ފަށަމުންވެސް ބުނަމެވެ. މިވާހަކަކޮޅަކީ އަންހެން / ފިރިހެން މޮޅުކުރަން ނޫނީ ދެރަކުރަން ދައްކާ ވާހަކައެއް ނޫނެވެ. އެކުގައި އުޅޭނަމަ އަނެކާ ނުރޮއްވައި ލޯބިން އެކުގައި އުޅެން ހިތްވަރުދީ ބާރުއަޅަން ބުނާ ބަސްކޮޅެކެވެ.
ޙާލަތު ނިޔާކުރާ ގޮތުން އެހެން ގޮތެއް ފެންނަން ނެތްނަމަ ކަރުނައަޅަމުންވެސް ކެތްތެރިޥާ އަނބިން ތިބޭނެއެވެ. އެހެން ގޮތެއް ފެންނަން އޮތަސް ދަރިން ދެކެ ވާލޯބީގެ ސަބަބުން ދަރިންގެ ޙައްޤުގައި ކެތްތެރިވާ މައިންވެސް ތިބޭނެއެވެ. ވީމާ ކެތްތެރިވާ ކޮންމެ އަންހެނަކީ ގޮތްހުސްވެގެން ހުރި އަންހެނެއކަމަށް ނުދެކޭށެވެ!
އަނބިމީހާ ކުރިޔަސް އަދި ފިރިމިހާ ކުރިޔަސް އަނިޔާ ވާނީ ހަމަ އަނިޔާއަށެވެ. އަހުރެމެންނަށް އޮތީ އެކަކު އަނެކަކަށް އަނިޔާވެރިނުވެ ރިވެތި ގޮތުގައި އުޅުމެވެ. ރިވެތި ގޮތުގައި އެކުގައި އުޅެވެން ނެތްނަމަ އަނިޔާވެރިނުވެ ރިވެތި ގޮތުގައި ދެމީހުން ދުރުވުމެވެ. އެއިރުން ހަމަޤައިމުވެސް އަނެކާގެ ހިތްދަތިކުރުވިކަމުގެ ފާފަ ބޮލުގަ އަޅާކަށް ނުޖެހޭނެއެވެ.
ބުނަން ހެއްޔެވެ؟ ތެދުވެރިކަން މަތީގައި އުޅެން ބޭނުންނުވާނަމަ އަނެކާއަށް އަނިޔާވެރިނުވެ އަވަހަށް ތިމާބޭނުންވާ ގޮތަށް ދީލައިލާށެވެ! އޮޅުވައިލުމާއި މަކަރު ހެދުމުގެ ތެރޭގައި އެކުގައި އުޅެން ނުހަދާށެވެ! އެކަމުގެ ސަބަބުން އަނެކާއަށް ލިބޭނެ ދެރައަށްވުރެ ތިމާއަށް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ.
މިކަންކަމަށްވެސް ވިސްނައިލާށެވެ!
ފިރިހެނަކަށް ރުޅި އައުމުން އޭނާގެ ގައިގާ ބާރުހުރީމަ ވަށައިގެންހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލެވިދާނެއެވެ. ގޭގެ ފާރުތައްވެސް ތަޅައިލެވިދާނެއވެ. އަންހެނުން އެކަން ކުރާނެ ގޮތް ވަރަށް ތަފާތުވާނެއެވެ. މާނުރައްކާތެރިވެސްވާނެއެވެ.
ފިރިހެނަކު ރުޅިއައިސްގެން ނުބައި ބަސްތައް ބުނާއިރު ބުއްދިވެރި އަންހެނަކު މަޑުން ހުރުމަކީ އޭނާ ބަލިކަށިވެފައި ފިނޑިކަން ކަމަށް ހީނުކުރާށެވެ! އޭނާ މަޑުން އެހުންނަނީ ދޭނެ ހަމަލާއަކަށާއި ޙަމަލާދޭނެ ވަޤުތަށް ބަލައިގެންނެވެ. ޙަމަލާދިނީމާ ފިރިހެނުންނަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ހަތަރު އުދަރެސް ފެނުޖައްސުވައިލާނެއެވެ.
މުހިންމީ ބާރުގަދަ ޙަމަލާ ދެވޭނީ ކާކަށްތޯ ބެލުމެއް ނޫނެވެ. މުހިންމީ މައްސަލަތައް ޙައްލުކޮށް ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގައި ވާދަކުރުމެވެ. އެކަމަށް ރޭސްޖަހާ ދެމަފިރިއަކަށްވުރެ އުފަލުގައި އުޅެވޭނެ ބައަކު ނުތިބޭނެއެވެ.
- އަލަފް / މިއަދުނޫހަށް