ކައިވެނީގެ ރަސްމިއްޔާތު ނިމިގެން އެކަމަށް ޚާއްޞަކޮށްގެން ޒީނަތްތެރިކުރި އަގުބޮޑުކާރުގައި އަނބިމީހާ ގެއަށް ގެނައުމަކުން އަދި ނުފުދެއެވެ. ރަތްދޫލައަޅައި މަރުޙަބާކިޔުމަކުންވެސް ނުފުދެއެވެ. ފުދޭނީ ރަޙުމާއި ކުލުނުވެރިކަން ދީގެން އަނބިމީހާ ގެންގުޅެވުނު ނަމައެވެ. މަރުޙަބާކިޔަން އަޅާފައި އޮތް ރަތްދޫލައަކީ އަނގުރު އަލިފާންގަނޑެއް ފަދަ ހޫނު އެއްޗަކަށް ހަދައިފިނަމަ އެއީ ކުރެވޭ ހާދަބޮޑުފާފައެކެވެ.
ފިރިހެނުންނޭވެ! ކައިވެނިކޮށްގެން ގެއަށް އަންތބަކު ގެނެވުމުމަކީ އެހައި ކުޑަކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! އެކުރެވެނީ ވަރަށް ބޮޑުކަމެކެވެ. ތިބާ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ގެނެސް ގެއަށް ތިއަވެއްދީ ހަމަ ތިބާ ފަދައިން ދެމަފރިއެއްގެ ލޯބިވާ ދަރިއެކެވެ. އޭނާގެ ޢާއިލާގެ އެންމެންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާ އުޚުތެކެވެ.
ކައިވެނީގައި ތިބާ ތިއަ އިޤްރާރްވަނީ އެކަނބުލޭގެ ގެ މުޅި ޢާއިލާގެ އެންމެން އޭނާދެކެވީ ލޯބިވުމަށެވެ. އެއެންމެން އޭނާއަށް ދިން ލޯބިދިނުމަށެވެ. މައިންބަފައިންނާއި އޭނާގެ އަޚުންފަދައިން އޭނާގެ ބެލެނިވެރިކަން ބެލެހެއްޓުމަށެވެ. ކައިވެނި ކައިވެންޏަކަށްވާނީ މިބުނި ހުރިހާ ކަންކަމާއި ފިރިމީހާ ޙަވާލުވުމުންނެވެ.
އަމިއްލަ ޢާއިލާގެ ތެރޭގައި ޚިޔާލުތަފާތުވުމާއި މިޒާޖުތަފާތުވުމުގެ ކަންކަން ހުންނަފަދައިން ބޭރުން ގެނެވުނު އަނބިމީހާގެކިބައިގައިވެސް ތަފާތުތަކެއް ހުންނާނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ! އަމިއްލަ ޢާއިލާގެތެރޭގައިވެސް އެންމެ ހިތްހަމަނުޖެހޭ ގޮތަށް ކަންތައްތަކެއް ހުންނައިރު ބޭރުންގެނެވުނު އަނބިމީހާގެ ހުރިހާ ކަންކަން ތިބާ ޢާއި ގޭގެ އެންމެން އެންމެ ހިތްހަމަޖެހެ ގޮތަށް ހުންނާނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ!
އަނބިމީހާ ގެއަށް ގެނައުމަށްފަހު އޭނާގެ ކިބައިން ތިބާ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނިއްޖެނަމަ ފުރަތަމަކަމަކަށްވެސް ވަރަށް މަޑުމައިތިރިކަމާއިއެކު ވަރަށް ލޯބިން އެކަމެއް އިޞްލާޙްކުރަން އަނބިމީހާގާތު ބުނެލާށެވެ! އަދި އެކަންކަން ތިބާ ބޭނުންވާ ގޮތަށް އިޞްލާޙްކުރަން މުއްދަތެއްވެސް ދޭންވާނެއެވެ.
އަހަރެންގެ އިލްތިމާސަކީ އަނބިމީހާއަށް އޭނާގެ މައިންބަފައިން ދިން ލޯބި ނުދެވޭނެނަމަ ކައިވެނިނުކުރުމެވެ. މީހެއްގެ ދަރިއެއް ގެއަށް ގެނެސް ހިތުގައި ޖައްސަން އެއްވެސް ފިރިހެނަކަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ! އހައްޤު ލިބިގެންވާ އެއްވެސް ފިރިހެނަކު ނުހުންނާނެއެވެ.
ޙަދީޘްފުޅުގައިވަނީ އެންމެ ރަނގަޅު މީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށެވެ. މިޙަދީޘްފުޅު އަހަރެން މާނަކުރާނީ އެއަށްވުރެ މާފުޅައުކޮށެވެ. އެއީ އަނބިމީހާއަށާއި މުޅި ޢާއިލާއަށްވެސް އެންމެ ހެޔޮ މީހާ ކަމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން