ދުނިޔޭގައި ޖުރުމަނާ ދެއްކުމުން ބައެއް ކުށްތަކުން ސަލާމަތްވެވެއެވެ. ތިބާގެ ޢަމަލުތައް ޙިސާބުކުރެވޭ ދުވަހުވެސް އެކަން އޮތީ ހަމައެގޮތަށެވެ. ނުބައި ޢަމަލުތަކަށްވުރެ ހެޔޮ ޢަމަލުތައް ގިނަ ނުވެއްޖެނަމަ އެއޮތީ ޖުރުމަނާ ނުދެއްކިފައެވެ. އިތުރު ފުރުޞަތެއް ނުލިބޭނެއެވެ. މަލާއިކަތުން ތިބާ ނަރަކައިގެ ފޭރާމުން ފޭރާން ލައްވާނެއެވެ. އަތްފައިގައި ޗޭނުޖަހައި ނަރަކައަށް އެއްލަވައިލައްވަވާނެތެވެ. ދެން ބޮޑަށް ސަމާލުކަންދީގެން އަޑުއަހާށެވެ!
ތިބާއަށް އިނދެވުނީ ނުވަތަ އޮވެވުނީ ކޮންމެ ތަނެއްގައި ކޮންމެ ބައަކާއިއެކުގައިކަމަށްވެސް ވެދާނެއެވެ. ކުއްލިއަކަށް ތިބާގެ ފައި ފިނިވާންފެށީއެވެ. މަރުގެ މަލާއިކަތުން ފައިބާވަޑައިގެން ތިބާގެ ފުރާނަ ހިއްޕަވަނީއެވެ.
އެވަޤުތު ތިބާގެ ލޮލަށް ފެންނަނީ ނަރަކައިގެ، ޢަޛާބުގެ މަލާއިކަތުންކަމަށްވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ސަލާމަތްވާން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މަރުގެ މަލާއިކަތުން ތިބާގެ ލޮލަށް ފެންނަ ވަޤުތުން ފެށިގެން ތައުބާވުމުގެ ދޮރު ބަނަދުވެގެންދާކަން ﷲ ތަޢާލާ ކުރިއާލައި ތިބާއަށް އަންގަވާފައިނުވޭހެއްޔެވެ؟
ތިބާގެ ފުރާނަ ހިއްޕެވީ ޢަޛާބުގެ މަލާއިކަތުން ކަމަށްވެއްޖެނަމަ ތިބާގެ ފުރާނައަށް އުޑުގެ އެއްވެސް މަލާއިކަތަކު މަރުޙަބާ ވިދާޅުނުވާނެކަމާއި އެފުރާނައަށްޓަކައި އުޑުގެ އެއްވެސް ދޮރުކޮޅެއް ނުހުޅުވޭނެކަމާއި ބިމަށް ވައްޓައިލެވޭނެކަން ނުއެނގެނީ ހެއްޔެވެ؟ ވައްޓައިލެވުމުން ކައްވަޅުގައި އޮންނަން ޖެހޭނީ ޢަޛާބު ލިބިލިބި ކަމާއި ޤިޔާމަތް ދުވަހުން ވާނީ ނަރަކައިގެ ގަދަފަދަ ޢަޛާބުލިބޭނެ މީހުންގެ ތެރެއިންކަން ނުއެނގެނީހެއްޔެވެ؟
މީސްތަކުންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! ތިބާގެ ފުރާނަ ހިއްޕަވަން ފައިބާވަޑައިގަންނަވާނީ ސުވަރުގޭގެ، ރަޙްމަތުގެ މަލާއިކަތުން ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ތިބާގެ ފުރާނައަށްޓަކައި އުޑުތަކުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. އުޑުތަކުގެ މަލާއިކަތުން މަރުޙަބާ ވިދާޅުވާނެތެވެ. ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭހިނދު ތިބާއަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ތިމާގެ އާޚިރަތާއިމެދު ގޮތް ނިންމުން ވަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. ﷲ ތަޢާލާގެ ރަޙްމަތަސް އެދިގެން ދުނިޔޭގައި މަސައްކަތްކޮށްފި މީހާ މާޔޫސް ނުކުރައްވަވާނެކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގެން އޮތްއޮތުމުން އެކަމަށް ޝައްކުކުރާނެ އެއްވެސް ޖާގައެއް ނެތެވެ. އޮތީ ޔަޤީންކުރުމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން