބަނޑުފުށް ބިންމަތީގައި ޖެއްސުމެވެ.
4.ޢަރަބި ބަހުގައި، (العَاجِنُ) އިން ދޭހަވާ ހަމައެކަނި މާނައަކީ، "ފުށްމޮޑޭ މީހާ" އެއް ނޫނެވެ. މި ކަލިމައިގެ މާނަތަކުގެ ތެރޭގައި، ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހާ ވެސް ހިމެނެއެވެ.
5.ސަޖިދައިން ތެދުވާއިރު، އަތްތިލަ މުށްކަވާފައި އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖެއްސުމަކީ، ޝަރުޢީ ސުންނަތެއް ނޫނެވެ. އެކަމަކު، އެއީ ޢަރަބި ބަހުގެ ސަގާފަތް ރަނގަޅަށް ނުދަންނަ ޢަޖަމީން ހަދާ ގޮތެކެވެ. އިބްނުއްޞަލާޙް ވަނީ މިކަމަށް އިޝާރަތްކުރައްވާފަ އެވެ.
6.ދެ އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖައްސައިގެން ތެދުވުމަކީ، ޞައްޙަ ގޮތެއް ކަމަށް، ހަތަރު އިމާމުންކުރެ އިމާމަކު ވިދާޅުވެފައެއް ނެތެވެ. އަދި އެ ބޭކަލުންގެ ފަހުން ވަޑައިގެންނެވި އިމާމަކު ވެސް، އެއީ ޞައްޙަ ގޮތެއް ކަމަކަށް ވިދާޅެއް ނުވެ އެވެ.
7.ދެ އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖައްސައިގެން، ތެދުވުމަށް އޮތް ރައުޔަކީ، ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔާ ޚިލާފު ރައުޔެކެވެ.
8.ޖަނަވާރު ޙަރަކާތްތެރިވެ އުޅޭ ބައެއް ހުތުރު ގޮތްތަކާ ޚިލާފަށް، ނަމާދުގެ ޙަރަކާތްތައް ރީތިކޮށް ކުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޠާހިރު ސުންނަތުގައި ވަނީ އިރުޝާދު ދެއްވާފަ އެވެ.
ޚުލާޞާ
ސަޖިދައިން ނުވަތަ ފުރަތަމަ އައްތަޙިއްޔާތުން ތެދުވާއިރު، ދެއަތްތިލަ މުށްކަވާފައި އިނގިލިތަކުގެ ބޭރުފުށް ޖައްސައިގެން ތެދުވުމަށް، ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް އެބޭކަލުން ދައްކަވާ ދަލީލުން، އެ ބޭކަލުން ވިދާޅުވާ ގޮތާ އިދިކޮޅު ގޮތަށް ވެސް ދަލީލު ލިބެ އެވެ. އިދިކޮޅު ގޮތަކީ، ދެ އަތްތިލަ ހުޅުވާލައިގެން، އަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުމެވެ. ސުންނަތްވެގެންވާ މޮޅުއިތުރު ގޮތަކީ މިއީ ކަމަށް، ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވި ރިވާޔަތަކީ، ޟަޢީފު ރިވާޔަތެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެ އެވެ. އަދި އެ ރިވާޔަތަށް ބާރު ލިއްބައިދޭނެ އިތުރު ރިވާޔަތްތަކެއް ވާރިދުވެފައި ނެތްކަމަށް ވެސް ޢިލްމުވެރިން ވިދާޅުވެ އެވެ.
ނަމާދުގައި، ދެ އަތްތިލަ މުށްކަވާފައި، ޖައްސައިގެން ތެދުވުމަކީ، ޢަޖަމީންނަށް ޢަރަބި ބަސް ރަނގަޅަށް ދޭހަ ނުވާތީ، ޢަޖަމީން ޢަމަލުކުރި ގޮތެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ޢިލްމީ ހަމަތަކުގެ މަތިން ތަޙުޤީޤުކޮށްބަލާއިރު، ޞައްޙަކަން ބޮޑު، މޮޅުއިތުރުވެގެންވާ ގޮތަކީ، ސަޖިދައިން ތެދުވާއިރު، ދެއަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުން ކަން ސާބިތުވެ އެވެ. އިސްލާމީ ޝަރުޢުގެ ހަރުދަނާ ދަލީލުތަކުން ބާރުލިބިފައިވަނީ ދެއަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުމަށެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޠާހިރު ސުންނަތުގައިވަނީ މިގޮތްކަމަށް ގިނަގުނަ ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް/ ސާމަރާލައިވް އިން ނަންގަވާފަ