ހުކުރު ދުވަސް އެކަހެރިކޮށް ރޯދަހިފުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ އެކަމުގެ ޙުކުމް އޮތް ގޮތް ސާފުވެލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ހުކުރު ދުވަހު ސުންނަތް ރޯދަ ހިފުމުގެ ޙުކުމް
الحمد لله والصلاة على رسول الله وعلى آله وصحبه أجمعين.
ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ، إِلَّا أَنْ يَصُومَ قَبْلَهُ، أَوْ يَصُومَ بَعْدَهُ» [رواه مسلم 147 - (1144)]
މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ.” (އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.)
ވަކި ޙާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ ހުކުރު ދުވަހުގައި ރޯދަ ހިފުން ޚާއްޞަކުރުމަކާ ނުލާ، އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުވެ.
⚪️ ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ޙާލަތްތަކަކީ:
1️⃣ ފުރަތަމަ ޙާލަތު: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން. [ބައްލަވާ: رواه البخاري (1986)]
2️⃣ ދެވަނަ ޙާލަތު: ފަރުޟު ރޯދައަކަށްވުން. އެއީ އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. އަދި ކައްފާރާގެ ރޯދަތައް ހިފުމެވެ. އަދި ތަމައްތުޢު ޙައްޖެއް ކުރިމީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަފަދަ ރޯދަ ހިފުމެވެ. ފަހެ އެފަދަ މީހަކު ހަމައެކަނި ހުކުރުދުވަހުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ޚާއްޞަކަމެއްވާކަމަށް އިޢުތިޤާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން ހުކުރު ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. އެހެނަސް މި ޙާލަތުގައިވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.
3️⃣ ތިންވަނަ ޙާލަތު: ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން. އެއީ މިސާލަކަށް ބީޟުގެ ރޯދަ (އެބަހީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ) އާއި ޢަރަފާތުދުވަހުގެ ރޯދައާއި ޢާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރުދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.
4️⃣ ހަތަރުވަނަ ޙާލަތު: އާދަކޮށް ހިފާ ރޯދައަކާ ދިމާވުން. އެއީ މިޘާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ މީހާއެވެ. އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރުދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ. [رواه البخاري (1914)]
⚫️ ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ:
އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ޚާއްޞަކުރުމެވެ.
- ޑރ. ޢިމްރާން މުޙައްމަދު ޢަލީ
އިތުރު ތަފްޞީލު:
https://www.dhisalafiyyah.net/article/36725