ފުރަތަމަ ކަމަކަށް ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެ އެއްކަމަކީ ހަސަދަވެރިވާނެ ބައަކު އަބަދުވެސް ތިބޭނެކަމެވެ. އެންމެންނަކީ ހެޔޮއެދޭނެ ބައެއް ނޫންކަމެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެއީއަކީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެންމެންގެ ރުހުން ލިބުނު، ޙަސަދަވެރިވާނެ ބައަކު ނެތް ހަމައެކަކުވެސް ދުނިޔޭގައި އުޅެފައި ނުވާތީއެވެ.
އެކުގައި އެއްތަނެއްގައި މަސައްކަތްކުރާއިރުވެސް ޖެހޭ މައްސަލައެކެވެ. ތިބާއާއިމެދު ދޮގު ވާހަކަތައް ފަތުރައިފާނެއެވެ. އެހެން މީހުންގެ ހިތުގައި ނަފްރަތު އުފައްދުވަންވެސް މަސައްކަތްކޮށްފާނެއެވެ. އަދި ވަޒީފާއަށް ހުރަސްއަޅަންވެސް މަސައްކަތްކޮށްފާނެއެވެ.
އެހިނދުގައި މާޔޫސްނުވާށެވެ! ފުރަތަމަވެސް ބަލައިލަންވީ އެމީހުން އެކިޔާ އެއްޗެއްގައި ތެދެއް އޮތްތޯއެވެ. ތެދެއް އޮތްނަމަ އެކަމެއް އަވަހަށް އިޞްލާޙްކޮށްލާށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށްވެސް އެދޭށެވެ.
ތެދެއް ނެތްނަމަ އުފާކޮށް ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ. އެހެނީ އެމީހުން ހެދީ ދޮގުކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެޙާލަތުގައި އޮތީ އުފާކުރުމެވެ. އެއީ އެމީހުން ކަންކަމުގެ ސަބަބުން ތިބާއަށް ޘަވާބު ލިބިގެންދާނެތީއެވެ.
ﷲ ތަޢާލާއަށް ޙަމްދުކުރިކަމަށްވާނީ ތިބާ ރައްދުނުދިނުމުންނެވެ. އެމީހުން ކުރިފަދަ ކަމެއް ތިބާ ނުކުރުމުންނެވެ. ރައްދުދީފިނަމަ ތިބާއަށް އެ ވެއްޓެވެނީ އެމީހުންނާއި އެއް ދަރަޖައަކަށެވެ. އެމީހުން ފަދައިން ތިބާއަށްވެސް ފާފައެއް ކުރެވުނީއެވެ.
މިމޭރުމުން ވިސްނާނަމަ މީހުން ކިޔާ އެއްވެސް އެއްޗަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް