ތަނަވަސްކަން ކުޑަވުމަކީ ކައިވެނި ނުކުރާ ސަބަބަކަށް ނުހަދަންވީ ސަބަބު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތަނަވަސްކަން ކުޑަވުމަކީ ކައިވެނި ނުކުރާ ސަބަބަކަށް ނުހަދަންވީ ސަބަބު ޤުރްއާނުން-

އެއްބަސްވިޔަސް ނުވިޔަސް ގިނަ ބައެއްގެ ކުރިމަތީގައި ކައިވެނިކުރުމުގެ ފުރަތަމަ ޝަރުޠުކަމަށް ގިނަ ބައަކު ބަލަނީ ބައިވެރިޔާގެ ތަނަވަސްކަމެވެ. އޭނާގެ ކިބައިން ލިބިދާނެ މާލީ މަންފާއެވެ. ދުނިޔަވީ އުފާތަކެވެ.

ބައެއް ޤައުމުތަކުގައި ވަރިކުރެވޭ ނިޞްބަތް 70 އިންސައްތައަށް އަރައިފިއެވެ. އެކަމުގެ ސަބަބުން އަންނަނީ ދީނީ، އިޖުތިމާޢީ މައްސަލަތައް އިތުރުވަމުންނެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް އޮތީ ހަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކައިވެނިކުރުމާއި ދިރިއުޅެން މަސައްކަތް ކުރުމެވެ.

މިއަދުވެސް ފާހަގަކޮށް މިލަނީ ﷲ ތަޢާލާގެ ވަޙިބަސްފުޅެކެވެ.

"އަދި ތިއަބައިމީހުންގެ ތެރެއިން މީހުންނާއި ނުއިނދެ ތިބޭ މީހުން، ތިއަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިއަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީންކަމުގައިވާނަމަ، އެކަލާނގެފަޟްލްވަންތަކަމުން، އެކަލާނގެ އެމީހުން މުއްސަނދިކުރައްވަވައިފާނެތެވެ! ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ޜަސކަލާނގެ އެވެ." (އައްނޫރު: 32)

މިއާޔަތުން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ކައިވެނިކުރެވޭ މީހާގެ ޝަރުޠެވެ. އެ ޝަރުޠުކަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވަވާފައި އެވަނީ ހެޔޮލަފާ ޞާލިޙޫން ކަމުގައިވުމެވެ. މީގެ މާނައަކީ އެހެން ހުރިހާ ކަންކަމަށްވެސް ރިޢާޔަތް ނުކުރުމެއްވެސް ނޫނެވެ. ނަމަވެސް ފުރަތަމަ ނުވަތަ އެންމެ ބޮޑަށް އިސްކަންދޭންވީ ކަމަކީ އޭނާގެ ޞާލިޙްކަން ކަމެވެ. ތަޤްވާވެރިކަންކަމެވެ.

ދެން ވިދިގެން ވަޙީކުރައްވަވާފައި އެވަނީ ޞާލިޙް އަޅުތަކުންގެ (މީސްތަކުންގެ) ފަޤީރުކަމަށް ނުބެލުމަށެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް " އެކަލާނގެފަޟްލްވަންތަކަމުން، އެކަލާނގެ އެމީހުން މުއްސަނދިކުރައްވަވައިފާނެ" ކަމެވެ. ތަނަވަސްކަން ދެއްވަވައިފާނެ ކަމެވެ.

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ކުރަންވީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ﷲ ތަޢާލާއަށް އިތުބާރުކޮށް، އެކަލާނގެ އަންގަވާފައިވާ މަގުން ޢަމަލުކުރުމުން އެބައަކަށް، އެމީހަކަށް އިތުރަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ!

މީސްތަކުންނޭވެ! ޞާލިޙްކަމަށް ނުބަލައި އެހެންކަންކަމަށް ބަލައިގެން ކައިވެނިކުރުމަކީ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދިކަންކަންވެސް ބޮޑެތި ކަންކަމަށް ބަދަލުވެ އަބަދުހެން ދެބަސްވާންޖެހޭ ކަމެކެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް ދެމަފިރިންނަށް އެއްބަސްނުވެވުން އޮންނަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން