އަނެކާކުރާ ކަންކަމަށާ އުޅޭ ގޮތަށް ފާޑުކިޔުމުގެ ފުރުޞަތު ދެމީހުންނަށްވެސް އޮންނަން ޖެހޭނެ! ފައިދާކުރާނީ އަނެކާގެ އަޑުއެހީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އަނެކާކުރާ ކަންކަމަށާ އުޅޭ ގޮތަށް ފާޑުކިޔުމުގެ ފުރުޞަތު ދެމީހުންނަށްވެސް އޮންނަން ޖެހޭނެ! ފައިދާކުރާނީ އަނެކާގެ އަޑުއެހީމަ!

އަނެކާގެ ކިބައިން ފެންނަ ކަންކަމަށް ފާޑުކިޔުމުގައިވެސް ބަލަންޖެހޭނެ ކަންކަން އެބަހުއްޓެވެ. އަދި ދެމަފިރިންކަމުގައި ވުމަކީވެސް ފާޑުނުކިޔަންވީ ސަބަބެއް ނޫނެވެ. އެހެނީ ބައިވެރިޔާގެ ކަންކަން އެންމެ ގާތުން ފެންނާނީ އަނެއް ބައިވެރިޔާއަށެވެ.

ޒަވާޖީ ޙަޔާތުގައި އެކަކު އަނެކާގެ ކަމަކަށް ފާޑުކިޔުމުން އެއީ އެއްވެސް ވަރަކަށް ކަމުދާ ގޮތެއް ނޫންކަމަށް ބުނެގެން ނުވާނެއެވެ. އެއިރުން އަނެކާ ފޫހިވެ މާޔޫސްވާނެއެވެ. އެއްވެސް ކަމަކާއި ބެހެން ބޭނުންނުވެދާނެއެވެ. އެއްވެސް ކަމެއްގައި އޭނާއަށް ފެންނަ ގޮތް ހާމަކުރަން ފޫހިވެ އެކަންކުރުން ހުއްޓާލައިފާނެއެވެ.

ވީމާ އަނެކާ ބުނީ އެންމެ ރަނގަޅު ގޮތަށް ނޫން ނަމަވެސް ޢޭނާގެ ބަހަށް އިޙްތިރާމްކުރާށެވެ! ބުނާށެވެ! "ތިއައީވެސް ހަމަ ރަނގަޅު ގޮތެކެވެ. ނަމަވެސް ތިއަގޮތަށް ކަންކަން ކޮށްފިނަމަ ކަންކަން މެދުވެރިވާނީ މިވެނި ގޮތަކަށެވެ. ވީމާ އަހަރެންނަށް ފެންނަ ގޮތަކީ މިއީއެވެ."

މިފަދަ ރީތި ޢިބާރާތަކުން ބުނުމުން އޭނާވެސް ހިތްހަމަޖެހޭނެއެވެ. އެނާ ބުނި ބަސް ވިކިއްޖެ ކަމަށާއި އެއިގައި ބުރަދަނެއް އެބަހުރި ކަމަށް ވެސް ޤަބޫލުކުރެވޭނެއެވެ.

ވާހަކަ ދެއްކުމުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! އެކަމުގެ ސަބަބުން ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގިނަ މައްސަލަތައް ފަސޭހައިން ޙައްލުވެސް ކުރެވޭނެއެވެ! ލޯބިވުމަކީ ހަމައެކަނި ގައިގޯޅިވުން ކަމަށް ނުދެކޭށެވެ! ގައިގޯޅިވުމުން ލިބެން ޖެހޭ އުފާވެސް ލިބޭނީ ދެމަފިރިންގެ މެދުގައި ޙަޤީޤީލޯބި އޮވެގެންނެވެ! ޙަޤީޤީ ލޯބި އުފެދުމަށްވެސް އެންމެ މުހިންމު އެއްކަމަކީ އޯގާތެރި ބަސްމަގުކަން ތަޖުރިބާއިން ސާބިތުވެއެވެ.

ވީމާ ލޯބިން ވާހަކަދެއްކުމާއި ވާހަކަ ދެއްކުމުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ ޙަޤީޤީ ލޯތްބަށް އެންމެ މުހިންމު ކާނާއެވެ! އިސްލާމް ދީނުގައި ބަސްމަގު ރިވެތިކުރަން އެހައި ބޮޑަށް ބާރުއަޅުއްވަވާފައި އެވަނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. ބަސްމަގު ހުތުރުނަމަ ކޮށްދޭ ހެޔޮ ކަންކަމުން ފައިދާ ނުކުރާކަންވެސް ޤަބޫލުކުރާށެވެ!

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން