ދުނިޔޭގައި ހުރެ ކުރާ ދުޢާގެ ތެރެއިން ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަކުރައްވަވައި ނުދެއްވަވާ ދުޢާތައް ޤިޔާމަތް ދުވަހު ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ އެކަން ފެނިފައި މީހާ އުފަލުން ފޮޅިގެންދާނެއެވެ. އަދި ދުނިޔޭގައި ހުރެ ކުރި އެއްވެސް ދުޢާއެއް ދުނިޔޭގައި ހުއްޓައި ފުއްދަވައި ނުދެއްވެވިނަމައެވެ ހިތަށް އަރާނެއެވެ! ވީމާ ދުޢާކުރުން ގިނަކޮށް ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ!
ކުރަން ބޭނުންކަމެއް ޙާޞިލް ނުވާއިރަށް، ނުވަތަ ދެރަކަމެއް މެދުވެރިވެލާއިރަށް ތިމާ މިހުރީ ނިކަމެތިވެފައި ނުވަތަ ބާކީވެފައި ކަމަށް ހީނުކުރާށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރި އެއްވެސް އަޅަކު ބާކީ ނުކުރައްވަވާނެތެވެ.
ބޭނުންވާ ހުރިހާ ކަންކަން ހިތަށް އަރުވައިލާއިރަށް ފުރިހަމަވަނީ ސުވަރުގެއިންނެވެ. ވީމާ ދުނިޔޭގައި އުޅެންޖެހޭ ޙާލަތަށް ނުބަލައ ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ވަނުމަށެވެ.
ދުނިޔެއަކީ އިމްތިޙާނެކެވެ. ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކުވެސް އިމްތިޙާންތައް ކުރިމަތިވާނެއެވެ. ވީމާ އެދޭހައި ކަންކަން ހަމަވަގުތުން ޙާޞިލުވާނެކަމަށް އުންމީދުނުކުރާށެވެ! އަދި ލަހުންވެސް ޙާޞިލުނުވެދާނެ ކަންތައްތައްވެސް ކުރިމަތިވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން