ހެޔޮޢަމަލުކުރުމަކީ ކުރަން އުނދަގޫކަމަކަށްވާނަމަ އެކަން ފަސޭހަވުން އެދިގެން ކުރެވިދާނެ ކަންކަން އެނގެން އެބައޮތެވެ. ހެޔޮ ޢަމަލުތައް ކުރަން ފަސޭހަވެ އެމީހަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ 3 ޢަމަލު ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
އެއީ ރޯދަހިފުމާއި ޞަދަޤާތް ދިނުމާއި ދަމުނަމާދުކުރުމެވެ.
ހިފާ ކޮންމެ ރޯދައެއް އެމީހަކާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެއެވެ. އަދި ރޯދައަށް ޘަވާބު ދެއްވެވުން ވަނީ އިމެއް ނެތި ކަމުގައިވާތީއެވެ. ޞަދަޤާތަކީ ފެން އަލިފާން ނިއްވާ ފަދައިން ފާފަތައް ފުހެލައިދޭ ކަމަކަށްވާތީއެވެ. އަދި ދަމުނަމާދަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެންމެ ބޮޑަށް ލިބޭނެ އެއް ޢަމަލުކަމުގައިވާތީއެވެ.
ނަރަކައިން ސަލާމަތްވުމާއި ސުވަރުގެ ލިބުމަށް މަގުފަހިވެގެންދަނީ އެމީހަކު އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. އެއީ ހަމަ ހުއްޓައި ލިބޭނެ ނިޢްމަތެއް ނޫނެވެ. ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ! އަމިއްލަ ބޭނުންތައް ނުފުއްދައިވެސް ޞަދަޤާތްކުރާށެވެ! އަދި ދަމުނަމާދަކީ ކުރަން ބޭނުން މީހަކަށް ނުކުރެވިގެން ކަންބޮޑުވާންޖެހޭނެ ނަމާދެއް ނޫނެވެ. އޮތީ އެމީހެއްގެ ކިބައިގައި ހިތްވަރުހުރި ވަރެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން