އަހުރެން މުސްކުޅިވިއިރު އަތުގައި ފައިސާ ހުއްޓެވެ. ހުރި އެންމެ އަންހެން ދަރިފުޅު އެފައިސާއަށް އެދުމުން ބުނީމެވެ. "ދަރިފުޅާއެވެ! ދަރިފުޅަށް އުޅެވޭވަރަށް މިހާރުވެސް ފައިސާ ލިބެއެވެ. މަްނމަގެ އެކައުންޓުގައި ހުރި ފައިސާ ދަތިޙާލެއްގައި ޖެހޭ ދުވަހަކަށް ބަހައްޓާށެވެ! ނޫންނަމަ މަންމަ މަރުވުމުން ނަގައި ބޭނުންކުރާށެވެ!"
އަތްތުރުތުރުއަޅާވަރުން އުފުލައި ނުގެންގުޅެވޭވަރުވަންދެން މާމަދަރިފުޅު ބަލައިދިނީމެވެ. ގޭގެ މަސައްކަތްވެސް ކުރީމެވެ. މަސައްކަތް ނުކުރެވޭވަރުވުމުން އަހުރެން ގެންގޮސްލީ މުސްކުޅިން ބަލަހައްޓާ ތަނަކަށެވެ. އެތަނަށްލާފައި ދިއައީ އަހުރެންގެ މޫނަށް ބަލައިވެސް ނުލައެވެ.
އެތަނުގެ ކޮޓަރިއެއްގައި އިންދައި ޒުވާން ފިރިހެން ކުއްޖަކު އަހުރެންނަށް ޒިޔާރަތްކޮށް ހެޔޮކޮށް ހިތަން ފެށިއެވެ. ދަރިއެއްގެ ލޯބިދޭން ފެށިއެވެ. ދުވަސްކޮޅެއްފަހުން އޭނާގެ ގެއަށް އަހުރެން ބަދަލުކުރިއެވެ.
އެއީ ތަނަވަސްކުއްޖެކެވެ. އަހުރެންގެ އަތުން އެއްވެސް ފައިސާއެއް ބޭނުމެއް ނުކުރެއެވެ. އޭނާ ބުނީ އޭނާ ކުޑައިރު މަންމަ ނިޔާވީ އެފަދަ ތަނެއްގައި އިނދެ ކަމަށާއި ބޮޑުވުމުން މިހާރު ބޭނުންވަނީ ކުޑަކަމުން އެއިރު މަންމައަށް ކޮށްނުދެވުނު ޚިދުމަތް އަންހެނަކަށް ކޮށްދޭން ކަމަށެވެ. އެހެންވެ އަތުގައި ހުރި ހުރިހާ ފައިސާ އޭނާގެ އެކައުންޓަށް \ބަދަލުކުރީމެވެ. ބުނީމެވެ. "އަހުރެން މަރުވީމާ އަހުރެން ކުރިން އިން މުސްކުޅިން ބަލަހައްޓާ ތަނަށް މިފައިށާ ހަދިޔާކޮށްފައި އެތަނުގައި ތިބޭ ތަނަވަސްކަން ކުޑަ ނިކަމެތިންނަށް ޚަރަދުކުރަން ބުނާށެވެ!"
އަނެއް ދުވަހު ދަރިފުޅު ފުރަތަމަ ފަހަރަށް ފޯނުކުރިއެވެ. ފުރަތަމަވެސް ކުރި ސުވާލަކީ މަްންމަގެ އެކައުންޓުގައި ހުރި ފައިސާ އެެހެން އެކައުންޓަކަށް ބަދަލުކުރީ ހެއްޔެވެ؟ ޖަވާބުގައި ބުނީމެވެ. "އާނއެކެވެ! މަރުވުމުން އަހުރެންނަށް އެންމެ ފައިދާކުރާނެ އެކައުންޓަކަށެވެ." އެހެން ބުނުމުން އަހުރެންގެ ޙާލުވެސް އަހާނުލައި ފޯނު ކަނޑައިލީއެވެ.
އަހުރެން ދެރައެއް ނުވަމެވެ. އަހުރެން ގެންގޮސް އެތަނަށް ދޫކޮށްލި ދުވަހުން ފެށިގެން އަހުރެން އިނީ ދަރިފުޅުގެ މަތިން ހިތް ދޫކޮށްލައިގެންކަމަށްވާތީއެވެ.
މިހުންނަނީ ވަރަށް މުހިންމު ފިލާވަޅުތަކެވެ. މައިމީހާ މުހިންމު ނުވެ މައިމީހާގެ ތަނަވަސްކަން މުހިންމުވާ ދަރިންނަށް އަގުހުރި ފިލާވަޅެވެ. އޭނާއަކީ ހެޔޮލަފާ ރަނގަޅު އަންހެނަކަށްވުމުން އޭނާގެ ދަރިފުޅުގެ ލޯބި ނުލިބުނީމާ އެދެއްވެވީ އޭނާ ދެކެ ލޯބިވާނެ ދަރިއެކެވެ. އެނގިގެން މިދިއައީ ހެޔޮލަފާ މައިން ނިކަމެތި ނުކުރައްވަވާނެ ކަމެވެ.
އެދަރިފުޅު އެނަގައިލީ މަންމައަށް ހެޔޮކޮށް ހިތުމުން ލިބެން އޮތް ޘަވާބާއި މަންމަގެ ކިބައިން ވާރުތަވާން އޮތް ތަނަވަސްކަމެވެ. އެލިބުނީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެ ދެރައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން