ދަތި އުނދަގޫ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަރައިގަންނަން ނިކަން މި ވަޙީބަސްފުޅަށް ޢަމަލުކޮށްބަލަ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަތި އުނދަގޫ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަރައިގަންނަން ނިކަން މި ވަޙީބަސްފުޅަށް ޢަމަލުކޮށްބަލަ!: ޝައިޚް އަބޫބަކުރު ޒައުދު

ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ކުރިއަށްދާން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާ މަގެއް ނުވަތަ މަގުތައް ފަހިކޮށް ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އަދި އެއިރުން ކޮންމެ މީހަކަށްވެސް ތެދު މަގުދައްކަވާނެ ކަމަށްވެސް އޮވެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ބަސްފުޅެކެވެ.  

ފުރަތަމަ ކަމަކީ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެން ނުވާ ކަމެވެ. އެހެންކަމާއިއެކުގައިވެސް މިފަދައިން ވަޙީކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ކުރިއަށްދާން މަސައްކަތްކުރުމުން އެކަމުން ފައިދާކުރާނީ އަހުރެމެންނަށްކަން ބަޔާންކޮށް ދެއްވެވުމަށެވެ.  

ވީމާ ދިރިއުޅުމުގައި ކުރިމަތިވި މައްސަލައަށް ނުބަލާށެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ހެޔޮޢަމަލުތައް ކުރުން ގިނަކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ.  

އެއިރުން އެމީހަކަށް ހިތްހަމަޖެހުން ދެއްވަވާނެތެވެ. އަދި ކުރިމަތިވެފައިވާ ކަންކަމުން އަރައިގަނެވޭނެ މަގެއްވެސް ދައްކަވާނެތެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ނޫނީ އެއްވެސް މީހަކަށް ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. ކުރިމަތިވެފައިވާ އެއްވެސް ކަމަކުން ކުރިއެރުމެއްވެސް ނުލިބޭނެއެވެ.  

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުންވެސް ރޭއަޅުކަމަށް ސަމާލުކަންދޭށެވެ. އަދި އެހެންވެސް ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޛިކުރުކޮށް ދުޢާކުރުން ގިނަކުރާށެވެ. އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން