މުނާފިޤަކަށް ނުވެ ސަލާމަތްވެވޭނީ މިސިފަތަކުން ސަލާމަތްވެ ހުރެވުނު މީހަކަށް!

ކިޔުމަށް ހޭދަވާނީ 9މ 45ސ
މުނާފިޤަކަށް ނުވެ ސަލާމަތްވެވޭނީ މިސިފަތަކުން ސަލާމަތްވެ ހުރެވުނު މީހަކަށް!

ޢާއިޝަތު ރަފާޙް ޢަލީ

 

ބަޤަރާ ސޫރަތް:  

ބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ. މި ސޫރަތުގައި 286 އާޔަތް ވެއެވެ. މި ސޫރަތުގައި އެކި ވާހަކަތައް އެކުލެވިގެން ވެއެވެ. މި ސޫރަތް ކިޔެވުމުގެ މާތްކަމާއި ގުޅޭގޮތުން ބައެއް ހަދީޘް ވާރިދުވެފައިވެއެވެ. އޭގެތެރެއިން އެއް ޙަދީޘެއްގައިވެއެވެ. 

اقْرَءُوا سُورَةَ الْبَقَرَةِ، فَإِنَّ أَخْذَهَا بَرَكَةٌ، وَتَرْكَهَا حَسْرَةٌ، وَلَا تَسْتَطِيعُهَا الْبَطَلَةُ» [رواه مسلم 252 – (804)] 

މާނައީ: “ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ.”  

މިލިޔުމުގައި މި ބަލާލަނީ ބަޤަރާ ސޫރަތުގައި ހިމެނިފައިވާ މުނާފިޤުންގެ ސިފަތަކަށެވެ.   

·      ބޭރުފުށަށް އީމާންކަން ދެއްކުން:  

މުނާފިޤުން އީމާންކަން ބޭރުފުށަށް ދައްކާ ދޮގުހަދާނެއެވެ. މީހުންނަށް އިމާންކަމަށް ގޮވާލާނެއެވެ. ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 8 ވަަނަ އާޔަތުގައި މުނާފިޤުންގެ މި ސިފަ ބަޔާން ކުރައްވާފައިވެއެވެ.  

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ﴿٨﴾‏ 

މާނައީ: "އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. (8)"  

އަދި މި އާޔަތްތައް ބާވައިލެއްވީ އިސްލާމްދީން ބޭރުފުށަށް ދައްކައި، ކުފުރު ފޮރުވައި، ތަޤްވާވެރިކަމާއި އީމާންތެރިކަމަށް ހެދިގެން އުޅުނު ބައެއް މުނާފިޤުންނާ ބެހޭގޮތުންނެވެ. އެމީހުން ހަމައެކަނި އީމާންވަނީ އެމީހުންގެ ދުލުންނެވެ. އަދި އެމީހުންގެ ހިތްތައް ވަނީ ކާފަރުކަން މަތީގައެވެ. އެހެންކަމުން މާތްالله އެކަލާނގެ އަޅުތަކުންނަށް، މުނާފިޤުން ރަސޫލާގެ މައްޗަށް ޢަދާވާތްތެރިކަން ބާއްވާކަމާއި އެބައިމީހުންގެ ސިފަތައް ޤުރުއާނާއި ސުންނަތުން އަންގަވައިދެއްވާފައިވެއެވެ.  

·      މަކަރުވެރިކަން:  

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩﴾‏

މާނައީ: " (އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ. (9)" 

އެގޮތުން އެބައިމީހުން މުސްލިމުންނަށް މަކަރުހަދައި އޮޅުވާލައެވެ. އަދި މުސްލިމުންނަށް ހެޔޮކަން ދައްކައިގެން، ނުބައިކަމާއި ޢަދާވާތްތެރިކަން ފޮރުވައިގެން، އޮޅުވާލާކަން މާތްالله ކީރިތި ގުރްއާނުގައި ސާފުކޮށްދެއްވާފައިވެއެވެ. 

·      ހިތުގެ ބަލިތައް:  

ﷲ ތަޢާލާ މުނާފިޤުންގެ މި ސިފަ ބަޔާން ކުރައްވާ ބަޤަރާ ސޫރަތުގެ 10 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠﴾‏ 

މާނައީ: "އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. (10)"  

މިއާޔަތުގައި ހިތުގެ ބައްޔޭ ބުނެވޭ ބަހުގެ މުރާދަކީ ޝައްކު އުފެދުމެވެ. ދީނުގެ ހުކުމްތަކާއި ބެހޭގޮތުން ޝައްކާއި ޝުބުހާތްތައް އުފެދުމެވެ. އެހެންކަމުން އެމީހުންގެ ހިތްތައް ހަރުވެ، ނަފްރަތުން ފުރިގެންދެއެވެ. 

·      ކިބުރުވެރިކަން: 

މި ސިފައަކީ މުނާފިޤުގެ ޠަބީޢީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. ހަގީގަތް ގަބޫލުކުރުމާމެދު ކިބުރުވެރިވާ ފަދައިން، އިސްލާމްދީނަކީ ނިކަމެތިންނަށް ޚާއްޞަ ދީނެއްކަމަށް އެބައިމީހުން ދެކެއެވެ. ﷲ ތަޢާލާ މި ސިފަ ޛިކުރުކުރައްވާ ބަޤަރާ ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَٰكِن لَّا يَعْلَمُونَ ﴿١٣﴾‏ 

މާނައީ: "އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. (13)"  

މީގެ އިތުރުން މުނާފިޤުން، މުސްލިމުން ފަދައިން އީމާންވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ސަބަބުން ކަމަށް ބުނާނަަމަ އެމީހުންގެ ޖާހިލުކަމާއި މަގުފުރެދިގެން އެމީހުންނަކީ މޮޔައިން ކަމުގައި މާތްالله އެމީހުންނަށް ޖަވާބު ދެއްވިއެވެ. އަދި މާތްރަސްކަލާނގެއަށް ބިރުވެތިވާ ކަމުގައި ބުނެ ބިމުގައި ކިބުރުވެރިވެ ފަސާދަ އުފައްދައެވެ. އެގޮތުން ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 206 ވަަނަ އާޔަތުގައި މިކަން ބަޔާންކުރައްވާފައިވެއެވެ. 

وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ ۚ فَحَسْبُهُ جَهَنَّمُ ۚ وَلَبِئْسَ الْمِهَادُ ﴿٢٠٦﴾‏ 

މާނައީ: "އަދި اللَّه އަށް تقوى ވެރިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ! (206)" 

އެމީހުންގެ ފަސާދައާއި ކިބުރުވެރިކަމާއި ނުބައި ޢަމަލުތަކުގެ ޖަޒާއަކީ ޤިޔާމަތް ދުވަހު ނަރަކައެވެ. 

·      މުއުމިނުންނަށް މަލާމަތްކުރުން: 

މި ސިފަ މުނާފިޤުންގެ ތެރެއިން ވަރަށް ގިނައިން ފެނެއެވެ. އެހެނީ އެއުރެންގެ އަމިއްލަ ނަފްސު ޙައްޤުގެ ގޮތުގައި ހުންނަ ކަމަށް ދެކެއެވެ. އަދި މުއުމިނުން ތިބެނީ ރަނގަޅު މަގެއްގައި ނޫން ކަމަށް ދެކެއެވެ. އެހެންކަމުން މުނާފިޤުން އެމީހުންނަށް މަލާމާތްކޮށް ހަދައެވެ. ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ﴿١٤﴾‏ 

މާނައީ: "އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ. (14)" 

سورة أخذها بركة، تركها حسرة ولا يستطيعها السحرة - طريق الإسلام (islamway.net)

 

 

މިއަދު އޮންލައިން