ގޭގެ ޚަރަދުތައް ކުރުމުގެ ކަންކަން ހެޔޮލަފާ އަނބިންނަށް ޙަވާލުކުރުމަކީ ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ޖައްސަން މަގުފަހިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ގޭގެ ޚަރަދުތައް ކުރުމުގެ ކަންކަން ހެޔޮލަފާ އަނބިންނަށް ޙަވާލުކުރުމަކީ ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ޖައްސަން މަގުފަހިވާ ކަމެއް!

އެންމެންވެސް އުފާވެރި ދިރިއުޅުމަކަށް އެދެއެވެ. އެދޭނެވެސްމެއެވެ. އެހެނަސް ބައެއް މީހުން އެމީހުންގެ ބޭނުންތައް އޭނާއަށްވުރެ މާކުރިއަށް ނެރެއެވެ. މާނައަކީ ތިމާގެ ކިބައިގައި ނެތް ފެންވަރުން ކަންކަން ކުރަން ބޭނުންވެއެވެ. ޖީބުގައި ފައިސާ ނެތްވަރަށް ތަކެތި ބޭނުންވެއެވެ.  

އެފަދަ މީހަކަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެން ދީންތަކުގެ މީހުން ﷲ ތަޢާލާގެ މިންވަރުފުޅުގެ ވާހަކަ ނުދައްކައިފާނެއެވެ. ނަމަވެސް މުސްލިމުން އެވާހަކަ ދައްކަންޖެހޭނެއެވެ. މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމުގައި އޮންނަނީ އެހެންވެގެންނެވެ.  

ލިބޭ މިންވަރުން ފުދިގެން އުޅެން މިއަދު ޔުނިވަރސިޓިތަކުގައި ކިޔަވައިވެސްދެއެވެ. ރަނގަޅު އިޤްޠިޞޯދީ މާހިރަކަށް ވެވޭނީ ލިބޭ މިންވަރަށް ފުދިގެން އުޅެވިގެންނެވެ. އެހެންވެ ވަރަށް ގިނައިން ޢިލްމުވެރިން ވިދާޅުވެއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އަނބިމިހާއަކީ އިޤްޠިޞޯދީ މާހިރަކަށްވެގެންނެވެ.  

އަނބިމީހާއަށް ނިޞްބަތްކޮށް އެހެން އެވިދާޅުވަނީ ފިރިމީހާގެ ވިސްނުމާއި މަސައްކަތުން ކިތަންމެ ގިނަ ފައިސާ ހޯދިނަމަވެސް ޚަރަދުކުރުމުގައި އަނބިމީހާ ނުބަލާނަމަ ފުދުންތެރިކަންވެސް ތަނަވަސްކަންވެސް އިތުރުނުވާނެތީއެވެ. އަބަދުވެސް ދެކޮޅު ނުޖެހިގެން އުޅެންޖެހޭނެތީއެވެ.  

އެންމެ ތަނަވަސް މީހުންވެސް އަނބިމީހާއަކީ ހަރުދަނާ އަންހެނަކު ނަމަ ލިބޭ އާމްދަނީން ޚަރަދުކުރުމުގެ އިސްމީހަކަށް ނުވަތަ ގޮތް ކަނޑައަޅާ މީހަކަށް އަނބިމީހާ ހަދަނީ އެހެންވެގެންނެވެ. އަދި ކާމިޔާބު ހޯދިފައިވާ މީހުންނަށް ބަލައިފިނަމަ ގިނަވާނީ ޚަރަދުކުރުމުގެ ކޮންޓްރޯލް އަނބިމީހާއަށް ދީފައިވާ މީހުންނެވެ.  

މިބުނާ ބަހުގެ މާނައަކީ އަނބިމީހާ ކުރާ ކަންކަން ނުވަތަ ޚަރަދުތައް ފިރިމީހާ ނުބެލުމެއް ނޫނެވެ. އެކަން ބަލަންވެސް ޖެހޭނެއެވެ. އަނބިންނަށް ބުނެލަން އޮތީ ޚަރަދުކުރާގޮތް ފިރިމީހާ ބަލާތީ ކަންބޮޑުނުވާށެވެ! އެކަންކުރަން ފިރިމީހާއަށް ޖެހޭނެއެވެ. ފާރަވެރިއަކު ހުރުމަކީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ދަތުރުކުރާއިރު ހުންގާނުގައި މާލިމީ ހުރިނަމަވެސް ފަރަކަށް އަރާތޯ ބަލަން ދިރުނބާކޮޅުގައި ބައަކު ބައިތިއްބަނީ އެހެންވެގެންނެވެ.  

އެއްކަމެއް ފާހަގަކޮށްލާނަމެވެ. ފިރިމީހާ ހުރިހާ ޚަރަދުތަކެއް ކުރާނަމަ މުސާރައިން ހުސްވަމުންދާވަރު އަނބިމީހާއަކަށް ނުއެނގޭނެއެވެ. ނަމަވެސް ފައިސާ އަނބިމީހާ އަތުގައި ބަހައްޓައިގެން ޚަރަދުކުރާނަމަ ހުސްވަމުންދާވަރު އެނގޭނެއެވެ. އެކަން އެނގުމަކީ ޚަރަދުތައް ކުޑަކުރަން މަޖުބޫރުވާނެވެސް ސަބަބެކެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން