ޒަވާޖީ ޙަޔާތުގަ ކުރިމަތިވާ ކަންކަން ބޮޑުކަމަކަށްނުވެ ފަސޭހައިން ޙައްލުކުރަން އަނބިމީހާ ސަމާލުކަންދޭންވީ ތިން ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޒަވާޖީ ޙަޔާތުގަ ކުރިމަތިވާ ކަންކަން ބޮޑުކަމަކަށްނުވެ ފަސޭހައިން ޙައްލުކުރަން އަނބިމީހާ  ސަމާލުކަންދޭންވީ ތިން ކަމެއް!

ކޮންމެ ކަމެއްވެސް އެންމެ ފަސޭހައިން ޙައްލުކުރެވޭނީ ޙިކުމަތްތެރިކަން އިސްކޮށްގެންނެވެ. ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެންނެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަންވެސް އެންމެ ރަނގަޅު ގޮތުގައި ޙައްލުކުރެވޭނީ އެގޮތަށް ޢަމަލުކުރުމުންނެވެ.

މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވާ އެއް ސަބަބަކީ މުޢާމަލާކުރެވޭގޮތެވެ. ދެމީހުންކުރެ އިސް މީހަކީ ކާކުކަން އޮޅުވައިލެވޭ ކަމެވެ.

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ފިރިމީހާ ލަހުން ގެއަށް އައިސް އަނބިމީހާއަށް ގޮވައިވެސް ނުލައި ނިދީއެވެ. ހެނދުނު ތެދުވެ އެކަމުގެ ވާހަކަދައްކަންވާނީ ވަރަށް ރީތި ޢިބާރާތަކުންނެވެ. ބަސްތައް އަތުރާލައިގެންނެވެ.

ވީމާ ރުޅިވެރިކަމާއިއެކު ވާހަކަދެއްކުމުގެ ބަދަލުގައި ބުނެލާށެވެ! "ރޭގައި ތިބާ ގެއަށް އައިސް ގޮވައިވެސް ނުލަމެއް ނޫންހެއްޔެވެ؟ އަހަރެންނަށް ނިދުނީ ތިބާ ލަސްވެގެން އެކަމުގެ ކަންބޮޑުވުމުގައި އޮއްވައެވެ!" އެފަދަ ރިވެތި ޢިބާރާތަކުން ބުނުމުން ފިރިމީހާއަކީ ރަނގަޅު މީހަކުނަމަ ވަރަށް އަސަރުކުރާނެއެވެ. އެކަން ތަކުރާރެއް ނުކުރާނެއެވެ.

ދެވަނަ ކަމަކީ މައިމީހާ ފަދައިން އަބަދު އެއްކަމެއްގެ ވާހަކަ ތަކުރާރުނުކުރުމެވެ. ކަމަކާއިމެދު ފެންނަ ގޮތް ބުނެލާށެވެ! ފިރިމީހާ ޤަބޫލުނުކުރިނަމަ އެކުށެއްކުރަން ދޫކޮށްލާށެވެ! އެކުރެވުނީ ކުށެއްކަން އެނގުމުން އަލުން އެކުށެއް ނުކުރާނެއެވެ. އަބަދު އެއްކަމެއް ނުކުރަން ބުނާނަމަ އެކަމެއް ކޮންމެ ގޮތަކުންނަވެސް ކުރަން ބޭނުންވުމަކީ ފިރިހެނުންގެ ޠަބީޢަތުގައި ވަރަށް ބޮޑަށް ހުންނަ ކަމެކެވެ. އެކަން އިޞްލާޙްކުރެވެނީ އަމިއްލައަށް "ތަދު" އިޙްޞާޞްކުރެވުމުންނެވެ.

ތިންވަނަ ކަމަކީ ފިރިންނަށް ޤަދަރުކުރުމެވެ. ފިރިންނަށް ޤަދަރުކުރުމަކީ ޢާއިލާގެ އެންމެ އިސް މީހަކީ ފިރިމީހާކަން ޤަބޫލުކޮށް އެކަމަށް އިޙްތިރާމްކުރުމެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް މަޝވަރާކޮށްލާށެވެ! އެކަމުން ބަޔާންވާނީ އަނބިމީހާގެ ހަރުދަނާކަމެވެ. އެއީ ނިކަމެތިކަންކަމަށް ދެކެފިނަމަ އެކުރެވެނީ ގޯސްކަމެކެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ!

މިބަޔާންކުރީ ވަރަށް ޢާދައިގެ 3 ކަމެކެވެ. މިކަންކަމުގައި އަނބިމީހާ ހިފަހައްޓާނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. އަދި ޖެހޭ މައްސަލަތައް ޙަލުކުރަންވެސް ފަސޭހަވެގެންދާނެއެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން