ފާފަކުރުންމަތީގަ ހުއްޓާ ތައުބާ ނުވެވި ދުނިޔެ ދޫކުރަންޖެހޭ މީހުން މިހާގިނައިރު ތިމާގެ ނިމުން އޮތްގޮތް އެނގޭނީ ކާކަތަށްތަ؟ މިކަންކަމަށް ވިސްނާ ބިރުވެތިވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ފާފަކުރުންމަތީގަ ހުއްޓާ ތައުބާ ނުވެވި ދުނިޔެ ދޫކުރަންޖެހޭ މީހުން މިހާގިނައިރު ތިމާގެ ނިމުން އޮތްގޮތް އެނގޭނީ ކާކަތަށްތަ؟ މިކަންކަމަށް ވިސްނާ ބިރުވެތިވެބަލަ!

\ފުރަތަމަވެސް ވިސްނާލަންޖެހެނީ ތިމާއަށް ކުރިމަތިވެދާނެ ޙާލަތަކަށެވެ. ފުރަތަމަ ކަމަކީ ބުއްދި ފުރިހަމަ ނޫން ގޮތުގައި ދުނިޔެއަށް އުފަންކުރައްވަވައިފި މީހެއްގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ނަމަވެސް ބުއްދި ފުރިހަމަ މީހެއްގެ ގޮތުގައި އުޅެމުންދަނިކޮށް ކުރިމަތިވާ ކަމެއްގެ ސަބަބުން ބުއްދިއަށް ކަމެއްވީނަމަވެސް އަދި ޚާއްޞަ ޙާލަތަކަށް ދާންޖެހުނަސް މިކަން ތަފާތުވެގެންދެއެވެ.

އެފަދަ ޙާލަތުގައި އެމީހާގެ ޢުމުރުން ދެން ބާކީ އިތުރަށް އޮތްދުވަސްތަކާއިމެދު ބައްލަވައިވޮޑިގަންނަވާނީ އެޙާލަތު އެމީހަކާއި ކުރިމަތިވިއިރު އެމީހަކު އުޅެމުން އައި ގޮތުގެ މައްޗަށެވެ.

މީސްތަކުންނޭވެ! މަރު އައިސް ތިމާ އާއި ބައްދަލުކުރާނީ ކޮންވަގުތަކުކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ބައްޔެއްޖެހި ކޯމާއަށްދާނީ ކޮންވަގުތަކުކަމެއް، ނުވަތަ ހަމަބުއްދިފިލައިދިއުން ފަދަ ކަމެއް މެދުވެރިވާނީ ކޮންވަގުތަކުކަންވެސް ނުއެނގޭނެއެވެ.

ތައުބާ ނުވެވި ހުއްޓައި މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެމީހަކާއިމެދު ބައްލަވައިވޮޑިގަންނަވާނީ ހަމަހޭގައި، ގަދަވެސަލާމަތުން ހުރިއިރު އެމީހަކު އަމަލުކުރި ގޮތުގެ މައްޗަށެވެ. ތިބާއަކީ ފާފަކުރަމުން އައި މީހަކުނަމަ ތިބާވާނީ ފާފަކުރުމުގައި ދެމިހުރި މީހަކަށެވެ. ތައުބާވެ ރަނގަޅު ގޮތުގައި އުޅެމުންދަނިކޮށް އެފަދަ ޙާލަތެއް ކުރިމަތިވެ ތިބާއަށް ހެޔޮ ޢަމަލެއް ނުކުރެވުނަސް ތިބާވާނީ ހެޔޮ ޢަމަލުކުރުންމަތީގައި ހުރި މީހަކަށެވެ. ކިތަންމެ ދިގު މުއްދަތަކަށް ދުނިޔޭގައި ހުރިނަމަވެސް އެހުރެވެނީ ހެޔޮ ޢަމަލުކުރުންމަތީގައެވެ.

ފާފައެއް ކުރެވުމާއި ފާފަކުރުންމަތީގައި ދެމިހުރުމަކީ ވަރަށް ތަފާތުކަންބޮޑު ދެކަމެކެވެ. ފާފައެއް ކުރެވުމުން ތައުބާވެއްޖެނަމަ އެމީހެއްގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވަތެވެ. އިން ޝާ ﷲ. ނަމަވެސް ބިރުހުރީ ފާފަކުރުންމަތީގައި ދެމިތިބޭ މީހުންނަށެވެ. މި2 އާޔަތް އަޑުއަހާށެވެ!

"ތައުބާ ލެއްވެވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއިއެކު ނުބައި ކަންތައްތައްކޮށް، ދެން އެކަންތައް ކުރުމާއި ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ، ﷲ އެއުރެންގެ މައްޗަށް ތައުބާ ލައްވަވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 17)

"އަދި ނުބައިކަންތައްތައް ކޮށްކޮށްތިއްބައި އެއިން މީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު މިހާރު ތިމން ތައުބާ ވެއްޖަމޭ ބުނާމީހުންނާއި، ކާފިރުންކަމުގައި ތިބެ މަރުވާ މީހުންނަށް ތައުބާ ލެއްވެވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވެވީމެވެ." (އައްނިސާ: 18)

މިބަޔާންކުރި 2 އާޔަތުން އެނގިގެން މިދަނީ ފާފަކުރުންމަތީގައި ދެމިހުއްޓައި މަރުވެއްޖެނަމަ އެމީހަކަށް އެއްވެސް ސަލާމަތްކަމެއް ނެތްކަމެވެ. އެމީހަކު ކިތަންމެ ވަރަކަށް އާދޭސް ދެންނެވިނަމަވެސް އެމީހެއްގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. ވީމާ ކޮންމެވަގުތަކުވެސް ތިމާ މަރުވެދާނެކަމާއި އަދި ތައުބާވުމަށް ނުކުޅެދޭ ޙާލަތަކަށް ތިމާ ހިނގައިދާނެކަން ޤަބޫލުކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން