ދަރުސަށް ފެށުމުގެ ކުރިން ކަމެއް ފާހަގަކޮށްލާނަމެވެ. މަތީ ވަނަތައް ހޯދިކުދިންނަށް އިނާމާ މެޑެލް ދޭން ބޭއްވި ބައްދަލުވުންތައް ނިންމައިލެވުނީ އެތައް ދަންފަޅިއަކުންނެވެ. ޢަދަދު ގިނަވަމުންގޮސް ހާސްތަކަށް އަރައިގެން ދިއައީއެވެ. އެކުދިންނަށް މަރުޙަބާ ކިޔަމެވެ. ނަމަވެސް ބެލެނިވެރިންގެ އަރިހުން އެދެން ބޭނުންވަނީ މިދަރުސް ވިދާޅުވެލައްވައި ބެލެނިވެރިޔާއަށް ޢަމަލުކުރެއްވޭ ގޮތާއި އެބޭފުޅެއްގެ ދަރިފުޅު ހުރި ޙާލު މިދަރުހުން ވަޒަންކޮށްލެއްވެވުމެވެ. ދަރިފުޅަށް ޙަޤީޤީ ފައިދާއެއްކުރާނީ އެއިރުން ކަމަށްވާތީއެވެ.
ވިދާޅުވެލައްވާށެވެ!
ގިނަ ބެލެނިވެރިން އެންމެ ބޮޑަށް އުފާވަނީ ސްކޫލުން ވަނަތައް ލިބި ގެއަށް ޓްރޯފީތައް ހޯދާވަރު ގިނަވުމުންނެވެ. އެ ޓްރޯފީ އާއިއެކު ދަރިފުޅުގެ ފޮޓޯއެއް ނޫސްތަކަށް އަރައި ނުވަތަ ޚަބަރުގައި ޓީވީން ދެއްކުމުންނެވެ. އެހެންވެ ދަރިންނަށް މަތީވަނަތަކާއި ވީހައި ގިނަ ޓްރޯފީ ހޯދައިދޭން ބެލެނިވެރިން މަސައްކަތް ކުރެއެވެ.
އެއީ ކޮށްގެން ނުވާނެ ނުވަތަ ކުރަން ބޭނުމެއް ނެތް ކަމަކަށް ނުބުނަމެވެ. ނަމަވެސް ދަރިފުޅަށް ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ ހަޟްރަތުން "ޓްރޯފީއެއް" ލިބިއްޖެ ނަމައެވެ. ކަރުގައި މެޑެއްޔެއް އަޅުވައިލެވިއްޖެނަމައެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ކިޔެވުމާއި އިތުރު ޙަރަކާތްތަކުގައި މޮޅުކުއްޖަކަށްވާން ދަރިފުޅަށް ހިތްވަރުދޭ އުޞޫލުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުން ކަންކަން ކުރަންވެސް ހިތްވަރުދޭންވާނެއެވެ. "ޢާއިލާއެކުގަ ސުވަރުގެއިން" ބައްދަލުކުރުމުގެ މުހިންމުކަމާއި އެކަން ޙާޞިލްކުރެވެން އޮތް ގޮތްވެސް ކިޔައިދޭންވާނެއެވެ. އެންމެ ކުޑައިރުން ފެށިގެންނެވެ. އެއިރެއްގެ ޢުމުރާއި ގުޅޭ ގޮތުންނެވެ.
އިސްލާމް ދީނުގެ ކަންކަން އުނގަންނައިނުދީ، ނަމާދުކުރަން ޝައުޤުވެރިކަން ނެތް ކުއްޖެއްގެ ކުއްޖެއްގެ ޢުމުރުން 10 އަހަރު ފުރިއްޖެނަމަ އެއީ ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެހިސާބުން ކުއްޖާ ނަމާދަށް ދަރަމުންދާނެތީއެވެ. ކިތަންމެ ގިނަ ފޮތްތަކެއް ކިޔާ ކުއްޖެއް ނަމަވެސް ޤުރްއާން ނުކިޔަވާ ކުއްޖެއްނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތި ބެލެނިވެރިންނޭވެ! ސްކޫލުން އިސްލާމް މާއްދާ ކިޔަވައިދޭނެއެވެ. އެހެނަސް އެފިލާވަޅަށް ކުއްޖާ ޢަމަލުކުރާނީ މައިންބަފައިން ކުއްޖާލައްވައި އެކަންކުރުވީމައެވެ. ކުޅިވަރަށް ވިސްނައިލާށެވެ! ކުޅިވަރުކުޅޭނެ ގޮތުގެ ތިއަރީ ކިތަންމެ މޮޅަށް އެނގުނަސް ކުޅިވަރު ނުކުޅޭނަމަ އޭނާއަކީ މޮޅު ކުޅުންތެރިއަކަށް ނުވާނެއެވެ. މޮޅު ކުޅުންތެރިއަކަށް ވެވޭނީ ކުޅުނުވަރަކުންނެވެ.
ހަމައެފަދައިން ސްކޫލުން ކިތަންމެ މޮޅަށް ކިޔަވައިދިންނަމަވެސް ދަރިފުޅަކީ ދީންވެރި ކުއްޖަކަށް ހެދޭނީ ކުއްޖާ ލައްވައި ދީނުގެ ކަންކަމަށް ޢަމަލުކުރެވުނު ވަރަކުންނެވެ. އެކަން ކުރުވަން ތިބި ބައަކީ މައިންބަފައިންނެވެ.
ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނީ ހޯދި މަތީފާސްތަކަށާއި ހޯދި ޓްރޯފީތަކަށް ބައްލަވައިގެނެއް ނޫނެވެ. ﷲ ތަޢާލާގެ ދީނަށް ޢަމަލުކުރިވަރަށް ބައްލަވައިގެންނެވެ. ވީމާ ދަރިންނަށް ކިތަންމެ މޮޅަށް ކިޔަވައިދިން ނަމަވެސް ދީނަށް ޢަމަލުނުކުރާ ބައެއްގެ ގޮތުގައި ބޮޑުކުރެވުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެއަނިޔާ ދިންކަމުގެ ޒިންމާ އުފުލަންވެސް މައިންބަފައިންނަށް އެދުވަހުން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން