ދުޢާކުރި ބޭނުން ފުއްދަވައި ނުދެއްވަވައި އެހެން ބޭނުންތަކެއް ފުއްދަވައި ދެއްވަވަނީ ތިބާދެކެ މިހާބޮޑަށް ލޯބިވެވޮޑިގަންނަވާތީކަން ވިސްނޭނަމަ ދެރަވާނެ އެކަކުވެސް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދުޢާކުރި ބޭނުން ފުއްދަވައި ނުދެއްވަވައި އެހެން ބޭނުންތަކެއް ފުއްދަވައި ދެއްވަވަނީ ތިބާދެކެ މިހާބޮޑަށް ލޯބިވެވޮޑިގަންނަވާތީކަން ވިސްނޭނަމަ ދެރަވާނެ އެކަކުވެސް ނުހުންނާނެ!

ގިނަ ބއަކަށް ކަންބޮޑުވެވެނީ ދުޢާކުރި ބޭނުން ފުއްދަވައި ދެއްވެވުން ލަސްވެގެންނެވެ. ކުރި ދުޢާ ޢިޖާބަ ނުކުރެއްވެވީކަމަށް ޤަބޫލުކުރެވިގެންނެވެ. މިފަދަ ޙާލަތުގައި ތިމާ ކުރި ދުޢާ ކަމުނުދަނީ ނުވަތަ އެއީ ރަނގަޅު ދުޢާއެއް ނޫންކަމަށް ޤަބޫލުކުރެވޭތަންވެސް އެބައައުދެއެވެ.  

އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ވިސްނައިގެންވާނެ ކަމެއްވެސް ނޫނެވެ. އެއިގެ ބަދަލުގައި ވިސްނައިލާށެވެ! ތިމާ އެކަމަކަށް ނުއެދެނީސް ތިމާއަށް ފައިދާހުރި ކިތައް ކަންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވައިފި ހެއްޔެވެ؟  

ވިސްނާލަންވީ އެކަންކަމުގެ ސަބަބުން ކިތައް މުޞީބާތުން ސަލާމަތްވެވުނުކަމާއިމެދުގައެވެ. ތަނަވަސްކަން އިތުރުވިވަރަށެވެ. ދިރިއުޅުމުގައި ކުރިއެރުން ލިބުނު މިންވަރަށެވެ. ޢާއިލާ ގުޅުން ބަދަހިވެގެންދިއަ މިންވަރަށެވެ. އަދި މިނޫން ގޮތްގޮތުން ނަމަވެސް ތިމާއަށާއި ޢާއިލާއަށް ކުރިއެރުން ލިބިފައިވާ މިންވަރާއިމެދުގައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިފަދައިން ވިސްނައިލާށެވެ. ތިބާ ދުޢާކުރީ ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދިގެންކަމަށްވެދާނެއެވެ. އެވަޤުތަކީ ތިބާ ކައިވެނިކުރަން އެންމެ ރަނގަޅު ވަޤުތު ނޫންނަމަ ބައިވެރިއަކު ނުދެއްވަވައިފާނެތެވެ. އަދި ތިބާއަށް ރަނގަޅު ވަޒީފާއެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ދެއްވަވައިފާނެތެވެ.  

އެއީ ކީއްވެގެން ކަމަށް ހެއްޔެވެ؟ ތިބާ ބައިވެރިއަކަށް ބޭނުންވެގެން އުޅެނީ ކުރަންޖެހޭ ޚަރަދު ބޮޑުވެ އެކަމަށް އެހީތެރިވެދޭނެ މީހަކު ހޯދުމުގެ ބޭނުމުގައިކަމަށްވާނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ނަމަވެސް އެވަޤުތަކީ ތިބާ ކައިވެނިކުރަން އޮތް އެންމެ ރަނގަޅު ވަޤުތުކަމަށްނުވާތީ ތިބާއަށް ލިބޭ އާމްދަނީ އިތުރުކޮށްދެއްވެވީއެވެ.  

އަދި މިހެންވެސް ވެދާނެއެވެ. އެކަން އެހެން އެވީ ކީއްވެގެންކަމާއިމެދު ވިސްނައިލާށެވެ! ފުރަތަމަ ސަބަބަކީ ކުރިން މިބުނި ފަދައިން އެވަޤުތަކީ ތިބާ ކައިވެނިކުރަން އެންމެ ރަނގަޅު ވަޤުތު ނޫންކަމެވެ. މިހެން މިބުނާ ބަހުގެ މާނަވެސް ބުނެދޭނަމެވެ. މިޘާލަކަށް ތިބާއަށް ދެއްވަވަން ހުރި ރަނގަޅު ބައިވެރިޔާ އެއިރު ހުރީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނިކުރެވެން ނެތް ޙާލަތެއްގައި ކަމަށްވެދާނެއެވެ. ނުވަތަ އޭނާ ހުރީ މާދުރުގައިކަމަށްވެސް ވެދާނެއެވެ. ނަމަވެސް ތިބާއަކީ ތަޤްވާވެރިއަކަށްވާތީ ﷲ ތަޢާލާގެ މިންވަރުފުޅުގައި އޮތީ އެރަނގަޅު މީހާއާއި ތަބާގެ ކައިވެނިކުރެވެން ކަމަށްވާތީ ތިބާ ދުޢާކުރި ވަޤުތު ރަނގަޅު ނުވަނީއެވެ. މިބުނި މަގުން ތިބާއަށް މާރަނގަޅުވާނެ ބައިވެރިއަކު ދެއްވަވަން ބޭނުންފުޅުވެވޮޑިގަންނަވާތީއެވެ.  

މިދެއްކީ ވަރަށް އަޑައިގެ ކަމެއްގެ މިޘާލެކެވެ. މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. ޚުލާޞާއަކީ ތިބާ ދުޢާކުރުމުން ދުޢާކުރި ގޮތަށް ހިންމަވައި ނުދެއްވެވުމަކީ ތިބާކުރި ދުޢާ ޢިޖާބަ ނުކުރެއްވެވުން ކަމަށް ހީވެސް ނުކުރާށެވެ. މިބަޔާންކުރި ކަންކަމަށް ވިސްނާށެވެ. އެއިރުން ﷲ ތަޢާލާގެ ރަޙްމަތް ތިބާއާއިއެކުގައިވާކަން އެނގޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން