އަތުގަ ފައިސާ ގިނަ މީހުންނަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ މީހުންކަމަށް ހީކުރަންވެސް ހެޔޮ ނުވާނެ! އެއީ މާނުރައްކާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަތުގަ ފައިސާ ގިނަ މީހުންނަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ މީހުންކަމަށް ހީކުރަންވެސް ހެޔޮ ނުވާނެ! އެއީ މާނުރައްކާ ކަމެއް!

ދުނިޔޭގައި ގިނައީ ދަތިޙާލުގައި އުޅޭ ފަޤީރުންނެވެ. ނަމަވެސް ތަނަވަސްކަން ލިބިގެންވާ އެތައް ބައިވަރު ބައަކުވެސް އެބަ އުޅެއެވެ. އެހެންވެ ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތަނަވަސްކަން ލިބެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންނަށް ކަމަށެވެ.  

މިއީ އެންމެ ނުބައި އެއް ވިސްނުމެވެ. އެހެނީ ކީރިތި ޤުރްއާނުގައި ހުރި ވާހަކަތަކަށް ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާ ކޯފާ ލެއްވެވި ޤައުމުތަކަށް ކަންކަން މެދުވެރިކުރެއްވެވި ގޮތަށެވެ. އެމީހުންނަށް ތަނަވަސްކަން ދެއްވަވަތެވެ. އެތަނަވަސްކަން އެތައް ގުނައަކަށް އިތުރުކުރައްވަވަތެވެ. އެކަމަކުވެސް އެމީހުން ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވަނީއެވެ. ނުކިޔަމަންތެރިކަން އިތުރުކުރަނީއެވެ.  

ތަނަވަސަކަން އިތުރުވެގެން މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެނަމަ ޤާރޫނަށް ލިބުނީސް ނޫންހެއްޔެވެ؟ އެކަމަކު އޭނާ ލެއްވެވީ ޤިޔާމަތާއި ހަމައަށްވެސް ގަދަފަދަ ޢަޛާބު ލިބިލިބި ހުންނަ މީހެއްކަމުގައި ނޫންހެއްޔެވެ؟ މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމަކީ ވަރަށް ވަރުގަަދ އިމްތިޙާނެއް ކަމެވެ.  

މީސްތަކުންނޭވެ! ކިތަންމެ ތަނަވަސް ނަމަވެސް އަދި ފަޤީރުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކަށް އެއްވެސް ތަފާތެއް ނެތެވެ. ތަފާތުކޮށްދޭނެ ހަމައެކަނި ކަމަކީ އެމީހާގެ ތަޤްވާވެރިކަމެވެ. ވީމާ ބަލަންވީ ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމުގައި ވުމަކަށް ނޫނެވެ! ގަދައަޅައި މަސައްކަތްކުރަންވީ އެންމެ ތަޤްވާވެރި މީހާ ކަމުގައިވުމަށެވެ. ކާމިޔާބު ލިބިގެންވާ ޙަޤީޤީ މުއްސަނދިންނަކީ ހަމައެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން