ޤުރްއާން ކިޔަވަމުންދާއިރު މިފަދަ އާޔަތްތަކުން ހިތަށް ބިރުވެރިކަން ވަދޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޤުރްއާން ކިޔަވަމުންދާއިރު މިފަދަ އާޔަތްތަކުން ހިތަށް ބިރުވެރިކަން ވަދޭތަ؟

އެންމެންވެސް ހަނގުރާމަ ދެކެ ބިރު ގަނެއެވެ. ބޮޑު ހަނގުރާމައަކަށްވުރެ ﷲ ތަޢާލާގެ ޢަޛާބުގެ ނުރައްކައުތެރިކަން މާބޮޑެވެ. ހަނގުރާމައެއްގައި އަރާ ޙަމަލާއަކުން މަރުވެއްޖެނަމަ އެދެވުނީ ﷲ ތަޢާލާގެ ރަޙްމަތަށެވެ. ހަނގުރާމައަކުން ތިމާއަށް ގެއްލުމެއް ނުލިބި ސަލާމަތްވެސް ވެވިދާނެއެވެ.

ނަމަވެސް ﷲ ތަޢާލާ ޢަޛާބެއް ފޮނުއްވަވައިފިނަމަ ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ތައުބާވުން ގިނަކުރަންވާނެއެވެ!

"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިއަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިއަބައިމީހުންގެ ފައިތަކުގެ ދަށުން ތިއަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވެވުމަށް ނުވަތަ ތިއަބައިމީހުން ބައިބައަށް ވަކިކުރައްވަވައި ތިއަބައިމީހުންގެ ތެރެއިން އެއްބައެއްގެ ބާރުގެ ރަހަ، އަނެއް ބައކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ އާޔަތްތައް އެކި ގޮތްގޮތަށް ބަޔާންކޮށްދެއްވަވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ." (އަލްއަންޢާމް: 65)

މިއާޔަތް ބާވައިލެއްވެވުވުމުން އެކަލާނގެ ޢަޛާބަށް ބިރުފުޅުން ރަސޫލް ﷺ ގެ ހަށިކޮޅު ތުރުއެޅިއެވެ. އެކަލާނގެ ޢަޛާބުން ސަލާމަތްކުރައްވަވައި ދެއްވެވުމަށް ދުޢާކުރެއްވެވިއެވެ.

ހިތާމައަކީ ކީރިތި ޤުރްއާނުގައިވާ މިފަދަ އާޔަތްތަކުން އަހުރެމެންނަށް އަސަރުނުކުރާކަމެވެ. ޢަޛާބަށް ބިރުވެތިނުވެވޭކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން