ކޮންމެ އަޅުކަމެއް ކުރަންވެސް މީސްތަކުންނަށް ހަނދާންކޮށްދިނުމަކީ އަޅުކަމެކެވެ. އެހެން މީހުންނަށް ހަނދާންވެ އަޅުކަން ކުރުމުން އެކަމުގެ ފައިދާ ހަނދާންކޮށްދިން މީހާއަށް ކުރާނެތީއެވެ. ހަނދާންކޮށްދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ.
ހަމަ އެއާއިއެކު ކޮންމެ ސުންނަތެއްވެސް ދިރުވައި އާލާކުރަން މަސައްކަތްކުރުމަކީވެސް ވަރަށް މަތީ ދަރަޖައަކަށް ޘަވާބު ދެއްވަވާނެ ކަމެކެވެ. ބައަކު ކަނޑައަޅާ ދުވަސްތައް ފާހަގަކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ދީނުގައިވާ މަގުން ދީނުގައިވާ ދުވަސްތަކުގައި އެދުވަހަކު ކުރަން އޮންނަ އަޅުކަމެއް ކުރުމުންނެވެ. މުސްލިމުން ފާހަގަކުރަންވީ ދުވަސްތައް ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައިފައެވެ. ވީމާ އެންމެ ފުރަތަމަ ސަމާލުކަންދޭންވީ އެދުވަސް ފާހަގަކުރުމަށެވެ.
ރަމަޟާން މަހުގެ ދުވަސްތަކުގައި ޢުޛުރެއް ދިމާވެގެން ރޯދަ ނުހިފުނުނަމަ ފަހުން ޤަޟާކުރަންޖެހެނީ އެއީ ވާޖިބަކަށްވާތީއެވެ. ސުންނަތް ރޯދައެއް ގެއްލިއްޖެނަމަ އެފުރުޞަތު ގެއްލިގެން ދިއައީއެވެ. ނަމަވެސް އާދަކޮށް ސުންނަތް ރޯދަހިފާ މީހުންނަށް ޢުޛުރެއް ދިމާވެގެން ރޯދަނުހިފުނަސް އޮތީ ވަަރށް އުފާވެރި ޚަބަރެކެވެ.
"ތިއަ ބޭކަލުންނާއި ކަނބަލުންނަކީ ޢުޛްރުވެރިންކަމުގައި ނުވިނަމަ ރޯދަހިފީހެވެ. އެހެންކަމުން ތިއަބައިމީހުން ރޯދަހިފިކަމަށް ލިޔުއްވަވާނެތެވެ. އެކަމުގެ ޘަވާބު ދެއްވަޥާނެތެވެ." އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން