ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޖިންނިންނަށް ހުރިހާ ކަންކަން އެނގޭނެކަމަށެވެ. ޤުރްއާންވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
كُنَّا مَعَ رَسُوْلِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ فَفَقْدْنَاهُ فَالْتَمَسْنَاهُ فِيْ الْأَوْدِيَةِ وَالشِّعَابِ فَقُلْنَا اُسْتُطِيْرَ أَوْ اُغْتِيْلَ قَالَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَلَمَّا أَصْبَحْنَا إِذَا هُوَ جَاءَ مِنْ قِبَلِ حِرَاءَ قَالَ فَقُلْنَا يَا رَسُوْلُ اللَّهِ فَقَدْنَاكَ فَطَلَبْنَاكَ فَلَمْ نَجِدْكَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَقَالَ أَتَانِيْ دَاعِيْ الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمْ الْقُرْآنَ قَالَ فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيْرَانِهِمْ وَسَأَلُوْهُ الزَّادَ فَقَالَ لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللَّهِ عَلَيْهِ يَقَعُ فِيْ أَيْدِيْكُمْ أَوْفَرَ مَا يَكُوْنُ لَحْمًا وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ فَقَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَا تَسْتَنْجُوْا بِهِمَا فَإِنَّهُمَا طَعَامُ إِخْوَانِكُمْ (رواه مسلم)
އެއްރެޔަކު ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކުގައިވީމެވެ. އެއަށްފަހު ތިމަންބޭކަލުންނަށް އެކަލޭގެފާނު ގެއްލިވަޑައިގަތެވެ. (ޔަޢުނީ: އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަތެވެ.) ދެން ފަހެ ތިމަންބޭކަލުން، ވާދީތަކާއި މަގުތަށް ހޯދީމެވެ. (ނަމަވެސް އެކަލޭގެފާނު ފެނިވަޑައިނުގަތެވެ.) އަނެއްކާ ޖިންނިއެއް އެކަލޭގެފާނު ގެންދިޔައީ ބާވައެވެ! ނުވަތަ ކޮންމެވެސް ބަޔަކު، ސިއްރުން އެކަލޭގެފާނު ޝަހީދުކޮށްލީ ބާވައެވެ! މިފަދައިން ތިމަންބޭކަލުން ބުނަމުން ދިޔައީމެވެ. ތިމަންބޭކަލުން އެރޭ ހޭދަކުރީ، ބަޔަކު ރެއެއް ހޭދާކުރާނޭ އެންމެ ހިތްދަތިކަމާއި މާޔޫސްކަމާ އެކުގައެވެ. ދެން މިގޮތުގައި ތިއްބަވަނިކޮށް، ފަތިސްވަގުތުވެއްޖެއެވެ. އެވަގުތު ހިރާފަރުބަދައާއި ދިމާލުން އެކަލޭގެފާނު ވަޑައިގަންނަވަނީއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުން، ކަލޭގެފާނު ގެއްލިވަޑައިގެން ވަރަށް ކަންބޮޑުވެ، ކަލޭގެފާނު ހޯއްދަވައިފީމެވެ. ދެން ކަލޭގެފާނު ފެނިވަޑައިނުގަތުމުން، ތިމަންބޭކަލުން ރޭ ހޭދަކުރީ ބަޔަކު ރެއެއް ހޭދަކުރާނޭ އެންމެ ހިތްދަތިކަމާއި މާޔޫސްކަމާ އެކުގައެވެ.
އެހިނދު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"ތިމަންކަލޭގެފާނުގެ އަރިހަށް، (ޖިންނީންނަށް ޤުރުއާން އުނގަންނަވައިދެއްވަން ދިޔުމަށް އެދި) ޖިންނިއެއް އަޔެވެ. ދެން އޭނައާއެކު ވަޑައިގެން، އެޖިންނީންނަށް ތިމަންކަލޭގެފާނު ޤުރުއާން ކިޔަވައިދެއްވީމެވެ."
އިބްނުމަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެހެން ޙަދީޘްކުރެއްވުމަށްފަހު، ތިމަންބޭކަލުންނާއިގެން ވަޑައިގެން ޖިންނީން އެތާގައި އުޅުނުކަމުގެ ނިޝާންތަކާއި، އެސޮރުމެން ރޯކޮށްފައިވާ އަލިފާނުގެ ނިޝާންތައް ތިމަންބޭކަލުންނަށް ދެއްކެވިއެވެ. (އެކަލޭގެފާނު އެ ޖިންނީންނާއި އެކުގައި އުޅުއްވި ވަގުތުކޮޅު) އެސޮރުމެން ކެއުމަށްޓަކައި ހުއްދަކުރެވިފައިވަނީ ކޮންއެއްޗެއްތޯއާއި، އެސޮރުމެންގެ ޖަނަވާރުތަކަށް ކާންދޭނީ ކޮންއެއްޗެއްތޯ، އެސޮރުމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
"(ކަތިލިއިރު) ﷲގެ އިސްމުފުޅު ކިޔާފައިވާ ކޮންމެ ޖަނަވާރެއްގެ ކަށްޓަކީ ތިޔަބައިމީހުންނަށްޓަކައި ކާނާއެކެވެ. ތިޔަބައިމީހުންނަށް އެކަށިލިބޭއިރު، އޭގެކުރީގައި އެކަށްޓާއެކުގައި ހުރި މަހަށްވުރެ ގިނަ މަސް ﷲތަޢާލާ އޭގައި ލައްވާނެތެވެ. އަދި (އިންސީންގެ) ޖަނަވާރުތަކުގެ ބޮޑުކަމުދާ އެއްޗިއްސަކީ ތިޔަބައިމީހުންގެ ޖަނަވާރުތަކުގެ ކެއުމެވެ."
ދެންފަހެ (މިވާހަކަތަށް ބަޔާންކޮށް ދެއްވުމަށްފަހު، ތިމަންބޭކަލުންނަށް) ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ޖަނަވާރުގެ ކަށްޓާއި، އޭގެ ބޮޑުކަމުދާ އެއްޗިހިން ތިޔަބައިމީހުން އިސްތިންޖާ ނުކުރާށެވެ. ފަހެ އެ އެއްޗިހި ވާކަން ކަށަވަރީ، ޖިންނީންގެ ތެރެއިންވާ ތިޔަބައިމީހުންގެ އަޚުންގެ ކާނާކަމުގައެވެ."
- ޝައިޚް މުޙައްމަދު ޝަމްޢޫންގެ ލިޔުއްވުމަކުން