ކަންކަން ކުރިމަތިވުމުން ނަފްސް ކޮންޓްރޯލްނުކުރެވޭ ހިސާބަށް ކަންކަން ދަނީ ކީއްވެގެންތޯ؟ ބައެއް ފަހަރު އަޅުގަނޑަށް އެކަން އެބަ މެދުވެރިވޭ!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. އިން ޝާ ﷲ މަގެއް ފެންނާނެއެވެ.
އަހުރެމެން ކާރެއްގައި ދަތުރުކުރާއިރު ނުދަންނަ މަގުތަކަކުން ދުއްވާނަމަ ބިރުގަނެއެވެ. ގެންދަން އުޅެނީ ނުބައި މަންޒިލަކަށް ކަމަށް ޤަބޫލުކުރެވި ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށްވެސް ގުޅައި ކަންބޮޑުވުން ފައުޅުކުރެވެއެވެ.
އެއީ ޑްރައިވަރާއިމެދު އިތުބާރުނެތީތީއެވެ. އިތުބާރު ކުރެވޭ ޑްރައިވަރަކު ކޮންމެ މަގަކުން ދަތުރުކުރިނަމަވެސް ކަންބޮޑެއްނުވާނެއެވެ. އިތުބާރު ކުރެވޭ ޑްރައިވަރަކާއިއެކު ދަތުރުކުރެވޭނަމަ ގިނަ ފަހަރަށް ބޭރުބަލައި އޭނާ ދަތުރުކުރަނީ ކޮން މަގަކުންކަން ބަލަންވެސް ބޭނުމެއް ނުވާނެއެވެ. އެއީ ގެންދާނީ ދާން ބޭނުންވާ މަންޒިލަށްކަން ޔަޤިންކުރެވޭތީއެވެ.
އަހުރެމެންގެ ޙަޔާތުގެ ދަތުރާއިމެދުގައިވެސް ވިސްނަންވީ ހަމަ މިއުޞޫލުންނެވެ. ދަތުރުގެ ޑްރައިވަރަކީ ނުވަތަ މާލިމީއަކީ ﷲ ތަޢާލާ ކަމަށް ޔަޤީންކުރާށެވެ! އަހުރެމެންނަށް ދެރައަކަށްވާނެ އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރާށެވެ!
އެޔަޤީންކަން ލިބިގަނެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެވިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވިގެންނެވެ. ތަޤްވާވެރިކަން މިކިޔަނީ އެކަންކަމަށެވެ. ތިމާއަކީ ތަޤްވާވެރިއަކަށް ވެވިއްޖެނަމަ ކުރިމަތިކުރައްވަވާ ކޮންމެ ކަމަކަށްވެސް ކެތްތެރިވުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
ދިރިއުޅެމުންދާއިރު ކަމެއް ދިމާވުމުން އަމިއްލަ ނަފްސް ކޮންޓްރޯލުން ނައްޓައިލާ ހިސާބަށް ކަންކަން ދަނީ މިބަޔާންކުރިފަދައިން ﷲ ތަޢާލާއަށް އިތުބާރުނުކުރެވޭތީއެވެ. އިތުބާރުކުރެވޭނަމަ ކަންބޮޑުވާންޖެހޭ ޙާލަތުގައިވެސް ތިމާގެ ނަފްސް ކޮންޓްރޯލް ކުރެވޭނެއެވެ. އިން ޝާ ﷲ
މީގެ މާނައަކީ ދެރަވާން ޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ދެރަ ނުވާނެ ވާހަކައެއް ނޫނެވެ. އަދި ކަންބޮޑުވާންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކަންބޮޑުނުވާނެ ވާހަކައެއްވެސް ނޫނެވެ. އެކަންކަމާއިއެކުގައިވެސް އަމިއްލަ ނަފްސަށް އިތުބާރުކުރެވޭނެ ވާހަކައެވެ. ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކަން އޮންނާނެ ވާހަކައެވެ.
- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން