ކައިވެނި ކާމިޔާބުކޮށް ޒަވާޖީ ޙަޔާތް އުފާވެރިކުރުވަން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް! ކުޑަކަމަކުން ބޮޑު ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައިވެނި ކާމިޔާބުކޮށް ޒަވާޖީ ޙަޔާތް އުފާވެރިކުރުވަން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް! ކުޑަކަމަކުން ބޮޑު ފައިދާކުރާނެ! އިން ޝާ ﷲ

ބޮޑު އެއްވުމެއްގައި ނުވަތަ ކުޑަ ބައްދަލުވުމެއްގައި ނަމަވެސް ދައްކާ ވާހަކަތަކުގައި އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އަހުރެންގެ ސުވާލަކީ މަތިވެރިކުރަން ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަން ހުރިއިރު ތިބާ ކުރީ ކޮން ކަމެއް ހެއްޔެވެ؟ އަދާކުރީ ކޮން މަސްއޫލިއްޔަތެއްހެއްޔެވެ؟  

ދަރިންނޭވެ! އަހުރެން، މުފްތީ މެންކް ބުނީތީވެސް ނިކަން މިކަން ކޮށްލަބަލާށެވެ! ތިއަ ދެކުދިންނަކީ ލޯބެބިވެވިފަ، އެކަމަކުވެސް ގައިގަ އަތް ނުލައި ތިބި ދެކުދިން ކަމުގައިވާނަމަ ހަމަ ތިއަ ގޮތަށް ގައިގަ އަތްނުލައި ތިބެ ކައިވެނިކޮށްބަލާށެވެ!  

ދެން ބުނަން އޮތީ ލޯބިވެގެން އުޅެމުން މިހައިތަނަށް ބީހެވިފައި އޮތް ނަމަވެސް މިއަދުން ފެށިގެން ދެމީހުންވެސް އަނެކާގެ ގައިގައި ނުބީހި ނިކަން ތިބެބަލާށެވެ!  

ރަނގަޅަށް އަޑުއަހާށެވެ! 

ކައިވެނިކުރުމަށްފަހު ހިތްދަތިކަން އިޙްޞާޞްކުރަންޖެހޭ މީހުންގެ ޢަދަދު ގިނަވަމުން މިދަނީ އެކަން އެގޮތަށް މެދުވެރިވުމަށް ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެ ސަބަބަކީ ކައިވެނިކުރުމުގެކުރިން ދެމަފިރިންގެ ގޮތުގައި އުޅެވޭކަމެވެ. ކައިވެނިނުކޮށް ކައިވެނިކޮށްގެން ކުރަންޖެހޭ ކަންކަން ކުރެވޭތީއެވެ. 

މިފަދަ ގޮތްގޮތަށް އުޅޭ އެންމެންނަށް ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ވަގުތުން ނުލިބިދާނެއެވެ. ނަމަވެސް ގިނަބައަކަށް ލިބުމަކީ ވަރަށް ގާތް ކަމެކެވެ. ދަނީވެސް ލިބެމުންނެވެ. ކައިވެނީގެ ވަރަށް ކުރީކޮޅުން ފެށިގެން ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. ހިތްދަތިކަން އިޙްޞާޞްކުރަންޖެހެއެވެ. ބައެއް ޙާލަތްތަކުގައި ދެމަފިރިންގެ މެދުގައި ލޯބި އޮތްނަމަވެސް ހިތާމަކުރަންޖެހޭ އެހެން ސަބަބުތައް ކުރިމަތިވެއެވެ. ވަޒީފާ ނުލިބުމާއި ވަޒީފާ ގެއްލުމާއި އާމްދަނީ ލިބުން ދަތިވުމާއި ބަލިވެ އުޅެންޖެހުން ފަދަ ކަންކަން ވެސް މެދުވެރިވެއެވެ.  

ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވަނީ ވަކިމީހަކު ދެކެ ލޯބިވެވި އެމީހާގެ ރުހުން ހޯދަން އެމީހާ ޝައުޤުވެރިވާ ކަންކަން ކުރަން މަގުފަހިކޮށްދެވޭތީއެވެ. އޭނާގެ އެދުމަކަށް ނޫނެކެވެ ބުނެފިނަމަ އޭނާ ރުޅިއަތުވެދާނެކަމުގެ ބިރަށް ﷲ ތަޢާލާއަށް ބިރުވެތިވުން އެއްވެސްކަމަކަށް ނުހަދައި ދޫކޮށްލެވޭތީއެވެ.  

ބިރުވެތިވާންވީ އޭނާ ނުރުހި ރުޅި އަތުވެދާނެކަމަށްނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެ ކަމަށެވެ. އޭނާ ނުރުހިގެން ތިބާ އާއި ވަކިވާނީ ނޫންހެއްޔެވެ؟ ދުނިޔޭގައި 3 ބިލިއަނަށްވުރެ އަންހެނުންނާއި 3 ބިލިއަނަށްވުރެ ގިނަ ފިރިހެނުން އެބަތިއްބެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ މީހަކާއި ގުޅުން ކަނޑާލަންޖެހޭ ޙާލަތުގައި އެކަންކުރުމުން މާފުރިހަމަ މީހަކު ތިބާގެ ބައިވެރިއަކަށް ﷲ ތަޢާލާ ދެއްވަވާނެކަމާއިމެދު ޝައްކުވެސް ގޮށްގެން ނުވާނެއެވެ!  

ވީމާ މައްސަލައަކަށް މިވަނީ ކައިވެނިނުކޮށް ލޯމަރައިލެވޭކަމެވެ! ލޯމަރައިލަންވީ ކައިވެނިކުރެވުމުންނެވެ. (މާނައަކީ ކައިވެނި ނުކުރެވި ހުންނައިރު ވަކި މީހަކަށް މީހާ ހުސްނުވެ ލިބިދާނެ އިތުރު ހުށަހެޅުން މާފުރިހަމަވެދާނެކަމަށް ވިސްނަންވާނެއެވެ! ނަމަވެސް ކައިވެނިކުރުމަށްފަހު އިތުރު ވިސްނުން ނުގެންގުޅެ ދެމަފިރިން އެކަކު އަނެކަކަށް ޚާއްޞަވާންވާނެއެވެ!)

 

މަޢުލޫމާތު: އިސްލާމީ ތިލަފަތް / މުފްތީ މެންކް

މިއަދު އޮންލައިން