އެއީ ބިންގިނަ ތަނަވަސް މީހެކެވެ. އެތަނުން ބިންކޮޅެއް އޭނާވަނީ އޭނާގެ އަޚާއަށް ދީފައެވެ. އެއީ އަޚާ ވިޔަފާރިކުރަމުން އައި ކުޑަ ފިހާރައެއް ހުރި ބިންކޮޅެކެވެ. އެކަމަކު ދަރިން ދެކެ ގަތް ބިރުން ޝަރީޢަތުގައި ހަނުހުރީއެވެ. އަނގައިން ނުބުނީއެވެ. ނަތީޖާއަކަށްވީ އެބިންކޮޅު އަޚާއަށް ނުލިބުމެވެ. ވިޔަފާރިކުރަމުން އައި ފިހާރަވެސް ހުސްކުރަންޖެހުމެވެ.
މިހުރީ ހިނގަމުންދާ ކަންކަމެވެ. ނިކަން ވިސްނައިލަބަލާށެވެ! ދޭންޖެހޭ ހެކިބަސް ނުދިނީމާ ގެއްލިގެން އެދިއައީ އަޚާގެ ޙައްޤެކެވެ. ދިރިއުޅެން ކުރަމުން އައި މަސައްކަތެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހަނުހުރެވިދާނެކަމަށް ޤަބޫލުކުރަނީހެއްޔެވެ؟
މިފަދަ ކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ވީމާ އަޑުއަހާށެވެ!
ދޮގުހެކި ދިނުމާއި ހެކިބަސް ދޭންޖެހޭ ޙާލަތުގައި ހެކިބަސް ނުދިނުން ﷲ ތައާލާ ލައްވަވާފައިވަނީ އެންމެ ބޮޑަށް އަނިޔާވެރިވުންކަމުގައެވެ. އެއީ އެކަމުގެ ސަބަބުން އެހެން މީހެއްގެ ޙައްޤުތައް ގެއްލިގެންދޭތީއެވެ. އެކަމުގެ ސަބަބުން އެހެން މީހަކަށް އަނިޔާ ލިބިދާނެތީއެވެ.
ނަމަވެސް ހެކިބަސް ދޭންޖެހުމުން މީހާގެ މޫނަށް ބަލައި ހެކިބަސް ނުދީ އެބަތިބެއެވެ. ނުވަތަ އެއްވެސް ޖެހިލުމެއް ނެތި ދޮގުހެކިވެސް އެބަދެއެވެ.
މިފަދަ ޢަމަލެއް އެއްވެސް މީހަކަށް ކުރެވިފައިވާނަމަ އަވަހަށް އޭނާގެ ކިބައިން މާފަށް އެދި ދުނިޔޭގައި އެކަން ޙައްލުކުރާށެވެ! ނޫންނަމަ ޤިޔާމަތް ދުވަހުން އެކަމާއިކުރިމަތިލާންޖެހޭނެއެވެ. އެކަމަށް ޙައްޤު ބަދަލުދޭންޖެހޭނެއެވެ.
އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ ހެކިބަހުގެ މައްޗަށެވެ. ވީމާ ހެކިބަސްނުދީ އިންޞާފް ޤާއިމެއް ނުކުރެވޭނެއެވެ. މުޖުތަމައުގައި ހަމަޖެހުމެއްވެސް ނުއޮންނާނެއެވެ! ވީމާ ހެކިބަސްދޭންޖެހެނީ ތިމާގެ ކިތަންެ ގާތ މީހަކާއި ދެކޮޅަށް ނަމަވެސް ތެދުބަހުން ހެކިބަސްދޭށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.
"އަނިޔާވެރިންނަށް ﷲ ތައާލާ ރަޙްމަތް ނުލައްވާނެތެވެ. ޙަޤީޤީ އުފާވެރިކަމެއްވެސް އަދި ކުރިއެރުމެއްވެސް ނުދެއްވަވާނެތެވެ!" މިއީ ޔަޤީންކަންކަމެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން މިކަންކަން އެނގެން އެބައޮތެވެ! ވީމާ ހެކިބަސް ނުދީ، އަދި ދޮގުހެކިދީގެން ތިބާއަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން