ދަރިންނަށްޓަކައި ކޮށްދޭން އޮތް އެންމެ ބޮޑު ހެޔޮކަމަކީ ފާފަކުރަން ފުރުޞަތުނުދީ ކައިވެނި އަވަސްކޮށްދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދަރިންނަށްޓަކައި ކޮށްދޭން އޮތް އެންމެ ބޮޑު ހެޔޮކަމަކީ ފާފަކުރަން ފުރުޞަތުނުދީ ކައިވެނި އަވަސްކޮށްދިނުން!

ކަލަންޑަރުން އަހަރެއް ފާއިތުވެގެންދަނީ ނުވެސް އެނގިތިއްބައެވެ. މިމަހަށް ކަލަންޑަރުގެ ގަނޑު ފުރޮޅާލާފައި ބަލައި ނުލެވި ހުއްޓައި މިފެންނަނީ މަސް ނިމިފައިވާތަނެވެ. އަނެއްގަނޑު ފުރޮޅުން ލަސްވެފައިވާތަނެވެ. ސުވާލަކީ އަންނަމުންދާ ބަދަލުތަކަށް ވިސްނައިލެވޭ ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން އަދި ކައިވެނިކުރަން މާއަވަސްކަމަށް ދެކެ، ކައިވެނިކުރަންވާނީ ޔުނިވާސިޓީ ނިންމާފައިކަމަށް ދެކެގެން ތިއްބައި ކަންކަން ވަމުން މިދާގޮތް އެނގެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟

ބޯއިފްރެންޑަކު ގެންގުޅެންފަށާތާ 3 އަހަރުވާއިއރު 2 ފަހަރު އެބޯޝަންހަދަންޖެހޭކަން މައިންބަފައިންނަށް ނުއެނގުނު ނަމަވެސް އެފަދަ ކަންކަން ކުރިމަތިވާކަން އަހަރެންނަށް ވަނީ އެނގިފައެވެ. އެކުދިން އައިސް އެކަމުގެ ވާހަކަތައް ކިޔައިދީ ތައުބާވުމުގެ ސުވާލުތައްކުރާތީއެވެ.

ލޮބުވެތިމައިންބަފައިންނޭވެ! އަހަރެމެންނަށް ދިރިއުޅެންޖެހިފައިމިވާ ދުވަސްވަރަކީ ފާހިޝް ޢަމަލުތައްކުރަން މިހައިތަނަށް އައި އެންމެ ފަސޭހަ ޒަމާނެވެ. އެހެން ފާފަތައް ކުރަންވެސް މެއެވެ. މިޙާލަތުގައި ދަރިން ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ބޯއިފްރެންޑުން ގެންގުޅުމުގެ ފުރުޞަތު ނުދީ އަވަހަށް ކައިވެނިކުރުވުމެވެ. އެހެން އެއްވެސް ގޮތެއް އެކަމުގައި ނެތެވެ.

މިވެނި މީހާ އެވެނި މީހާގެ ވާހަކަދައްކަން ތިބެވޭކަށް ނެތެވެ. ކޮންމެ މީހަކަށްވެސް މިއަދު ކުރަންޖެހޭ ކަމަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ދަރިން ނަރަކައިން ސަލާމަތްކުރުމެވެ. ތިމާއަކީ މިވެނި ފެންވަރެއްގެ މޮޅު މީހަކަށްވީތީ ތިމާގެ ދަރިން ފާފަ ނުކުރާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ދަރިން ހަލާކުވެގެން ދިއުމަކަށް މިހާރަކު ވަކި އުމުރެއް ނެތެވެ. ވަކި ޢާއިލާއެއް ވެސް ނެތެވެ.

ކައިވެނިކުރާ އުމުރަށް އެޅުމުން ކައިވެނިކުރުން އަވަސްކުރަން މިބުނާ ބުނުމަކީ އަހަރެން ބުނާ ބުނުމެއް ނޫނެވެ. އަހަރެމެންނާއި ދަރިން އުފެއްދެވި ﷲ ތަޢާލާގެ އެންގެވުމެކެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ގެ ޙަދީޘްފުޅެކެވެ. ޢަމަލުނުކޮށް ތިބެ ދަރިންނަށް ފާފަކުރެވުމުން ރުޅިއައިސް ދަރިންނަށް އެއްޗެތި ގޮވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

(މިއީ މުފްތީ މެންކް މީގެ 13 އަހަރުކުރިން ދެއްވާފައިވާ ދަރުސެއްގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކެކެވެ. މިއަދު މިކަންކަމަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ މިންވަރު ހިތަށް ގެންނާށެވެ!)

މިއަދު އޮންލައިން