ރަސްގެފާނަށް ހުންނެވޭ ޙާލުކޮޅު ވިސްނައިދިން ފަޤީރު މުސްކުޅިމީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 7ސ
ރަސްގެފާނަށް ހުންނެވޭ ޙާލުކޮޅު ވިސްނައިދިން ފަޤީރު މުސްކުޅިމީހާގެ ވާހަކަ-

މުސްލިމް ބައެއް ޤައުމުތަކުގެ ވެރިން އެހާމުއްސަނދިއިރު އެޤައުމުތަކުގެ ފަޤީރުންނަށް އެހައި ނިކަމެތި ޙާލުގަ އުޅެންޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑަށް އެނގިފަ އޮތްގޮތުން މުސްލިމް ގިނަ ޤައުމުތަކުގަ ވަރަށް ނިކަމެތި ޙާލުގަ އުޅެންޖެހިފައިވާ ފަޤީރުން ވަރަށް ގިނަ! 

މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. 

އަހުރެމެން ދައްކަންވީ މުސްލިމް އުންމަތުގެ ވެރިންގެ ގޮތުގައި މިއަދު ތިއްބެވި ތަނަވަސް ބޭފުޅުންގެ ވާހަކައެވެ. އެބޭފުޅުންގެ ތަނަވަސްކަން ބޮޑުވެ ގުނާ ޢަދަދު ނުކުރެވިގެންއުޅޭއިރުވެސް ޤައުމުގެ ރައްޔިތުންނަށް އުޅެންޖެހިފައިވާ ނިކަމެތި ޙާލުގެ ވާހަކައެވެ. ވީމާ ކިޔުންތެރިޔާގެ ސުވާލަކީ ބުރަދަން ބޮޑު ސުވާލެކެވެ. 

އެހެންވެ މިގެނެސްދެނީ ވެރިންނަށާއި އަދި ކޮންމެ މީހަކަށްވެސް ފައިދާކުރާނެ ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.  

ވެރިކަން ލިބުމުން ތިމާއަށް އުޑަށް އެރިއްޖެކަމަށް ޤަބޫލުކުރެވޭ މީހުން ހުރިހާ ޒަމާނެއްގައިވެސް އުޅެއެވެ. އެޒަމާން، މިޒަމާން ނުވަތަ އެއްވެސް ޒަމާނެއް ގޯސްކޮށްފައި ވާހަކައެއް ނުދެއްކޭނެއެވެ. މިޒަމާނުގައިވެސް ކަންކަން ހިނގަނީ ހަމަ އެމަގުން ކަމަށްވާތީއެވެ. 

ރަސްކަލަކު، ރައީސަކު ނުވަތަ ބޮޑުވަޒީރަކު ފެނިއްޖެނަމަ އޭނާއަށް ތާއީދުނުކުރާ މީހުންވެސް ދެކޮޅުގައި ހުންނަ ހުރިހާ ދަތްތައް ދައްކައިގެން ގޮސް ބައްދަލުކުރެއެވެ. އެމީހަކަށް ކިތަންމެ ވަރަކަށް ނަފްރަތުކުރި ނަމަވެސް އޭނާއަށް ތަޢްރީފްކުރަމުން ގޮސް އޭނާއަކީ ކުޑަކުޑަކަލާނގެއަކަށްވެސް ހަދާނެއެވެ. 

މިރޭ މިކިޔައިދެނީ މީގެ 200 ވަރަކަށް އަހަރު ކުރީގައި އުޅުއްވި ރަސްކަލެއްގެ ވާހަކައެވެ. ޙާޞިލުކުރަންޖެހޭ ޢބްރަތްވަރަށް ގިނަ ހާދިސާއެއްގެ ވާހަކައެވެ. ވީމާ ރަނގަޅަށް ކަނުލައި އަޑުއަހާށެވެ! ހިތުގައި ނޯޓުވެސް ކުރަމުން ގެންދާށެވެ1 

ރަސްގެފާނު ރަށުތެރެއަށް ނުކުމެވަޑައިގެން އުޅުއްވި ދުވަހެކެވެ. ކޮންމެ ތަނަކަށް އަސް މަޑުކޮށްލި ނަމަވެސް މީސްތަކުން އައިސް ރަސްގެފާނަށް ކުރުނީސްކޮށް މައު އުކުންފަދަ ކަންކަން ކުރެއެވެ. ނަމަވެސް އެއްތަނަކުން ތަފާތު މިހަކު ފެނިވަޑައިގަތެވެ. 

އޭނާއަކީ މުސްކުޅިއެކެވެ. ފަޤީރެކެވެ. އެހެން އެންމެން ރަސްގެފާނުގެ އަރިހަށް ދިއައިރުވެސް އޭނާ ނުދެއެވެ. ފާރެއްގައި ލެގިލައިގެން މަގުގެ އެއްކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ. އެތަން ފެނިވަޑައިގެން އެކަމާއި ކަންބޮޑުވެވަޑައިގެން ރަސްގެފާނު އަމިއްލަފުޅަށް އޭނާ ގާތަށް ވަޑައިގެން އެހެން މީހުން ފަދައިން އޭނާ ނުގޮސް ހުރި ސަބަބާއިމެދު ސުވާލުކުރެއްވި އެވެ. 

އޭނާ ދެންނެވިއެވެ. "ސަހަރުގެ ރަސްކަން މާތް ﷲ މަނިކުފާނަށް ދެއްވެވީ އަޅުގަނޑުމެން ނިކަމެތިންގެ ޙާލު ބެއްލެވުމަށެވެ. މަނިކުފާނު އެކަމެއް ނުކުރައްވަމުއެވެ. މަނިކުފާނު ހިތްޕުޅާވާ ދުވަހަކު މަނިކުފާނުގެ ހައިބަތުގެ ބޮޑުކަން ދައްކަވަން ނުކުމެވަޑައިގަތީމާ އަޅުގަނޑުމެން ނިކަމެތިން މަނިކުފާނު ފަހަތްޕުޅުން ދުވަންވީ ކޮން އެއްޗެއް ލިބޭނެ ކަމަށްތޯއެވެ؟ ތިއަ ދުވާ އެއްވެސް މީހަކަށް މަނިކުފާނު އެއްވެސް އެއްޗެއް ދެއްވަނީ އެއްވެސް ނޫންވިއްޔާއެވެ! 

އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ދެންނެވިއެވެ. "ކުރިން ހުންނެވި ރަސްގެފާނުވެސް މިސަރަހައްދަށް އެއްދުވަހަކު ވަޑައިގެންނެވިއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އަވަހާރަވެއްޖެއެވެ. ދާދި ގާތުގައި މި ސަހަރުގެ އެންމެ ފަޤީރު މީހާވެސް މަރުވިއެވެ. ދެ މީހުންވެސް ވަޅުލީއެވެ. ކައްވަޅު ކޮނުނީ އެއް ފުންމިނަށެވެ. އެއް ބޮޑުމިނަށެވެ. ރަސްގެފާނުގެ އިއްޒަތާ ކަރާމަތާ މުއްސަނދިކަމުން އެއްވެސް މިންވަރެއް ކައްވަޅަށް ގެންދެވި ކަމެއް ނުއެނގެއެވެ. އެންމެ ކުޑަމިނުން ރަސްގެފާނު ތުރުކުރެއްވި ރަންއެޅި ލިބާސްކޮޅުވެސް ގެންދެވިކަމެއް ނުއެނގެއެވެ. 

ހަމަ ގައިމުވެސް މިއަވަށުން މަރުވި އެ ނިކަމެތި މީހާ ކައްވަޅަށް ދަމުން ވަރަށް ބައިވަރު ގެންދިއައެވެ. އޭނާ އަކީ ފަރުޟް 5 ނަމާދުގެ އިތުރުން ރޭއަޅުކަންކޮށް އަބަދު ޛިކްރް ކުރުންމަތީގައި ހުރި މީހެކެވެ. ވީމާ އަތުގައި ފައިސާ އާއި އިއްޒަތް ނެތް ނަމަވެސް އެކޮޅަށް ގެންދަން އޭނާ ވަނީ ވަރަށް ގިނަ ޖަވާހިރާ ރަން ފައުނު ޖަމާކޮށްފައެވެ. އޭނާ ދިއައީ އެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އޭނާ ސުވަރުގޭގެ ފޭރާމުގައި ކައްވަޅުގައި އޮންނައިރު ރަސްގެފާނުމެން ދުނިޔޭގައި ތިއަ ތުރުކުރައްވާ ރަނުގެ ލިބާސްތައް ވާނީ ހަމަ ސުމެއްގެވެސް ސުމަކަށް ކަމަށެވެ. 

ދެން ދަންނަވަން އޮތީ މަނިކުފާނުގެ އަރިހުން އަޅުގަނޑު އެދޭ އެއްވެސް ކަމެއް ނެތެވެ. ހުރީ މަނިކުފާނު އަޅުގަނޑަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެވެ. ވީމާ މަނިކުފާނު އަޅުގަނޑަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން ލިބިގަތުމަށް މަނިކުފާނުގެ ފަހަތްޕުޅުން ދުވެ އާދޭސްކޮށް އަދި ސަލާންޖަހަން ޖެހޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ." 

ފަޤީރު މީހާ އެދެއްކި ވާހަކަތަކުން ރަސްގެފާނަށް އަސަރުކުރިއެވެ. ވަރަށް ގިނަ ކަންތައްތަކެއް ވިސްނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "ބޭބެ އަހަރެންނަށް ތިއަ ނަގައިދިނީ އަހަރެންގެ ހަޔާތުގައި މިހައިތަނަށް ލިބުނު އެންމެ އަގުބޮޑު ފިލާވަޅެވެ. އެހެންވީމާ ބޭބެއަށް ރަނގަޅު ހަދިޔާއެއް ދޭނަމެވެ." މިހެން ވިދާޅުވުމަށްފަހު 2 ކީސާ ރަން އެބޭބެއަށް ދެއްވިއެވެ. 

ދެއްވުމުން ރަސްގެފާނުގެ ކުރިފުޅުމަތީގައި 2 ކީސާ ރަން ބިންމައްޗަށް އޮއްސައިލިއެވެ. އަދި މުށެއްގެ ރަން ނެގުމަށްފަހު ބުންޏެވެ. "އަހަރެންގެ އެކުވެރި ފަޤީރު ނިކަމެތިންނޭވެ. އަވަސްއަރުވާލަންވެގެން ތަޅާފޮޅައި ނުގަނެ ހުރިހާ އެންމެން ހަމަހަމަވާ ގޮތަށް މިރަންތައް ބަހާލައިގެން ގެންދާށެވެ." 

މީސްތަކުން ރަންތައް ހޮވަން ފެށުމުން ރަސްގެފާނު ސުވާލު ކުރެއްވިއެވެ. ރަންތައް ބޭނުން ނުކޮށް ބަހައިލީ ކީއްވެގެންކަމާއިމުދުގައެވެ.

އޭނާ ދެންނެވިއެވެ. "ތިއަ ހުރިހާ ރަންތައް ހިފައިގެން ގެއަށްދާތަނުން އަޅުގަނޑު މަރުވެއްޖެ ނަމަ އަޅުގަނޑަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ މިހާރު ވާނެ ގޮތަކީ މިވަގުތު އަޅުގަނޑު މަރުވި ނަމަވެސް އެއިން އަޅުގަނޑަށް ފައިދާކުރާނެއެވެ. ވީމާ މިދުނިޔޭގައި އަޅުގަނޑަށް އެއިގެ ބޭނުން ނުހިފުނު ނަމަވެސް ކައްވަޅަށް އަޅުގަނޑު ދާނީ އެ ރަންތައް ހިފައިގެންނެވެ. އާޚިރަތް ދުވަހު އިރާދަ ކުރެއްވިއްޔާ އެއިގެ ފައިދާ ކުރާނެ އެވެ." 

ރަސްގެފާނުގެ ބަސްހުޓުނެވެ. ތަލިން ކުޅު ހިކުނެވެ. ދެފައިން ވާގިވެސްދޫވިއެވެ. އިރުކޮޅަކު މަޑުން ހުންނެވުމަށްފަހު ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވީ ބޭބެގާތުން ފިލާވަޅު ނަގަން ގިނަގިނައިން ވަޑައިގަންނަވާނެ ކަމަށެވެ! 

މީސްތަކުންނޭވެ! މިހުންނަނީ ވަރަށް ޢިބްރަތްތެރި ތާރީޚީ ވާހަކަތަކެވެ. ފައިދާއެއް ޙާޞިލުކުރެވޭނީ ވިސްނައި ފިކުރުކޮށް އަމަލުކުރުމުންނެވެ! އަމަލުކުރި މީހަކަށެވެ! މިވާހަކައިގައި މަތިން ފެށިގެން ތިރިއަށް ކޮންމެ މީހަކަށްވެސް ޢިބްރަތެއް ވެއެވެ. ޙާޞިލުކުރަން މަސައްކަތް ކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން