ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. އެކުވެރިންގެ ގާތުން ކަންކަމަށްވެސް އެދެވޭނެއެވެ. ބައެއް އެކުވެރިން ތިމާ އެދުނުގޮތަށް ކަންތައްކޮށްދޭނެއެވެ. އަނެއްބައި އެކުވެރިން އެދުނު ގޮތަށް ކަންތައްކޮށްނުދީފާނެއެވެ.
އެހެންކަމުން ތިމާ އެދުނު ގޮތަށް ކަންތައް ނުދިން އެކުވެރިންނަކީ އެކުވެރިން ނޫންކަމަށް އެބަބެލެވެއެވެ. އެމީހަކު ދެކެ ފޫހިވެ، އެމީހަކާއި އެބަ ދުރުހެލިވެއެވެ. ނަމަވެސް އެއީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އެފަދަ ގޮތަކަށް ކަންކަން ދިމާވެއްޖެނަމަ ފުރަތަމަ ކަމަކަށް އެކުވެރިޔާ އެގޮތަށް ކަންތައްކުރީ ކީއްވެގެންތޯ ސުވާލުކުރާށެވެ! އެކުވެރިޔާ ދައްކާ ވާހަކަ އަޑުއަހާށެވެ! ގޮތް ނިންމަންވާނީ އެއިގެފަހުންނެވެ.
މިޘާލަކަށް ފައިސާގެ އެހީތެރިކަމަށް ގިނަފަހަރު އެދެވޭނީ ދަރަންޏަކަށެވެ. ދަރަނިވެރިވަނީ ދަރަނިވެރިވާން ނުޖެހޭނެ ކަމަކަށް ކަމުގައިވާނަމަ ރަނގަޅު އެކުވެރިން ފައިސާއެއް ނުދޭނެއެވެ. އެއީ އެފައިސާ ދިނުމުން ކުރަން އުޅެނީ ފައިދާހުރި ކަމެއްކަމަށާއި އަނބުރާ ނުދެއްކޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އަނބުރާ ނުދެއްކުމުން ދެމީހުންގެ އެކުވެރިކަން ގެއްލޭނެތީއެވެ. އެހެނަސް ކޮންމެ ގޮތެއް ވަރިހަމަ އެކުވެރިން އެކަންކަމަކަށް ނުބަލާނެއެވެ.
މިޘާލެއްވެސް ބުނެފާނަމެވެ. އަތުގައި އޮތީ ބޭނުންކުރެވޭ ރަނގަޅު ފޯނެކެވެ. އެކަމަކު އެންމެ ފަހުގެ ފޯނެއް ބޭނުންވެގެން ދަރަންޏަކަށް އެދުމުން އެކަން ކޮށްނުދިންނަމަ އެއީ އޭނާގެ ރަނގަޅުކަމެވެ. ދަރަންޏަށް އެދެންވާނީ ކޮންމެހެން ބޭނުންވާ ކަމެއްގައި ކިރިޔާ ފުދޭނެ މިންވަރަށެވެ.
ވީމާ ތިމާ ދެކެ ލޯބިވުމަކީ ނޫނީ ތިމާއަށް ހެޔޮއެދުމަކީ ތިމާ އެދޭހައިކަމެއް އެދޭގޮތަށް ކޮށްދިނުން ކަމަށް ނުދެކޭށެވެ! ރަނގަޅު އެކުވެރިންނަކީ ދެމީހުންގެ ގުޅުން ނުކެނޑޭނެ ގޮތަށް ބަލައިގެން ކަންކަން ކުރާ މީހުންނެވެ. އަނެކާއަށް ފައިދާކުރާނެ ގޮތަށް ވިސްނައިގެން ކަންކަން ކުރާ މީހުންނެވެ.
- އަލަފް / މިއަދުނޫހަށް