މިހާރަކަށް އައިސް ހާމަ ތަންތަނުގައި އެންމެންނަށް ފެންނަ ގޮތަށް އެއްވެސް ލަދުވެތިކަމެއްވެސް ނެތި ފާފަކުރުން މިއަންނަނީ އިތުރުވަމުންނެވެ. މިއީ ކުރެވޭ ކިހައި ބޮޑު ފާފައެއްކަމާއި އެކަމުން ލިބިދާނެ ބޮޑު ދެރައާއިމެދު ވިސްނައިލަނީވެސް މަދު މީހެކެވެ.
ﷲ ތަޢާލާގެ ރަހްމަތް ހުރިހާ މުސްލިމުންނަށްވެއެވެ. އަދި ހުރިހާ މުސްލިމުންނަށްވެސް ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. އެންމެ މީހަކަށް ފިޔަވައެވެ! އެއީ ކުޑަޔަސް ބޮޑަސް މީސްތަކުންގެ ކުރިމަތީގައި ހާމައަށް ފާފަކުރާ މީހާއެވެ! އެމީހާ ކުރި ފާފަ ﷲ ތަޢާލާ ސިއްރު ކުރައްވަވާފައި ވަނިކޮށް އަމިއްލައަށް ހާމަކޮށް ބޭޒާރުކުރާ މީހާއެވެ.
މިކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުގައި އެކަމުގެ މިޘާލުވެސް ވަނީ ދައްކަވައިފައެވެ. އެއީ ރޭގަނޑު ފާފަކުރުމުން އެކަން ﷲ ތަޢާލާ ސިއްރުކޮށް ދެއްވަވާފައިވަނިކޮށް ހެނދުނު ތެދުވެ ރޭގަނޑު އޭނާކުރި ފާފައިގެ ވާހަކަ މީސްތަކުންނަށް ކިޔައިދޭ މީހާކަމުގައެވެ.
އޭނާއަކަށް ﷲ ތަޢާލާގެ ރަޙްމަތެއް ނުވެއެވެ.
މީސްތަކުންނޭވެ! އަހުރެމެންނަށް ސަލާމަތްކަން އޮތީ ﷲ ތަޢާލާގެ ރަޙްމަތުންނެވެ. ކޮންމެ މީހަކަށް ނަމަވެސް ސުވަރުގެ ވަދެވެން އޮތީ ﷲ ތަޢާލާގެ ރަހްމަތުންނެވެ. ފާފަތައް ފުއްސަވައިދެއްވެވުން އޮތީ ﷲ ތަޢާލާގެ ރަޙްމަތުންނެވެ.
ވީމާ އެމީހަކަށް ފާފައެއް ކުރެވުނަސް ހަމައެކެއްގެ ގާތުގައިވެސް އެކަމުގެ ވާހަކަނުދައްކާށެވެ! ﷲ ތަޢާލާގެ ރަހްމަތުން ބޭރުކުރައްވަވައިފާނެކަމަށް ބިރުވެތިވާށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން